.jpeg&w=3840&q=75)
"ދަރިވަރުތޯ ނުވަތަ ޓީޗަރުތޯ" ކުރާ ބަހުސް! ....އަދިވެސް ސީރިއަސް ވާކަށް ނުވޭތަ؟

މުހައްމަދު މުޝްރިފް - 11 ޑިސެމްބަރު 2025 - 15:00
ސީރިއަސް!... ސީރިއަސް!... ސީރިއަސް!... އެންމެން ވެސް ސީރިއަސް ވާން ވެއްޖެ އެވެ! މިއީ ހަމައެކަނި ވައިރަލްވެގެން އުޅޭ ވީޑިއޯއެއގެ ސަބަބުން އިވުނު އަޑެއް ނޫނެވެ. މިއީ މިއަދު މުޅި ދިވެހި މުޖުތަމައު ގޮވަމުންދާ ގޮވުމެކެވެ.
މިއަދު އަޅުގަނޑުމެންގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މިހާރު ވައިރަލްވެފައިވާ ވީޑިއޯއިން ފެނިގެންދިޔަ ހާދިސާ ފަދަ ކަންކަމެވެ. އައްޑޫ ސިޓީގެ ސްކޫލެއްގެ ކްލާސްރޫމެއްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގައިދިޔަ މާރާމާރީއަކީ ހަމައެކަނި އެ ދެ ފަރުދުންގެ އަމިއްލަ މައްސަލައެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ބިންގަލުގައި ރެނދުލާފައިވާކަން ހާމަކޮށްދޭ އަދި އޭގެ ނަތީޖާ ވަރަށް ނުރައްކާތެރިކަން ދައްކުވައިދޭ ހެކިބަހެކެވެ. މުޅި މުޖުތަމައު މިކަމާ ސީރިއަސްވާންވީ ވަގުތަކީ މިއެވެ. ސިޔާސީގޮތުން ވަކި ބަޔަކަށް އިނގިލިދިއްނުކޮށް މިކަމުގެ މައްޗަށް ތަހުލީލީ ނަޒަރަކުން ބަލާލަމާ ހިންގަވާށެވެ.
ދަރިވަރުންގެ އަޚްލާޤު ދަށްވުން: އަސާސީ މައްސަލަ
މި ހާދިސާއިން އެންމެ ބޮޑަށް ހާމަވެގެން ދިޔަ އެއް ހަގީގަތަކީ، ދަރިވަރުންގެ އަޚްލާޤީ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދަށްވަމުންދާ ކަމެވެ. މީގެ އަހަރުތަކެއް ކުރިން ޓީޗަރުންނަކީ ދަރިވަރުންގެ ކުރިމަތީގައި ގަދަރުވެރި، އިހުތިރާމް ލިބިގެންވާ ބައެކެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. "ކުދިންގެ ހައްގުތައް" ހިމާޔަތްކުރުމުގެ ނަމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ނާޖާއިޒު ފައިދާ ނަގައި، ބައެއް ދަރިވަރުން، ބޭއަދަބީ ބަސްތައް ބޭނުންކޮށް ޓީޗަރުންނަށް ފުރައްސާރަކުރުމާއި ގަނާކުރުން ވަނީ އާންމު ކަމަކަށް ހަދާފައެވެ. ކްލާސްރޫމުގެ ތެރޭގައި ވެސް ޓީޗަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުން ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ.
ބެލެނިވެރިންގެ ޒިންމާ މިކަމުގައި ވަރަށް ބޮޑެވެ. އަޚްލާޤީ ފެންވަރު ދަށްވުމުގެ ފެށުން އަންނަނީ ގޭތެރެއިންނެވެ. ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ އަސާސީ ތަރުބިއްޔަތާއި، ކުދިންނަށް ދަސްކޮށްދޭންޖެހޭ ރިވެތި އަދަބުތައް ދަސްކޮށްދެވިފައި ނެތުމުގެ ސަބަބުން ކުދިން ސްކޫލަށް އަންނަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިއެވެ. ސްކޫލުން ކުއްޖާ އިސްލާހުކުރަން ފިޔަވަޅެއް އަޅައިފިނަމަ، އެކަމާ ދެކޮޅުހަދާ، ދަރިފުޅު ދިފާއުކޮށް ސްކޫލު ކުށްވެރި ކުރުމުގެ ސަގާފަތެއް ވަނީ އުފެދިފައެވެ. ޓީޗަރުން ވަނީ މި ދެމެދުގެ ގޮޅިއެއްގައި ތާށިވެފައެވެ.
