ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ޝަރުއީ ދާއިރާއަށް އަޅާލާފައެއްނެތް: މެމްބަރު ހުސްނީ
އާމިނަތު ޝަފާ - 13 ޖުލައި 2024 - 06:56
މެމްބަރު ހުސްނީ
ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ޝަރުއީ ދާއިރާއަށް އަޅާލާފަނެތްކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ހުސްނީ މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ ދިވެހިންގެ ރާއްޖެ މެމްބަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރާ މީހުން، އެމީހުންގެ އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހުސްނީ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުތަކެއް އައިސްފައިވާކަމަށާއި އެހެންނަމަވެސް ޖުމްލަކޮށް ޝަރުއީ ދާއިރާގައި ރަނގަޅުކުރަންޖެހޭ އެތައް ކަމެއް އެބަހުރިކަމަށެވެ. ޝަރީއަތްތައ ލަސްވާ ސަބަބު ދެނެގަތުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުސްނީ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ގާނޫނުގައި ވަކި މުއްދަތުތަކެއް ކަނޑައެޅިދާނެ. ގޮންޖެހުންތަކެއް އެބަހުރި. އެއީ އެކަށީގެންވާ ވަސީލަތްތައް ލިބިދިނުމުގައި. ޖާގައިގެ ދަތިކަން ވަރަށް ބޮޑު. ޖަސްޓިސް ބިލްޑިން އެކަނި ހުރީ. ކްރިމިނަލް ކޯޓުގެ ޖާގަ ވަރަށް ދަތި. މިހުރިހާކަމެއް ހައްލުކުރަން މަސައްކަތްކުރަންޖޭހޭ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމް ކޮށްފައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހަޅާ ހާލަތުގައި، ކަފާލާތުގެ ގޮތުގައި ފައިސާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލުމަށް ފަނޑިޔާރު ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ކަންކަން ބަޔާން ކޮށްފައެވެ. މީގެއިތުރުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ، އޭނާގެ ކުށުގެ ރެކޯޑް، އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅައި، ކާމިޔާބުކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އިސްތިއުނާފެއްކަމާމެދު ވެސް ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ކުޑަބޮޑުމިނާއި، އޭނާ ފިލައިފާނެކަމަށް ބެލެވޭ މިންވަރަށްވެސް ފަނޑިޔާރު ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ސަރުކާރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ކަފާލާތުގެ އާންމު އުސޫލުތަކާއި ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތަކަށް އިސްލާހު ހުށަހަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން