logo

ގެދޮރުވެރިޔާ ސްކީމާ ގުޅުވައި ދައުރުކުރާ ސައްހަނޫން މެސެޖަށް ސަމާލުވާން ފުލުހުން އެދިއްޖެ

profile

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2024 - 22:30

ފޮޓޯ: ފުލުހުން

ފޮޓޯ: ފުލުހުން

ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް ދައުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މި ލިންކަކީ "ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗް.ޑީ.ސީ.އިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ" ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު މިފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި މިފަދަ ލިންކުތަކަށް ކްލިކްކުރާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނި ބުނެފައެވެ.

އެހެންކަމުން، ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމުގައި ދައުލަތުގެ ރަސްމީ ޕޯޓަލްތަކުން މައުލޫމާތު ޗެކްކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި، ސޯޝަލް މީޑިއާ ގްރޫޕެއްގައި މިފަދަ ލިންކެއް ދައުރުވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] އަށް އަންގަވައިދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިއްޖެ ނަމަ އިތުރަށް ފޯވަރޑްކޮށް ޝެއަރ ނުކުރުމަށާއި ސްކޭމުން ރައްކާތެރިވުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

https://int.etukuri.mv/
tel:+9607331319