
ފްރޭންކްފާޓާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން..
ވާދަވެރި ކުޅުމަކަށްފަހު ބަޔާން މިޔުނިކުން ފްރޭންކްފާޓް ބަލިކޮށްފި

ހަސަން ޝަމްއޫން - 22 ފެބްރުއަރީ 2026 - 01:34
ޖަރުމަނު ބުންޑަސްލީގާގައި ރޭ އަމިއްލަ ދަނޑުގައި ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބަޔާން މިޔުނިކުން ލީގު ތާވަލުގެ ކުރީގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ޕަވްލޮވިޗް އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ބަޔާން މިޔުނިކުންނެވެ. ނަތީޖާގެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 23 މެޗުގައި އޭނާ ކާމިޔަބުކުރި 28 ވަނަ ލަނޑެވެ.
ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ފްރޭންކްފާޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޮނަތަން ބުރްކާޑް އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 86 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާނޯ ކަލިމުއެންޑޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 23 މެޗުން ބަޔާން މިޔުނިކަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ފްރޭންކްފާޓުން ލީގުގައި ކުޅުނު 23 މެޗުން ހޯދި 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ބާންލީ އިން ޗެލްސީ ހުއްޓުވައިފި
ދުވަހެއް ކުރިން

އަމިއްލަ ދަނޑުގައި ބޯޑޯ/ގްލިމްޓުން އިންޓަ މިލާން ބަލިކޮށްފި
4 ދުވަސް ކުރިން

ރަށުން ބޭރުގައި ވުލްވްސް އަތުން ވެސް އާސެނަލްއަށް މޮޅެއް ނުހޯދުނު
4 ދުވަސް ކުރިން

ކުލަބް ބުރޫޖް އާއި އެތްލެޓިކޯ މެޑްރިޑްގެ ކުރިމަތިލުން އެއްވަރު
4 ދުވަސް ކުރިން


.gif&w=3840&q=75)