logo

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ޢުމާނުން އީރާނަށް އައު ހުށަހެޅުމެއް ހުށަހަޅައިފި

profile

އާމިނަތު ޝަޒްލާ - 28 ޖުލައި 2026 - 14:20

ދުނިޔޭގެ އިޤްތިޞާދީ މުހިންމު ރާސްތާއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށްޓަކައި، ޢުމާނުން އީރާނަށް އައު އަދި ފުރިހަމަ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މި މަޝްވަރާތަކާ ގުޅުންހުރި މަޞްދަރުތަކުން މަޢުލޫމާތުދޭ ގޮތުގައި، ޢުމާނުން ހުށަހަޅާފައިވަނީ އީރާނާ ގުޅިގެން އެ ކަނޑުއޮޅި ބެލެހެއްޓުމަށާއި، ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުން ފީއެއް ނެގުމާ ގުޅޭ މުހިންމު ޙައްލެކެވެ.

ޢުމާންގެ މި ހުށަހެޅުމުގައި ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅި ބޭނުންކުރާ ކުންފުނިތަކާއި އުޅަނދުފަހަރުން ފީއެއް ދެއްކުމުގެ އިޚުތިޔާރު އެ ފަރާތްތަކަށް ދޫކޮށްލުމަށެވެ. މިއީ މަޝްހޫރު މަލާކާ ކަނޑުއޮޅީގައިވެސް އަމަލުކުރަމުންދާ އުސޫލަށް ބިނާކޮށް ހުށަހަޅާފައިވާ ކަމެކެވެ. މަލާކާ ކަނޑުއޮޅީގައި ކަނޑުގެ ރައްކާތެރިކަމާއި ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ފީއެއް ދެއްކުމަކީ އުޅަނދުފަހަރަށް އޮންނަ އިޚުތިޔާރީ ކަމެކެވެ.

މި ހުށަހެޅުމަށް ގަލްފުގެ ޤައުމުތަކުގެ ތާޢީދު ލިބިފައިވީ ނަމަވެސް، މީގެ ސަބަބުން ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު އީރާނަކަށް ނުލިބޭނެއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ ސަރަޙައްދީ ދަތުރުފަތުރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދާއިމީ ހަމަޖެހުމެއް ޤާއިމުވުމުގެ ފުރުޞަތު އެބައޮތެވެ.

މި އައު ހުށަހެޅުން އައިސްފައިވަނީ، އެމެރިކާއިން އީރާނަށް ދެމުންދިޔަ 13 ދުވަހުގެ ވަރުގަދަ ހަމަލާތަކަށްފަހު، ޖުލައި 25 ވަނަ ދުވަހު އެ ހަމަލާތައް މެދުކަނޑައިލުމާ ގުޅިގެންނެވެ. އެމެރިކާއިން އިސްވެ ފެށި މި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، މިހާރު ހުރްމުޒް ކަނޑުއޮޅި ވަނީ ދަތުރުފަތުރަށް ހުޅުވާލެވިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ މި މުހިންމު ކަނޑުއޮޅި މެދުވެރިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު "ރަނގަޅު ވާހަކަތަކެއް" ދެކެވެމުންދާ ކަމަށާއި، ވަރަށް އަވަހަށް ޞުލްޙައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް، އީރާނުން ބުނެފައިވަނީ މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް އިސްވެ އެދިފައިވަނީ އެ ޤައުމުން ނޫން ކަމަށެވެ. ރައީސް ޓްރަމްޕް ވަނީ މިހާރު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އަލުން ހަނގުރާމަ ފަށްޓަވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk