logo
ހދ. ނޮޅިވަރަންފަރަށް ކުރި ވިއްސާރައިގައި ވެފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯއެއް،، ފޮޓޯ: އެންޑީއެމްއޭ މޯލްޑިވްސް

ހދ. ނޮޅިވަރަންފަރަށް ކުރި ވިއްސާރައިގައި ވެފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯއެއް،، ފޮޓޯ: އެންޑީއެމްއޭ މޯލްޑިވްސް

ވިއްސާރައިގައި އެކި ރަށްރަށަށް ލިބުނު ގެއްލުންތަކުގެ އަދާހަމަ އެންޑީއެމްއޭއިން ހާމަކޮށްފި

profile

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 09:34

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވާތީ، އެ ރަށްރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންޑީއެމްއޭއިން ވަނީ އެންމެ ބޮޑަށް އަސަރުކުރި ރަށްރަށުގެ އެންމެ ފަހުގެ ހާލަތު ހާމަކޮށްފައެވެ.

އެ އޮތޯރިޓީން މައުލޫމާތު ދެއްވި ގޮތުގައި، ހދ. ކުޅުދުއްފުށީގައި ފެންބޮޑުވުމާ ގުޅިގެން ކުރިއަށްގެންދިޔަ ފެން ހިންދުމުގެ މަސައްކަތް މިވަގުތަށް ވަނީ މެދުކަނޑާލާފައެވެ. އަދި އެރަށުގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވާން ޖެހިފައި ނުވި ނަމަވެސް، ގެއަށް ފެންވަދެ ދިރިނޫޅެވޭވަރު ވުމުގެ ސަބަބުން 2 ގެއެއްގެ މީހުން ވަނީ ގެސްޓްހައުސްތަކަށް ބަދަލުކުރެވިފައެވެ.

ހދ. ނޮޅިވަރަމަށް ބަލާއިރު، އެރަށަށް ވާރޭ ވެހުން މިހާރު ހުއްޓިފައިވީ ނަމަވެސް، ގިނަ އަދަދެއްގެ ގެތަކުގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެރަށުގައި ފެން ހިންދުމަށްޓަކައި 2 ޕަންޕު ބޭނުންކުރަމުންދާއިރު، މޫދަށް ފެން ބޭރުކުރުމަށް 6 ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

މީގެއިތުރުން ހދ. ނޮޅިވަރަންފަރަށް ވެސް ވާރޭ ހުއްޓާލުމާ ގުޅިގެން ރަށުގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ ފެން ހިނދިފައެވެ. އެރަށުގައި މިހާރު ކުރިއަށްދަނީ ފެންވަދެ ގެއްލުންވި ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ (އެސެސްމަންޓް ހެދުމުގެ) މަސައްކަތްތަކެވެ.

ޅ. ނައިފަރަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވި ނަމަވެސް، ވާރޭ ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން މިހާރު ދަނީ ފެން ހިނދެމުންނެވެ. އަދި ޕަންޕު ބޭނުންކޮށްގެން ފެންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި، އެކި ގޭބިސީތަކަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ވެލިބަސްތާ ޖެހުމާއި، އަގުބޮޑެތި މުދާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

https://wamco.com.mv/
tel:+9607331319