logo
ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝްކާމީ ރުމުކޯ

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝްކާމީ ރުމުކޯ

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް: ޖަޕާން ސަފީރު

profile

އާމިނަތު ޝަޒްލާ - 27 ޖުލައި 2026 - 13:29

މި ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖެއަކީ ނުހަނު މުހިންމު ބައިވެރިއެއް ކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝްކާމީ ރުމުކޯ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސަފީރު މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަލަށް ބިނާކުރި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ނިޒާމު ހަރުދަނާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.

ޖުމްލަ 3.7 މިލިއަން އެމެރިކާ ޑޮލަރުގެ ގްރާންޓް އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ޖަޕާނު ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އަދި އޮސްޓްރޭލިއާ ސަރުކާރު ގުޅިގެން ހިންގި މަޝްރޫއެކެވެ. 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު ސޮއިކުރެވުނު މި މަޝްރޫއުގެ ދަށުން، ހަތަރު ބުރީގެ ޒަމާނީ އިމާރާތެއް ބިނާކުރުމުގެ އިތުރުން، މޯލްޑިވްސް ކޯސްޓްގާޑުގެ އޮފިސަރުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ހުޅުވުނު މި މަރުކަޒުގައި އޮޕަރޭޝަން ރޫމްތަކާއި، ކޮންފަރެންސް ހޯލްތަކުގެ އިތުރުން، އޮޑިޓޯރިއަމަކާއި ކްލާސްރޫމްތައް ހިމެނެއެވެ. އަދި ތަމްރީނު ހޯދާ ފަރާތްތަކަށް ބޭނުންވާ އެކޮމޮޑޭޝަނާއި ކުތުބުޚާނާއެއްވެސް މި އިމާރާތުގައި ގާއިމުކޮށްފައިވެއެވެ.

ސަފީރުގެ ވާހަކަފުޅުގައި، މިއަހަރަކީ މާލޭގައި ޖަޕާނު އެމްބަސީ ގާއިމުކުރިތާ 10 އަހަރު ފުރުމާއި، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" (އެފް.އޯ.އައި.ޕީ) ތަޞައްވުރަށް 10 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. މި ސިޔާސަތުގެ ދަށުން މިނިވަން އަދި ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި އިންޑޯ-ޕެސިފިކް ސަރަހައްދު ބޭއްވުމަށް ރާއްޖެއިން އަދާކުރާ ދައުރު ބޮޑުކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޖަޕާނާއި ރާއްޖޭގެ 60 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ސަފީރު ވިދާޅުވީ، މާލޭގެ ތޮށިގަނޑު ހެދުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަށް ޖަޕާނުން ދީފައިވާ އެހީތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ރަހުމަތްތެރިކަމުގެ ރަމްޒުތަކެއް ކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި ކަނޑުމަތީގެ ސަލާމަތަށް ބޭނުންވާ މުވާސަލާތީ ސާމާނާއި، ސީ-އެމްބިއުލާންސް އަދި ޕެޓްރޯލް އުޅަނދު ފަދަ ތަކެތި ފޯރުކޮށްދީފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވެދިން ދިވެހި ސަރުކާރާއި، އެމް.އެން.ޑީ.އެފް އަދި ބައިނަލްއަޤްވާމީ އިދާރާތަކަށް ޝުކުރު އަދާކުރައްވަމުންނެވެ. އެކަމަނާ އުންމީދު ކުރައްވަނީ މި މަރުކަޒަކީ ދިވެހި ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ތަނަކަށް ވެގެންދިއުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk