
އެމްޓީސީސީ ބަސް ދަތުރުތަކަށް ވާނުވާ ނޭނގި ރައްޔިތުންނަށް "ދަތިވެއްޖެ"

މުހައްމަދު މުޝްރިފް - 08 އޯގަސްޓު 2026 - 07:33
އަމީނީ މަގު ހެދުމުގެ ނަމުގައި އެ މަގުގެ އެންމެ މުހިންމު ބައި ބަންދުކޮށްލުމުން، އެމްޓީސީސީގެ ބަސް ރޫޓްތަކަށް ކުއްލިއަކަށް އައި ބަދަލުތަކާއެކު އާންމު ރައްޔިތުންގެ މުޅި ދިރިއުޅުން އެކީ އެކަށް ބަރުބާދުވެ، ގޮތްހުސްވާ ހިސާބަށް ގޮސްފިއެވެ.
ކޮންމެ ދުވަހަކު އަވީގައި، ވަގުތަށް ތަނަކަށް ދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތި ބަސް ހުއްޓިތަކުގައި ކިޔޫ ހަދައިގެން ތިބެންޖެހުމަކީ މިއަދު ނިކަން އަސަރާއެކު ރައްޔިތުން އުފުލަންޖެހިފައިވާ ހިތްދަތި ހަގީގަތެކެވެ.
އަމީނީ މަގު ބަންދުކުރުމުގެ އެންމެ ބޮޑު ލޮޅުމެއް އަރައިގެން ދިޔައީ ސީދާ އެ މަގުން ދަތުރުކުރާ 'އަމީނީ ރޫޓް' (R11) އަދި ހުޅުމާލޭގެ 'އޮރެންޖް ހިޔާ' ސަރަހައްދާ ގުޅުވައިދޭ ރޫޓްގެ އިތުރުން ހުޅުމާލެ ފޭސް އެކެއް އަދި ދޭކާއި މާލެއާއި ގުޅުވާދޭ ވެސްޓްޕާކް ރޫޓްތަކަށެވެ. އެމްޓީސީސީން ރޫޓްތައް ބަދަލުކުރި ކަމަށް ބުނި ނަމަވެސް، ކުއްލިއަކަށް ބައެއް ދަތުރުތައް ކެންސަލްކޮށް، އަނެއްބައި ދަތުރުތަކުގެ މަގުތައް ބަދަލުކޮށްލީ އެއްވެސް އިންޒާރެއް ނެތިއެވެ. އެންމެ ކުޑަމިނުން ސޯޝަލް މީޑިއާގައާއި ބަސް ހުއްޓިތަކުގައި ވަގުތުން ވަގުތަށް ސާފު މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމެއްވެސް ނެތެވެ. މިއާއެކު، ހުޅުމާލޭ ހިޔާ ސަރަހައްދުންނާއި، ހުޅުމާލެ ފޭސް 1 އިން މާލެއަށް ދާން ނިކުންނަ އެތައް ހާސް ރައްޔިތުންނެއް ވަނީ މުޅިން މާޔޫސްވެ، ވާނުވާ ނޭނގޭ ކަޅު އަނދިރިގަނޑެއްގެ ތެރެއަށް އުކާލެވިފައެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ، އެ މަގު ހެދުމުގެ މަސައްކަތް ކުރާތީ އާރުޓީއެލް ބައެއް ބަސް ރޫޓުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިހެން އިއުލާން ނެރުނު ކަމުގައި ވިޔަސް ގިނަ ރައްޔަތުންނަކަށް މިކަމެއް ނޭނގެއެވެ. އެނގޭނެ ގޮތެއް ހަދާދީފައިވެސް ނެތެވެ. އެއްވެސް ބަސްސްޓޮޕަކުން މި މައުލޫމާތެއް ނުލިބެއެވެ.
މި ކަންކަމުގެ އެންމެ ހިތްދަތި މަންޒަރު ފެންނަނީ ހެނދުނުގެ ހުޅުދާނާއި އެކުގައެވެ. ކޮނޑުގައި ބަރު ދަބަސްތައް އަޅުވައިގެން، ގަޑިއަށް ސްކޫލަށް ނުދެވިގެން ރޯންކައިރިވެފައި ތިބޭ ކުޑަކުދިންނާއި، ގަޑިއަށް ކޮލެޖަށް ނުދެވިގެން ހާސްވެފައި ތިބޭ ޒުވާނުންނެވެ. އަނެއްކޮޅުން، ވަޒީފާއަށް ނުދެވިއްޖެނަމަ މުސާރައިން ކެނޑިދާނެތީ ނުވަތަ ވަޒީފާ ގެއްލިދާނެތީ އިންތިހާއަށް ކަންބޮޑުވެ، ދާހިތްލާ ފޯވެގެން ބަސް ހުއްޓިތަކުގައި ގޮތްހުސްވެފައި ތިބޭ މައިންބަފައިންނެވެ. ރައްޔިތުންގެ ކޮންމެ "ސެކަންޑަކީ" އަގުހުރި ވަގުތަކަށް ވީއިރު، އެމްޓީސީސީގެ ނުކުޅެދުންތެރިކަމުން މުޅި ދުވަހުގެ ރޭވުންތައް ފެނަށްވެ، އާންމުންގެ ނަފްސާނީ ހަމަޖެހުން ވަނީ މުޅިން ނަގާލާފައެވެ.
މި ބޮޑު އޮޅުންބޮޅުންގަނޑާއެކު، އެމްޓީސީސީގެ މެނޭޖްމަންޓަށާއި މި ސަރުކާރަށް އާންމުންގެ ނުރުހުމާއި ފާޑުކިޔުންތައް ވަނީ އިންތިހާއަށް އަމާޒުވެފައެވެ. އާންމު ދަތުރުފަތުރުގެ ހިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބައި ކަމުގައިވާއިރު، އެމްޓީސީސީގެ އެއްވެސް ރޭވުންތެރިކަމެއް އަދި އިހުސާސްތެރިކަމެއް ނެތްކަން މިއަދު މިވަނީ ސާފުކޮށް ހާމަވެފައެވެ. މަގު ހަދަން ބަންދުކުރާއިރު އާންމުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ބަދަލުގައި، ރައްޔިތުން ހާލުގައި ޖައްސައި، އެމްޓީސީސީން ބޭނުންވި ގޮތަކަށް ކަންކަން ނިންމުމުން މިއަދު ރައްޔިތުންނަށް ލިބެނީ ކެކުޅުމާއި ހިތްދަތިކަމެވެ. ރައްޔިތުންގެ އިހުސާސްތަކަށް ކުޑަމިނުން އިހުތިރާމް ނުކުރާ ކުންފުންޏަކަށް އިތުބާރު ކުރާނީ ފަހެ ކިހިނެއްހެއްޔެވެ؟ މިއީ "ރައްޔަތުންގެ ކުންފުނީ"ގެ ނަމުގައި ތިބެ ރައްޔަތުޔަތުންނަށް ކުރާ ކޮންކަހަލް ބޮޑު "މަލާމާތެއް" ތޯއެވެ؟
ގުޅުން ހުރި ޙަބަރުތައް

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން: 6,000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލު ބަލައިފި
15 ގަޑިއިރު ކުރިން

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
15 ގަޑިއިރު ކުރިން

ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު އިފްތިތާހް ކޮށްދެއްވައިފި
15 ގަޑިއިރު ކުރިން

ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
17 ގަޑިއިރު ކުރިން


