
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން،، ފޮޓޯ: އެމްއެންޑީއެފް
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް ފަށައިފި

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 09:32
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީން ޕްރޮގްރާމް އިފުތިތާޙުކޮށްފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.
ޒުވާނުން ބާރުވެރިކުރުވުމަށާއި، ގައުމަށް ބޭނުންތެރި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ މަގުސޫދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތިންވަނަ ބުރުގައި، ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 84 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުން ތަމްރީނު ހެދުމަށް ޓަކައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ވަޠަނީ ޚިދުމަތުގެ މި ފަންނީ ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންތެރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މެރިން އިންޖިނިއަރިންގ، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ އަދި އިދާރީ ދާއިރާތައް ހިމެނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު ޢަމަލީ މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްޑް، ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ގައުމީ ލޯތްބާއި، އަޚުލާގާއި، ޑިސިޕްލިން އަށަގަންނުވައި، ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ފަންނީ މަސައްކަތްތަކަށް ދިވެހިން ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވައިގެން އެމްއެންޑީއެފް މެދުވެރިކޮށް ހިންގަމުން އަންނަ އަގުހުރި ގައުމީ މަޝްރޫޢެކެވެ. މީގެ ކުރިން މި ޕްރޮގްރާމްގެ ދަށުން ކާމިޔާބުކަމާއެކު ދެ ބުރެއް ވަނީ ނިންމާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސޯލޯ ޓްރެވެލް: ހިތްވަރާއެކު މިނިވަން ދުނިޔެއަކަށް!
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
ރޭޕް ކޭސްއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ވިއްސާރައިގައި އެކި ރަށްރަށަށް ލިބުނު ގެއްލުންތަކުގެ އަދާހަމަ އެންޑީއެމްއޭއިން ހާމަކޮށްފި
ގަޑިއިރެއް ކުރިން

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި
2 ގަޑިއިރު ކުރިން


