logo
އދގެ ރެފިއުޖީ އޭޖެންސީން ޣައްޒާގައި ހިންގާ ސްކޫލަކުން ހިމާޔަތް ހޯދައިގެން ތިބި އާންމުންތަކެއް:

އދގެ ރެފިއުޖީ އޭޖެންސީން ޣައްޒާގައި ހިންގާ ސްކޫލަކުން ހިމާޔަތް ހޯދައިގެން ތިބި އާންމުންތަކެއް:

ދޯހާ މަޝްވަރާތައް: ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް އިސްރާއީލުގެ ފަރާތުން އަދި ނާދޭ: ހަމާސް

profile

ސައިފް އަޒުހަރު - 16 އޯގަސްޓު 2024 - 14:55

މަޝްވަރާތަކުގައި، ހަނގުރާމަ ހުއްޓާލާނޭ ކަމުގެ އެއްވެސް އުންމީދެއް އިސްރާއީލުގެ ފަރާތުން ނާންނަ ކަމަށް، ހަމާސްއިން ބުނެފިއެވެ.

https://wamco.com.mv/

ގަތަރު، މިސްރު އަދި އެމެރިކާ މެދުވެރިގެން އިސްރާއީލާއި ހަމާސްއާ ދެމެދު ދޯހާގައި އިއްޔެ ފެށި، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ދެވަނަ ދުވަހަކަށް މިއަދުވަނީ ފެށިފައެވެ.

ވާހަކަތަކުގައި ހަމާސް ސީދާ ބައިވެރިއެއް ނުވެއެވެ. އެކަމަކު، އިސްރާއީލުގެ ވަފުދެއް ބައިވެއެވެ.

ހަމާސްގެ ތަރުޖަމާނު އުސާމާ ހަމްދާން ވިދާޅުވީ، އިއްޔެ ބޭއްވި ވާހަކަށް ބަލާއިރު، އިސްރާއީލުގެ ފަރާތުން ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް އޮތް ކަމަށް ހަމާސް ނުދެކޭ ކަމަށެވެ. އެފަދަ އިޝާރާތެއް ނެތް ކަމަށެވެ.

ވާހަކަތަކުގައި އިސްރާއީލުން ގެންދަނީ އައު ޝަރުތުތައް ކުރިމަތިކޮށް، އިތުރު މައްސަލަތައްވެސް ވާހަކަތަކުގެ ތެރެއަށް ވައްދަމުން ކަމަށާއި، އިސްރާއީލުގެ މަގްސަދަކީ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަށް ހުރަސްއަޅައި، ކުރިއަށް ނުގެންދެވޭނޭ ގޮތް ހެދުން ކަމަށް އުސާމާ ހަމްދާން ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމަކީ ހަމާސްގެ މައިގަނޑު އެއް ޝަރުތެވެ. ނަމަވެސް، އިސްރާއީލުން ވާހަކަ ދައްކަނީ ޣައްޒާގެ ކޮންޓްރޯލް އެމީހުންނަށް އޮންނަ ގޮތަށެވެ.

މިގޮތަށް އިސްރާއީލުގެ ވިސްނުން ހުރިއްޔާ ވާހަކަތަކުން ކުރިއެރުމެއް ލިބޭނޭކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުން ދޭފަދަ އުންމީދެއް އޮތްނަމަ ހަމާސް ވާހަކަތަކުގައި ބައިވެރިވުން ކުރިއަށް ގެންދާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ދޯހާގައި އިއްޔެ ފެށި ވާހަކަތަކާ ގުޅޭގޮތުން އެމެރިކާ، ގަތަރު، މިސްރު އަދި އިސްރާއީލުންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އެކަމަކު، މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުން ބުނަނީ، ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ދެފަރާތުގެ ދެމެދުގައި ހުރި "ދުރުމިން ގާތްކުރުން" ކަމަށެވެ.

އީރާނުން އިސްރާއީލަށް ދީފާނޭ ހަމަލާއަކުން ސަލާމަތް ވެވެން އޮތް ހަމައެކަނި މަގަކީ ޣައްޒާ ހަނގުރާމަ ހުއްޓުވުން ކަމަށް އެމެރިކާ ދެކެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލައިފިނަމަ އީރާނުން އިސްރާއީލަށް ދޭން އުޅޭ ހަމަލާ މަޑުޖައްސާލަފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މުޅި މެދުއިރުމަތީގައި ހިނގާފާނެ ހަނގުރާމައަކުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ޣައްޒާ ހަނގުރާމަ ހުއްޓުވުން ކަމަށް އެމެރިކާއިން މިހާރު ގަބޫލުކުރެއެވެ.

އަނެއްކޮޅުން، ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބު، ޖޯ ބައިޑެންގެ ނައިބް ކަމަލާ ހެރިސްއަށް ކާމިޔާބު ކުރެވެންއޮތް ހަމައެކަނި ގޮތަކީ ހަނގުރާމަ ހުއްޓުވުން ކަމަށް ޑިމޮކްރަޓިކް ޕާޓީންވެސް ދެކެއެވެ.

https://wamco.com.mv/
https://www.aslu.com.mv