މީގެ އިތުރުން ދަރިން ތަރުބިއްޔަތުކުރުމުގެ ތެރޭގައި ދަރިން ހަމަމަގަށް އެޅުވުމަށްޓަކައި އަޅަންޖެހެ ބައެއް ފިޔަވަޅުތައް އެޅުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ވެސް ވަނީ ޤާނޫނީ ހުރަސްތައް ކުރިމަތިވެފައެވެ. ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައި ހެދިފައި ހުރި ޤާނޫނުތަކާއި ގަވާއިދު ތަކުގެ އިތުރުން މިކަމަށްޓަކައި އުފައްދާފައިވާ އިދާރާތަކުން ކަނޑައަޅާފައި ހުރި އުސޫލުތަކުގެ ސަބަބުން ދަރިން ކިތައްމެ ބޮޑު ކުށަކަށް އަރައިގަތަސް ކުރެވޭނެ ކަމެއް ނޯވެއެވެ.
އިދާރާތަކާއި، ތައުލީމީ ނިޒާމުގެ ފަރާތުން ދިމާވާ ގޮންޖެހުންތައް
މައްސަލައިގެ އަނެއް ކޮޅުގައި އޮތީ ތައުލީމީ ނިޒާމާއި ކަމާބެހޭ އިދާރާތަކުގެ ޒިންމާއެވެ. މި މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ދެވިފައިނުވާކަން ފާހަގަކުރެވެއެވެ. މިނިސްޓްރީ އާއި ސްކޫލްތަކުގެ މެނޭޖްމަންޓުން ގެންގުޅޭ ސިޔާސަތުތަކަކީ ޓީޗަރުންގެ އަތްފައި ބަނދެވޭ ފަދަ ސިޔާސަތުތަކެއް ކަމަށް ގިނަ ޓީޗަރުން ގަބޫލުކުރެއެވެ. ދަރިވަރަކު ގޯސްކޮށް އުޅުނަސް، އެކަން އިސްލާހުކުރުމަށް އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން ޓީޗަރުންނަށް މަޖުބޫރުވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ރައްކާތެރިކަން ނެތް މާހައުލެއްގައި މަސައްކަތް ކުރާށެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތައުލީމު ފޯރުކޮށްދެވޭނެ ގޮތެއް ނޫނެވެ.
ތައުލީމީ ގާނޫނުތަކާއި ގަވާއިދުތައް ހެދިފައިވަނީ ބޮޑަށް ދަރިވަރުގެ ހައްގުތަކަށް ބާރުއަޅާ ގޮތަށެވެ. މިއީ ރަނގަޅުކަމެއް ކަމުގައި ވީ ނަމަވެސް، ޓީޗަރުންގެ ރައްކާތެރިކަމާއި، ކްލާސްރޫމުގެ ތެރޭގައި ދަރިވަރުން ހަމަމަގަށް އަޅުވާ "ޑިސިޕްލިން" ކުރެވޭނެ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ޓީޗަރުންނަށް ލިބިފައި ނެތުމަކީ ބޮޑު މައްސަލައެކެވެ.
