
އިސްރާއީލުގެ ވިޔަފާރިތަކަށް ދަތިކުރަން އީޔޫގެ ގައުމުތަކުން މަޝްވަރާ ކުރަންފަށައިފި!

ރިޟްވާން މޫސާ - 13 ޖުލައި 2026 - 11:01
އިސްރާއީލުން ޣައިރުޤާނޫނީ ގޮތުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހަދާފައިވާ އާބާދުތަކުން އުފައްދާ މުދަލާއި ކުރާ ވިޔަފާރިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ މެދު ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އަށް ނިސްބަތްވާ ޤައުމުތަކުން މަޝްވަރާކުރަން ފަށައިފިއެވެ.
ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ޔޫރަޕިއަން ކޮމިޝަނުން ވަނީ މިކަމުގައި އަމަލުކުރެވިދާނެ ގޮތްތަކުގެ ޚިޔާލީ ކަރުދާހެއް އެކުލަވާލާފައެވެ. އަދި ގިނަ އިޚްތިޔާރުތަކެއް މޭޒުމަތީގައި ހުރި އިރު، އޭގެ ތެރޭގައި މުދާ އެތެރެކުރުމުގެ ލައިސަންސް ނިޒާމެއް ގާއިމުކުރުމާއި، ބޮޑެތި ޓެރިފްތަކެއް (އިމްޕޯޓް ޑިއުޓީ) ނެގުން ނުވަތަ މުދާ އެތެރެކުރުން މުޅިން މަނާކުރުން ހިމެނޭ ކަމަށް އީޔޫގެ ސީނިއާ ޑިޕްލޮމެޓަކު ވިދާޅުވިއެވެ.
ބްރަސަލްސްގައި ބޭއްވި ބައްދަލުވުން ފައްޓަވަމުން އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލާސް ވިދާޅުވީ، "ހުޅަނގު އައްސޭރީގެ (ވެސްޓް ބޭންކް) ހާލަތަކީ ހަގީގަތުގައިވެސް ކެތްކުރެވޭނެ ފަދަ ހާލަތެއް ނޫން ކަމަށް އެންމެންވެސް އެއްބަސްވޭ،" ކަމަށެވެ.
މީގެ އިތުރުން ކަލާސް ވިދާޅުވީ، "ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން، ދެ ދައުލަތުގެ ހައްލެއް (ޓޫ-ސްޓޭޓް ސޮލިއުޝަން) ދުވަހަކުވެސް ވުޖޫދަށް އައުން ދަނީ އެއްދުވަހުން އަނެއްދުވަހަށް މުސްތަހީލުވަމުން،" ކަމަށެވެ.
ނަން ހާމަނުކުރުމަށް އެދި ޑިޕްލޮމެޓަކު ރޮއިޓާސްއަށް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ ހޯމަ ދުވަހު ފެނިގެންދާނީ މި ހުރި އިޚްތިޔާރުތަކާ ބެހޭގޮތުން ކުރެވޭ މަޝްވަރާތަކެއް ހެން، އަދި މީގެ ސަބަބުން ކޮންމެ ގައުމެއްގެ ވިސްނުން ހުރިގޮތް ކޮންމެވެސް ވަރަކަށް ސާފުވެގެންދާނެ،" ކަމަށެވެ.
ޑިޕްލޮމެޓުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުން ވަކި ޚާއްސަ ފިޔަވަޅަކާ މެދު ރަސްމީ ނިންމުމެއް ނިންމާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، މިއީ ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށް ތާއީދު އެބައޮތްތޯ ބެލުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެކެވެ.
މިފަދަ ފިޔަވަޅެއް އެޅުމަށްޓަކައި އީޔޫގެ ހުރިހާ 27 މެންބަރު ގައުމެއްގެ ތާއީދު ބޭނުންވޭތޯ ނުވަތަ ހަމައެކަނި ބޮޑު އަޣުލަބިއްޔަތެއް (ވޭޓެޑް މެޖޯރިޓީ) ފުދޭނެތޯއާ މެދު ބްރަސަލްސްގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ބައެއް ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިންތަކުގައި ހަދާފައިވާ އާބާދީތަކުން (ސެޓްލްމަންޓްތަކުން) މުދާ އެތެރެކުރުން މަނާކުރުމަށްޓަކައި، އީޔޫގެ އާބާދީގެ 65 އިންސައްތަ ހިއްސާކުރާ މަދުވެގެން 15 ގައުމެއްގެ އަޣުލަބިއްޔަތު (ކޮލިފައިޑް މެޖޯރިޓީ) ބޭނުންވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
11 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
11 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
13 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)