
ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: އެޑިއުކޭޝަން މިނިސްޓަރ

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2025 - 13:25
ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށާއި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ނޫހެއްގައި ލިޔެފައިވާ އޭލެވެލް ފީ ކަނޑާލުމަކީ މާލީ ބުރައެއް، އަވަސް އަރުވާލައިގެން ދަރިވަރުންގެ ކުރި މަރާލަނީ ދިރާސާ ނުކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވެފައިވާ ކަމަށް ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ނެވެ.
އެ ހަބަރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާންއާ ހަވާލާދީ ވިދާޅުވެފައިވަނީ އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލަކީ ބެލެނިވެރިން އެ ބަދަލަކަށް ތައްޔާރުނުވެ ތިއްބައި އައި މާލީ ބުރައެއް ކަމަށާއި އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ގެންނަ ބޮޑެތި ބަދަލުތަކުގެ ނޭދެވޭ އަސަރުކުރަނީ ދަރިވަރުންގެ ކުރިއެރުމަށް ކަމަށެވެ.
މި ހަބަރާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ވާނުވާ ނޭނގި ލިޔެފައިވާ ސިޔާސީ އާޓިކަލެއް ކަމަށާއި، އެއީ އުސޫލު ރަނގަޅަށް ކިޔާފައިނުވާތީ ނުވަތަ ގަސްތުގައި އޮޅުވާލައި ފިތުނަ އުފެއްދުމުގެ މަގްސަދުގައި ކުރިކަމެއް ކަމަށެވެ.
ރާއްޖޭގައި ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ހިލޭ ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން، ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުން ނުވެ، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށް ދާ ކުއްޖެއްގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް އެކަން ކުރާނަމަ، ގްރޭޑް 1 އިން ފެށިގެން 10 އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުން ނުވެ، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށް ވެސް ފީ ދައްކަން ޖެހޭނެ ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑިގެން ދިއުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި އެޑިއުކޭޝަނުން ފީ ދައްކާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ ހާލަތެކެވެ.
ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިއާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީ ދެމުންދިޔަޔަސް، ރާއްޖޭގައި އެފަދަ ހާލަތެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަނީ އެއް ދީނެއް، އެއް ސަގާފަތެއް ކަމަށާއި، ކިޔަވައިދެނީ އެއް ކަރިކިއުލަމަކަށް ކަމަށާއި އަދި ހުރިހާ ކުދިން ވެސް ހަދަނީ އެއް އިމްތިހާނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން، އަމީނިއްޔާގެ ދަރިވަރުން ހަދާ އިމްތިހާނު ބިލަބޮންގްގައި ވެސް ހަދާނެ ކަމަށާއި، ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހަދާ އިމްތިހާނު ޣިޔާސުއްދީންގެ ދަރިވަރުން ވެސް ހަދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބައެއް ސްކޫލްތައް އިންޓަނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތަކީ ނިޒާމު ގާއިމުކޮށްފައިވާ ގޮތުން ސާނަވީ ފެންވަރުގެ އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ވެސް އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ސްކޫލްތަކެއް ކަމަށް މިނިސްޓަރ ގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯއާކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
"ދަރިވަރުތޯ ނުވަތަ ޓީޗަރުތޯ" ކުރާ ބަހުސް! ....އަދިވެސް ސީރިއަސް ވާކަށް ނުވޭތަ؟
2 ގަޑިއިރު ކުރިން

ސަސްޓެއިނަބަލް ޓައުންޝިޕްގެ ފުރަތަމަ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފި
3 ގަޑިއިރު ކުރިން

ހައްޖު، އުމްރާ ކޮންފަރެންސް ފަށައިފި
5 ގަޑިއިރު ކުރިން


