
އިންޓަ މިލާން އާއި ފްލެމިނެންސް ވާދަކުރި މެޗުގެ ތެރެއިން...
ކުލަބު ވޯލްޑްކަޕް: އިންޓަ މިލާން ކަޓުވާލުމަށްފަހު ފްލޫމިނެންސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 30 ޖޫން 2025 - 21:29
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ބްރެޒިލްގެ ފްލޫމިނެންސް އާއި އިޓަލީގެ އިންޓަ މިލާން ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްލޫމިނެންސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން އިންޓަ މިލާން ޖާގަހޯދީ ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފައެވެ. އަދި ފްލޫމިނެންސް ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވިއިރު، އަނެއް ދެމެޗުން ވަނީ އެއްވަރުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު ފްލޫމިނެންސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ޖާރމަން ކާނޯ އެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ފްލޫމިނެންސްގެ އިގްނާސިއޯ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއަރުން ބެލުންމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްލޫމިނެންސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓަ މިލާނުން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރިއެވެ. އަދި އެޓީމުން ވަނީ މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފްލޫމިނެންސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހާކިއުލެސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފްލޫމިނެންސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްލޫމިނެންސް ވާދަކުރަންޖެހޭނީ ޖަރުމަންގެ ބަޔާން މިޔުނިކާއި ދެކޮޅަށެވެ. ބަޔާން ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ބްރެޒިލްގެ ފްލެމިންގޯ 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
2 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
2 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
2 މަސް ކުރިން

ރަށުން ބޭރުގައި އިންޓަ މިލާނުން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި
2 މަސް ކުރިން