logo

އަތޮޅުތަކުގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

profile

ޒިދާން މުޙައްމަދު - 07 ނޮވެމްބަރު 2024 - 12:45

އަތޮޅުތަކުގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިކަމަށްޜޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ބައިވެރިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށާއި، އާންމު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުމްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު ވިދާޅުވީ، މިއަދު މިފަށާ މަޝްރޫއަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ފިޔުލް ސަޕްލައިގެ ޝެޑުތަކުން ވިއްކާ ރޭޓުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މި މަޝްރޫއު ފެށުމުގެ ކުރިން ދިރާސާއެއް ކޮށްފައިވާނެ ކަމަށާއި، އެންމެ ބޮޑަށް މަސްވެރިން ހަރަކާތްތެރިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލޭގެ ފިއުލް ސަޕްލައި ޝެޑުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަން ފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އަމާޒަކީ 2026 ފެބްރުއަރީގެ ކުރިން މިހާރު ޚިދުމަތްދޭން ފަށާ ސަރަހައްދުތަކުގައި ފިއުލް ސެޓަޕް ގާއިމްކޮށް މަސްވެރިންނަށާއި، އާންމު ރައްޔިތުންނަށް އެޕޮއިންޓުތަކުން ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ.

އެސްޓީއޯއިން ވަނީ ހުޅުމާލޭގެ އިތުރުން، ފެލިވަރާއި ކޫއްޑޫގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ފަށާފައެވެ. އެހެން ނަމަވެސް އެތަންތަނުގައި ވެސް އަދި ފިއުލް ސެޓަޕް ގާއިމްކޮށްފައިނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319