logo
ސީއެޗްއެސްއީ މާލެގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: އެފްއޭއެމް

ސީއެޗްއެސްއީ މާލެގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: އެފްއޭއެމް

އަހުމަދިއްޔާ ބަލިކޮށް 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް ސީއެޗްއެސްއީ މާލެ އިން ކާމިޔާބު ކޮށްފި

profile

ހަސަން ޝަމްއޫން - 15 ފެބްރުއަރީ 2026 - 18:45

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލް (75 އަހަރު ފުރުން) ފާހަގަ ކުރުމުގެ ގޮތުން އެފްއޭއެމުން ބާއްވަން ނިންމި ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތް "ޑައިމަން ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް"ގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެ އިން ހޯދައިފި އެވެ.

https://wamco.com.mv/

ސީއެޗްއެސްއީ މާލެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލި ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސީއެޗްއެސްއީ މާލެ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ސީއެޗްއެސްއީ މާލެ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުމަދު މިކްޔާލް މުއީން އެވެ.

އަހުމަދިއްޔާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަލީ އަލާން އަޝްރަފް އެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ސީއެޗްއެސްއީ މާލެގެ އިސްމާއިލް ޝާމިލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަަށް އަލުން ލީޑު ހޯދައިދީފައެވެ.

ސީއެޗްއެސްއީ މާލެ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ސައިމް އިބްރާހިމް ފާއިޒް ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މިކްޔާލް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމު ސީއެޗްއެސްއީ މާލެގެ އަހުމަދު މިކްޔާލް މުއީން ހޯދިއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ސީއެޗްއެސްއީ މާލެ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަހުމަދު ޝިހާމް އެވެ.

ހަތަރު ސްކޫލަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސީއެޗްއެސްއީ މާލޭ ސްކޫލާއި އަހުމަދިއްޔާގެ އިތުރުން ދެން ވާދަ ކުރީ ސީއެޗްއެސްއީ ހުޅުމާލޭ ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލް (75 އަހަރު ފުރުން) ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ނިންމާފައިވާއިރު، މިއީ އޭގެ ތެރެއިން ފުރަތަމަ މުބާރާތެވެ. އަދި ކުރިއަށް ދެން އޮތީ މިއަހަރުގެ ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ދައުވަތުދީގެން ބާއްވާ އިންވިޓޭޝަނަލް މުބާރާތެކެެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk