logo

ޕެންޝަން އޮފީހުގެ ސީއީއޯ ކަމުގެ މަގާމަށް ޔަޒްމީދު އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 07:45

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން (ޕެންޝަން އޮފީސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު ހަމަޖައްސަވައިފިއެވެ.

https://wamco.com.mv/

ޕެންޝަން އޮފީހުން މައުލޫމާތު ދިން ގޮތުގައި ފަސް އަހަރުގެ ދައުރަކަށް އެ މަގާމަށް އައްޔަންކުރެއްވި ޔަޒްމީދު، މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ޔަޒްމީދަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން ޖޭއެސްސީގެ ނައިބު ރައީސްކަމުގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމާއި، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މެނޭޖަރުކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ތައުލީމީ ގޮތުން ބަލާއިރު، ޔަޒްމީދު ވަނީ އޯޕަން ޔުނިވާސިޓީ މެލޭޝިއާއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެކައުންޓިންގެ ދާއިރާއިން ފަސްޓް ކްލާސް އޮނާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން، އޭނާއަކީ އޭސީސީއޭ ފުރިހަމަކުރައްވާފައިވާ ޗާޓާޑް އެކައުންޓެންޓެކެވެ.

ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި، އައު ސީއީއޯގެ ލީޑާޝިޕްގެ ދަށުން އެ އޮފީހުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރާއްޖޭގައި ގާއިމުކޮށްފައިވާ ޕެންޝަން ނިޒާމަކީ ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ނިޒާމަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޝުޖާތާ ހަލީމް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވަނީ ޕެންޝަން އޮފީހުން ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓްކުރި މައްސަލައިގައި އިގްތިސާދީ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

https://wamco.com.mv/
tel:+9607331319