logo

އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ރާއްޖޭން ބައިވެރިވެއްޖެ

profile

ޒިދާން މުޙައްމަދު - 25 އޮކްޓޯބަރު 2024 - 19:39

އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގެން އޯޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހު ވަނީ ވާހަކަ ދައްކަވައި، ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފައެވެ.

މި ފޯރަމްގައި ސްޓޭޓް މިނިސްޓަރ އިސްކަންދެއްވީ ކަނޑާ ގުޅުންހުރި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމު ކަމަށެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި، ކަނޑާއި ގުޅުންހުރި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމުގައި ދުނިޔޭގެ އެކި ޤައުމުތަކުން އެއްބާރުލުން ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައެވެ.

ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ސްޓޭޓް މިނިސްޓަރ ވަނީ ރާއްޖެއަށް ދިމާވެފައިވާ ކަނޑާ ގުޅުންހުރި ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، ކަނޑާ ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މި އަހަރުގެ ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މާހިރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

https://int.etukuri.mv/
tel:+9607331319