ޓީޗަރަކު ރުޅިގަދަވެގެން ދަރިވަރެއްގެ ގައިގައި "ޖެހުމުން" ވަގުތުން ފިޔަވަޅު އަޅައި، މީޑިއާގެ ސަމާލުކަން ލިބި ޓީޗަރަށް ބޮޑު އަދަބެއް ލިބުނީ އެވެ. ނަމަވެސް ދަރިވަރުން ޓީޗަރުންނަށް ފުރައްސާރަކުރުމުގެ ސަބަބުން ޓީޗަރަށް ލިބޭ ނަފްސާނީ އަނިޔާއާއި ސްޓްރެސްއަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. މީގެ ނަތީޖާއަކީ:
- ޓީޗަރުންގެ ހިތްވަރު އެލިގެން ދިޔުން: ޓީޗަރުންގެ މަސައްކަތުގެ މާހައުލު ރައްކާތެރި ނުވުމުގެ ސަބަބުން، ގިނަ ޓީޗަރުން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަފްސާނީގޮތުން އަނިޔާ ވަމުންދާއިރު ޖިސްމާނީގޮތުންވެސް އަނިޔާއެއް ލިބިދާނެ ފަދަ ނުރައްކަލެއްގެ ތެރޭގައެވެ. އޭގެ ސަބަބުން ޓީޗަރުންގެ ހިތްވަރު އެލި ތައުލީމީ ދާއިރާ މަތިން ވަނީ ފޫހިވެފަ އެވެ.
- ޤާބިލު މުދައްރިސުން މަދުވުން: ހަމައެހެންމެ މިފަދަ މައްސަލަތައް ގިނަވުމުގެ ސަބަބުން ޤާބިލު މުދައްރިސުން މަދުވުމަކީ ތައުލީމީ ދާއިރާ އަށް އޮތް އަނެއް ގޮންޖެހުމެވެ. ޤާބިލު ޒުވާނުން ތައުލީމީ ދާއިރާއަށް ނުވަނުމަށް ނުވަތަ މިހާރު ތިބި ޓީޗަރުން އެހެން ދާއިރާތަކަށް ބަދަލުވުމަށް މިހާރުވެސް މަސައްކަތްކުރެއެވެ.
މުސްތަގުބަލަށް އޮތް ނުރައްކާ
މި މައްސަލައަށް ހައްލެއް ނުހޯދައިފިނަމަ، މުސްތަގުބަލުގައި ދިވެހި މުޖުތަމައަށް ކުރިމަތިވާނެ ނުރައްކާތައް ވަރަށް ބޮޑެވެ.
- އަޚްލާޤީ އަދި އިޖްތިމާއީ ހަލާކު: ސްކޫލްތަކުން އަޚްލާޤީ ރަނގަޅު ތަރުބިއްޔަތެއް ނުލިބި، މުޖުތަމައުގެ ހަމަތަކަށް ބޯނުލަނބާ ބަޔަކު ނިކުމެގެން އައުމަކީ ޤައުމުގެ ސުލްހަ މަސްލަހަތަށް ނުރައްކާވާނެ ކަމެކެވެ. މިއީ ގައުމުގެ އަހުލާގީ އަދި އިޖުތިމާއީ ފޭރާން ވީދި ހަލާކުވެގެން ދާނެ ކަމެކެވެ.
- ތަރައްޤީއަށް ހުރަސް: ތައުލީމީ ދާއިރާ މި ފެންވަރަށް ވެއްޓުމުގެ ސަބަބުން، ޤާބިލު ދިވެހި ޒުވާނުން މަދުވެ، ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
- ޓީޗަރުންގެ ދައުރު ނެތިދިއުން: ޓީޗަރުންނަށް ކުރިމަތިވާ ގޯނާތައް އިތުރުވެ، އެމީހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި، ޓީޗަރުންގެ ދައުރު ނެތިގެން ދިއުމަކީ ތައުލީމު ދިނުމުގެ މުޅި މަސައްކަތް ފޭލިވުމެވެ.
ހައްލަކީ އެންމެން ގުޅިގެން ޒިންމާ ބަހާލުން
މި މައްސަލަ ހައްލުކުރުމަށްޓަކައި، އެންމެ ފަރާތަކުން މަސައްކަތްކޮށްގެން ނަތީޖާއެއް ނުނެރެވޭނެ އެވެ. މިއީ ސަރުކާރާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމައު ގުޅިގެން ހައްލުކުރަން ޖެހޭ ޤައުމީ މައްސަލައެކެވެ.
