logo

އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް ރައީސް ޑރ. މުޢިއްޒުގެ ހޫނު ބަހުގެ ހަމަލާތަކެއް

profile

ޒިދާން މުޙައްމަދު - 11 ނޮވެމްބަރު 2024 - 22:45

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖޮއިންޓް އަރަބް-އިސްލާމިކް ކުއްލި ސަމިޓުގައި:

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖޮއިންޓް އަރަބް-އިސްލާމިކް ކުއްލި ސަމިޓުގައި:

އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ އިސްރާއީލަށް ވާގިވެރިވެގެން ތިބި ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން، ފަަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތްކަން ހާމަވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފަލަސްތީނަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދެމުން ގެންދާ ނިރުބަވެރި ހަމަލާތަކާއި ޖަރީމާތަކާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން އިންތިޒާމުކޮށްގެން އެ ގައުމުގައި ބާއްވާ ކުއްލި ސަމިޓްގައި ރައީސް ވިދާޅުވީ، އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރާއި ނިރުބަވެރިން ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން އަދަދު ނުކުރެވޭ މިންވަރަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

ޖޮއިންޓް އަރަބް-އިސްލާމިކް ކުއްލި ސަމިޓުގެ ބައިވެރިން:

އެމަނިކުފާނު ވަނީ ފަލަސްތީނުގެ ޣައްޒާގެ އިތުރުން ލުބުނާނަށް ވެސް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، ފާއިތުވި އަހަރެއްހާ ދުވަހު އެކަނިވެސް ބައިލައްކައަކަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ކޮންމެ މަރަކީ ބޮޑު ކާރިސާއެކެވެ. ފަލަސްތީނާއި ލުބުނާނުގެ އެތައް އާއިލާތައް ރޫޅި ހިނގައްޖެކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ތުއްތު ކުދިން ޔަތީމުވެ އެކަނިވެރިވެއްޖެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެއްޓޭ އިމާރާތްތަކުގެ ދަށުގައި އުއްމީދުތަކާއި ދެކެމުން އައި ހުވަފެންތައް ވަޅުލެވިއްޖެ ކަމަށާއި މުސްތަގުބަލް ލޯތަކުގެ ކުރިމަތީގައި ކަފުންވެއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަމަކު ބާރު ހުރި ފަރާތްތަކުން [އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ފަދަ ގައުމުތަކުން] އަޅާނުލައި ތިބުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެ އަނިޔާވެރިކަން ކުށްވެރި ކުރާ އަޑުތައް ފަނޑުކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ އިސްރާއީލަށް ވާގިވެރިވެގެން ތިބި ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން، ފަަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތް ކަން މުޅި ދުނިޔެއަށް ދައްކުވައިދީފި ކަމަށް ވިދާޅުވެފައެވެ.

ވީޓޯ ކުރުމުގެ ބާރުގެ ނާޖާއިޒު ބޭނުން ހިފައި، އިސްރާއީލުގެ ނިރުބަވެރިންނަށް ހުއްޓުމެއް ނެތި ހަތިޔާރު ފޯރުކޮށްދީ، އދ ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލިސް ވެސް ވާކޮށްލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމައެކަނި ބަލައިގަތުމަކުން ނުފުދެއެވެ. އެ ގައުމުގެ ދިފާއުގައި ތެދުވެ އަނިޔާވެރިކަން ހުއްޓުވަން ޖެހެއެވެ.

https://int.etukuri.mv/
tel:+9607331319