
ނައިވާދޫ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ
ދެއްވަދޫ ބަލިކޮށް ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން - 14 ފެބްރުއަރީ 2026 - 23:43
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލުގައި ގއ. ދެއްވަދޫ 9-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ހދ. ނައިވާދޫން އިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުން ނައިވާދޫ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 5-4 ގެ ނަތީޖާއަކުން އޭދަފުށި ބަލިކުރުމަށްފަހު އެވެ. އަދި ދެއްވަދޫ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 4-3 ގެ ނަތީޖާއަކުން ވިލިމާލެ ބަލިކުރުމަށްފަހު އެވެ.
ހުޅުމާލެ ރެެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި ނައިވާދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ނައިވާދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނައިވާދޫ އިން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ދެއްވަދޫ އިން ވެސް ވަނީ ތިންލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަހުމަދު ހަމީދު އަދި ހުސެއިން މައިޝާން މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އަބްދުﷲ ވިސާމް އަދި ޔާމިން މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ދެއްވަދޫގެ އަހުމަދު ރާހިލް ރަޝީދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާން އެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ އަހުމަދު ހަމީދު އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޔާމިން މުހައްމަދު (ނައިވާދޫ)، އަހުމަދު ހަމީދު (ނައިވާދޫ)، އަލީ ހައިސަމް (ދެއްވަދޫ)، އަލީ އަލްސަން (މަތިވެރި) އަދި މުހައްމަދު އިސާމް (ދުވާފަރު) އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ، އޭދަފުށީގެ އަބްދުﷲ ނާސިހު އެވެ.
އެންމެ އުންމީދީ ކުޅުންތެރިއަކީ ތިމަރަފުށީގެ ޒުވާން ކީޕަރު، ސާއިފް އަލީ އެވެ. އެންމެ ގިނަ ގޯލު ޖެހީ، 13 ލަނޑު ޖެހި ށ. ކަނޑިތީމުގެ ރައުލް ނިޔާޒް އެވެ. ފެއާޕްލޭ ޓީމަކަށް ކ. ގާފަރު ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކީ ނައިވާދޫ އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، އެ ޓީމުގެ މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ ޔާމިން މުހައްމަދު އެވެ.
ގުޅުން ހުރި ޙަބަރުތައް

އަހުމަދިއްޔާ ބަލިކޮށް 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް ސީއެޗްއެސްއީ މާލެ އިން ކާމިޔާބު ކޮށްފި
4 ގަޑިއިރު ކުރިން

ޕްރެޒިޑެންޓްސް ކަޕް: ޑަ ސިލްވާގެ ދެލަނޑާއެކު އީގަލްސް ބަލިކޮށް ނިއު ސެމީއަށް
2 ދުވަސް ކުރިން
ޕްރެޒިޑެންޓްސް ކަޕް: އޮޑި ސްޕޯޓްސް ކުލަބުން ނިއުރޭޑިއަންޓް މޮޅުވިޔަނުދީ ހިފަހައްޓައިފި
5 ދުވަސް ކުރިން

ޕްރެޒިޑެންޓްސް ކަޕް: ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި
5 ދުވަސް ކުރިން


.gif&w=3840&q=75)