
މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ: ހައްލު ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު ކާރިސާއެއް!

އާމިނަތު ޝަޒްލާ - 20 ސެޕްޓެމްބަރު 2026 - 07:13
ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި އަލަށް އާބާދުވަމުން އަންނަ ހުޅުމާލެ ފަދަ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ މަގުތަކަށާއި އާންމު ތަންތަނަށް ކުނި އެޅުމުގެ ނުރައްކާތެރި އާދައެވެ.
ސާފުތާހިރުކަމަކީ އިސްލާމްދީނުގައި އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމުގައި ލައްވާފައިވާއިރު، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބެލެހެއްޓުމަކީ ފަރުދީ ޒިންމާއެކެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ ފަރުދީ ޒިންމާ ދޫކޮށްލައި، މުޅި މާހައުލު ގޮނޑުކޮށްލަމުންދާ ހިތާމަވެރި މަންޒަރެވެ. މިކަމުގެ ސަބަބުން ރަށުގެ ޒީނަތްތެރިކަން ގެއްލި، ސިއްހީ ގޮތުން އެތައް ނުރައްކާތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
މާލޭގެ މަގުތަކަށް ބަލާއިރު، މަގުމައްޗަށް ކުނި ކޮތަޅުތައް ބެހެއްޓުމާއި، ކުނި އެޅުން ވަނީ އާންމު އާދައަކަށް ވެފައެވެ. ކުނި އުކާލުމުގެ ނިޒާމެއް ގާއިމުކުރެވިފައި އޮތް ނަމަވެސް، ކަނޑައެޅިފައިވާ ވަގުތުތައް ފިޔަވައި އެހެން ގަޑިތަކުގައި ވެސް ގޭގެއިން މަގުމައްޗަށް ކުނި ކޮތަޅުތައް ނެރެ ބެހެއްޓުމުގެ ސަބަބުން، ބުޅަލާއި މީދާ ފަދަ ތަކެތި އެ ކޮތަޅުތައް ވީދައި، ކުނިތައް މަގުމައްޗަށް ފެތުރިގެން ދެއެވެ.
ހަމައެއާއެކު، ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވެމުން އަންނަ ހިތްގައިމު ތަނަކަށް ވީނަމަވެސް، އެ ހުޅުމާލޭގެ މަގުތަކާއި އާންމު ހުސް ޖާގަތައް ވެސް ދަނީ ކުނިން ތަޣައްޔަރުވަމުންނެވެ. ހާއްސަކޮށް ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ހިތްފަސޭހަކޮށްލަން ޖަމާވާ ތަނަކަށްވާއިރު، އެ ސަރަހައްދަށް ޕްލާސްޓިކް ފުޅިއާއި، ކާއެއްޗެހި އަޅާފައި ހުންނަ ކޮތަޅުތަކާއި، ސިގިރޭޓް ބުރިތައް އުކާލާފައި ހުންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. މިކަމުގެ ސަބަބުން އެ ރީތި މާހައުލުގެ އަގު ވެއްޓި، ކަނޑުގެ ދިރުންތަކަށް ވެސް އޭގެ ގެއްލުން ދަނީ ކުރަމުންނެވެ.

މާލެ އާއި ހުޅުމާލޭގައި ހިންގާ ބައެއް ކެފޭ/ރެސްޓޯރެންޓްތަކުގެ ކައިރީގައި ކުނި ގޮނޑުތައް ހެދިފައި ހުންނަކަން ފާހަގަކުރެވެއެވެ. ކެފޭތަކުން އުފެދޭ ކުނި ރަނގަޅު ގޮތުގައި ބަންދުނުކޮށް މަގުމަތީ ބެހެއްޓުމުން، ނުބައި ވަސް ދުވުމާއި، ސުވަނޑި އާއި މެހި ގިނަވެ، އެ ސަރަހައްދަކީ ސިއްހީ ގޮތުން ނުރައްކާތެރި ތަންތަނަށް ވެގެންދެއެވެ.
މީގެ އިތުރުން، އެންމެ ހުތުރު އަދި ދެރަ އެއް އަމަލަކީ މަގުމަތީގައި ޕާކުކޮށްފައި ހުންނަ މީހުންގެ އަމިއްލަ ސައިކަލުތަކުގެ ވަށިގަނޑުތަކަށް ކުނި އެޅުމެވެ. ހުސްކުރި ފެންފުޅިއާއި، ޖޫސް ޕެކެޓާއި، ކަރުދާސް ފަދަ ތަކެތި އެހެން މީހުންގެ ސައިކަލު ވަށިގަނޑަށް އަޅައިފައި ދިއުމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އުނދަގުލެކެވެ. ހަމައެހެންމެ، މަގުމަތީގައި ހިނގާފައި ނުވަތަ ދުއްވާފައިދާއިރު، އެއްޗެހި ކެއުމަށްފަހު އެ ތަކެތީގެ ހުސް ކޮތަޅާއި ދަޅު ފަދަ ތަކެތި އެއްވެސް ފަރުވާލެއް ނެތި މަގުމައްޗަށް އެއްލާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ކިބައިން ފެންނަ ވަރަށް ދަށު ދަރަޖައިގެ އާދައެކެވެ.
މި ނުރައްކާތެރި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ މުއައްސަސާތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެގޮތުން، މަގުމައްޗާއި އާންމު މައިޒާންތަކުގެ އިތުރުން، ހާއްސަކޮށް ހުޅުމާލެ ލަކުޑި ޖެޓީ ފަދަ އާންމުން އެއްވާ ސަރަހައްދުތަކުގައި އެކަށީގެންވާ އަދަދަކަށް ކުނިވަށިގަނޑު ބަހައްޓައި، ކުނި އުކާލުމުގެ ހިދުމަތް މިހާރަށްވުރެ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމަކަށް ބަދަލުކުރަންޖެހެއެވެ. މީގެއިތުރުން، ސީސީޓީވީ ކެމެރާތައް މެދުވެރިކޮށް ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް މޮނީޓަރުކޮށް، އެފަދަ ފަރާތްތައް ދެނެގަނެ ގާނޫނާއި ގަވާއިދުގެ ތެރެއިން ޖޫރިމަނާކުރުން ހިމެނޭހެން ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.
މި މައްސަލަ ހައްލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވެން އޮތީ އާންމު ރައްޔިތުންނަށް ކަމަށްވާތީ، މަގުމައްޗަކީ އެންމެންގެ ވެސް ޙިއްޞާއެއް އޮތް ތަނެއްކަން ދަނެ އެއްވެސް ބާވަތެއްގެ ކުންޏެއް މަގުމައްޗަށް ނޭޅުމަށާއި، ކެއިންބުއިމަށްފަހު އުފެދޭ ކުނި ޑަސްބިނަކާ ހަމައަށް ގެންދިއުމުގެ ރީތި އާދަ އަށަގެންނެވުމަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން، އަނެކާގެ ސައިކަލު ވަށިގަނޑު ފަދަ ތަންތަނަށް ކުނި އެޅުމުގެ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވެ، ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަތިވެރި އަޚްލާޤު ކުރިމަގުގެ ޖީލުތަކަށް ދަސްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެކެވެ.
މަގުތަކަކީ އަޅުގަނޑުމެންގެ ތަހުޒީބާއި ސާފުތާހިރުކަން ދައްކުވައިދޭ ލޯގަނޑެވެ. ގައުމުގެ ރީތިކަމާއި ރައްކާތެރިކަން ދެމެހެއްޓޭނީ އެންމެން އެކުގައި ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. މާލެއާއި ހުޅުމާލެއަކީ ކުނިން ސާފުވެފައިވާ، ހިތްފަސޭހަ، ސިއްހަތަށް ފައިދާހުރި މާހައުލަކަށް ހެދުމަށްޓަކައި މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަން ވެއްޖެއެވެ. މިއަދު އަޅާ ކުނީގެ ސަބަބުން މާދަމާ އަޅުގަނޑުމެންގެ ދަރިންނަށް ވާނީ ބޮޑު ތަކުލީފަކަވެ. ސާފު ވެއްޓެއް ބިނާކުރުމަށް އެންމެން އެކުގައި އަތުގުޅާލަމާތޯއެވެ.
ގުޅުން ހުރި ޙަބަރުތައް
އީވާން ނަސީމްގެ މަރަކީ ޖަލުތަކުގެ ލާއިންސާނީ އަނިޔާ ހާމަވެ، އިސްލާހީ ބަދަލަށް މަގުފަހިކުރި ހާދިސާއެއް: ފައްޔާޒް
3 ގަޑިއިރު ކުރިން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
ދުވަހެއް ކުރިން
.jpg&w=3840&q=75)
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި
ދުވަހެއް ކުރިން

އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި
2 ދުވަސް ކުރިން


