
ހެނބަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި

އާމިނަތު މޫސާ - 15 މޭ 2025 - 07:53
ނ. ހެނބަދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފަށައިފިއެވެ.
ނ. ހެނބަދޫގައި އޭޓީއެމް ހިދުމަތް ފަށްޓަވައިދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދުއެވެ.
މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުޙައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލީ މުހިންމު ހުރިހާ ހިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ހިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ 2024 ނޮވެމްބަރު 7 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ވަނީ ފަށާފައެވެ.
ބީއެމްއެލުން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓިއެމްއިން ހިދުމަތް ދޭމުންދާނެ ކަމަށް ބުނެފައެވެ.