- ސަރުކާރު: ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކްލާސްރޫމުގެ އަދަބު ހިފެހެއްޓޭނެ ގޮތަށް ގަވާއިދުތައް އިސްލާހުކުރަން ޖެހެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ވެސް ކުދިން ޒިންމާދާރު ކުރުމަށްޓަކާ ފިޔަވަޅު އެޅުމުގެ ބާރު ގާނޫނާއި ގަވާއިދުން ލިބިދޭން ޖެހެއެވެ. އަދި ސްކޫލްތަކުގައި ކައުންސިލިންގ އާއި ސަޕޯޓްގެ ނިޒާމެއް ގާއިމުކުރުމަކީ ވަރަށް މުހިއްމެވެ. ސަރުކާރާއި ދައުލަތުގް އިދާރާތަކުގެ ޒިންމާއަކީ މިއެވެ.
- ބެލެނިވެރިން: ބެލެނިވެރިންގެ ދައުރަކީ ދަރިފުޅު ސްކޫލަށް ފޮނުވުމުގެ ކުރިން، ޓީޗަރުންނަށް އިހުތިރާމްކުރުމާއި، މުޖުތަމައުގައި އުޅޭނެ ރިވެތި އަދަބުތައް ދަސްކޮށްދިނުމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމެވެ. ރިވެތި އަހުލާގުގެ ބިންގާއެޅިގެން ދަނީ ގޭތެރެއިންނެވެ. ޓީޗަރުންނަކީ ދަރިވަރުންގެ ދުޝްމަނުން ނޫންކަމާއި، އެއީ ތިމާގެ ދަރިފުޅުގެ މުސްތަގުބަލު ބިނާކޮށްދޭ އެހީތެރިންކަން ބެލެނިވެރިން ގަބޫލުކުރަން ޖެހެއެވެ.
- ސްކޫލުތައް: ސްކޫލު ތަކުގެ ޒިއްމާ އަކީ ދަރިވަރުންނާއި ޓީޗަރުންނަށްވެސް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމެވެ. މިމާހައުލަކީ ދަރިވަރުން އިސްލާހުކުރުމާއި ހަމަމަގަށްއެޅުވުމަށް ޓީޗަރުންނަށްވެސް އިހުތިޔާރުތަކެއް ލިބިދޭ މާހައުލަކަށް ވާންޖެހޭނެއެވެ.
- މުޖުތަމައު: މީގެ އިތުރުން ހުރިހާ މުޅި މުޖުތަމައު މިކަމުގައި އަތުކުރި އޮޅާލުމަކީ މިޤައުމުގެ މުސްތަގުބަލާއި ޅަޖީލުގެ ކުރިމަގަށްޓަކައި ކުރުން ލަސްވެފައި އޮތް ކަމެކެވެ.
މިއަދު އަޅުގަނޑުމެން "ސީރިއަސް" ވެ މިކަމަށް ހައްލެއް ނުހޯދައިފިނަމަ، މާދަމާ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު ގެއްލި ހަލާކުގެ ތެރެއަށް ދިއުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ވީމާ، ހަމައެކަނި މި ހާދިސާގައި ހިމެނޭ ޓީޗަރު ސަސްޕެންޑް ކޮށްގެން ނުވަތަ ދަރިވަރަށް ކައުންސިލިންގ ދީގެން މިކަން ނިންމާލެވޭކަށް ނެތެވެ. ސަރުކާރާއި، ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމައު ގުޅިގެން "ސީރިއަސް" ވާން ވެއްޖެއެވެ. ތައުލީމީ ނިޒާމު އިސްލާހުކޮށް، ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރުމަށް ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް ފަށަން ވެއްޖެއެވެ. ނޫންނަމަ، ކްލާސްރޫމްތައް ބަދަލުވެގެންދާނީ ހަނގުރާމައިގެ މައިދާންތަކަށެވެ.
ގުޅުން ހުރި ޙަބަރުތައް

48 ގަޑިއިރަށް ކުރިއަށްދާ ޔޫތް ހެކަތޯން ފަށައިފި
8 ގަޑިއިރު ކުރިން

ލޯއާކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
9 ގަޑިއިރު ކުރިން

ސަސްޓެއިނަބަލް ޓައުންޝިޕްގެ ފުރަތަމަ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފި
11 ގަޑިއިރު ކުރިން

ހައްޖު، އުމްރާ ކޮންފަރެންސް ފަށައިފި
13 ގަޑިއިރު ކުރިން


