ހުއްދަ ނުހޯދައި ހުރުމުޒް އަށް ވަތް ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓައިފި

ރިޟްވާން މޫސާ - 09 މޭ 2026 - 08:28
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އޮމާން ކަނޑުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 'އޯޝަން ކޯއީ' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާކަން އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.
އައި.އާރު.ޖީ.ސީއާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އުޅަނދަކީ އީރާނުގެ ތެޔޮ އެކްސްޕޯޓަށާއި އެ ޤައުމުގެ މަޞްލަޙަތުތަކަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދިޔަ އުޅަނދެކެވެ.
ފާރްސް ނިއުސް އެޖެންސީން އިޢުލާނުކުރި ބަޔާނެއްގައި، އީރާނުގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ އީރާނު ނޭވީގެ ރޭންޖަރުންނާއި މެރިންސް ގުޅިގެން، ޤަވާޢިދާ ޚިލާފުވި އެ ޓޭންކަރު އެ ޤައުމުގެ ދެކުނު އައްސޭރިފަށުގެ ބަނދަރަކަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން، އިރްނާ ނިއުސް އެޖެންސީން ބުނި ގޮތުގައި، އީރާނުގެ ސަރަޙައްދީ ކަނޑުގެ ތެރޭގައި އެ ޤައުމުގެ މުދަލާއި މަޞްލަޙަތުތައް ދިފާޢުކުރުމުގައި އަސްކަރިއްޔާ ދެމިއޮންނާނެ ކަމަށާއި، އެއްވެސް އުދުވާނީ ޢަމަލަކަށް ނުވަތަ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ދޫނުދޭނެ ކަމަށް އަސްކަރިއްޔާގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ ޓީވީން ވަނީ އީރާނުގެ ސިފައިން އެ އުޅަނދަށް އަރައި، އެ އުޅަނދު އެ ސިފައިންގެ ބާރުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޢާންމުކޮށްފައެވެ. 'މެރިން ޓްރެކާ' އިން މަޢުލޫމާތު ދޭ ގޮތުގައި، މި އުޅަނދަކީ ބާބަޑޯސްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ.
ތެހެރާނުން މި ޚަބަރު ރިޕޯޓްކުރަމުން އަލްޖަޒީރާގެ ރަސޫލް ސަރްދާރު ފާހަގަކުރި ގޮތުގައި، މިއީ އައި.އާރު.ޖީ.ސީން މިފަދަ އުޅަނދެއް ހިފެހެއްޓި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ހުރްމުޒް ކަނޑުއޮޅިން ތިން އުޅަނދެއް ހިފަހައްޓާފައިވާކަން އޭނާ ފާހަގަކުރިއެވެ.
ނަމަވެސް، މި ފަހަރުގެ މި ޙަރަކާތަކީ އީރާނުގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ފެށުން ކަމަށްވެސް އޭނާ ސިފަކުރިއެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާތީ، މި ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި އިޤްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
ނޭވާހިއްލުމަށްދޭ ފަރުވާއާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަން ޖެހޭ: ސާޖިދާ
3 ގަޑިއިރު ކުރިން

ކަސްޓަމަރުންގެ މައުލޫމާތު ހިއްސާއެއް ނުކުރަން: ބީއެމްއެލް
3 ގަޑިއިރު ކުރިން

ބީއެމްއެލްއަކީ ފަތުރުވެރިކަމުގެ އިތުބާރުހިފޭ ބައިވެރިއެއް: އަފީފް
21 ގަޑިއިރު ކުރިން
ބީއެމްއެލްއިން ބައިނަލްއަގުވާމީ 'ނޮން-ޑީލް ރޯޑްޝޯ' ކާމިޔާބުކަމާއެކު ނިންމާލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)