logo

ސްޕެއިންގެ ކާމިޔާބީއާއެކު ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން: ފަލަސްޠީނުގެ ދިދަ މުޅި ދުނިޔޭގައި ވިހުރާލައިފި

profile

އާމިނަތު ޝަޒްލާ - 20 ޖުލައި 2026 - 11:48

ވޯލްޑް ކަޕް ނުވަތަ ދުނިޔޭގެ ތަށްޓަށް ކުޅެވުނު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާގެ މައްޗަށް ކުރިހޯދައި ސްޕެއިނުން ހޯދި ތާރީޚީ ކާމިޔާބީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ވަރަށް ފޯރިއާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ މަގުތަކަށް، މި ކާމިޔާބީއާއެކު އުފާވެރިކަމުގެ ރޫޙެއް ވަނީ އައިސްފައެވެ.

https://wamco.com.mv/

ޣައްޒާގެ ރައްޔިތުން މި މުބާރާތުގެ މެޗުތައް ބަލާފައި ވަނީ، ވޭތުވެދިޔަ ދެ އަހަރު ދުވަހު ޔަހޫދީން ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައި ހަދާފައިވާ ވަގުތީ ތަންތަނުގައެވެ. ފައިނަލް މެޗު ބެލުމުގެ އިންތިޒާމު އެހީދޭ ޖަމުޢިއްޔާތަކުން ހަމަޖައްސާފައި ވަނީ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓު ދީގެން، ކުދި ސްކްރީންތަކާއި ލެޕްޓޮޕްތަކުންނެވެ. އަދި ބައެއް މީހުން މޮބައިލް ފޯނުތަކުން މެޗު ބަލަމުން ދިޔައިރު، ސްޕެއިން މޮޅުވުމާއެކު އެތައް ސަތޭކަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ ސްޕެއިންގެ ކާމިޔާބީ ފާހަގަކޮށްފައެވެ.

ޣައްޒާގެ ރައްޔިތުން ސްޕެއިނަށް މިހާ ބޮޑަށް ތާއީދުކުރާ އެންމެ ބޮޑު ސަބަބަކީ، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލައި، ބައިނަލްއަޤުވާމީ މައިދާނުގައި ސްޕެއިނުން ކުރަމުންދާ ވަރުގަދަ ވަކާލާތެވެ. މި އުފާފާޅުކުރުންތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ދިޔައީ ސްޕެއިންގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް މަރުޙަބާ ކިޔަމުންނެވެ.

މި ކާމިޔާބީއާއެކު ސްޕެއިންގެ މަގުތަކުގައި އުފާފާޅުކުރި އެ ޤައުމުގެ ރައްޔިތުން ވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކޮށްފައެވެ. އެގޮތުން ސްޕެއިންގެ އެކި ސިޓީތަކުގައި ފަލަސްޠީނުގެ ދިދަ ވިހުރުވައި، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލައި އަޑުއުފުލާފައިވެއެވެ. މިއީ އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލަމުންދާ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ފުޓުބޯޅައިގެ ތެރެއިން ސްޕެއިންގެ ކުޅުންތެރިން ފަލަސްޠީނަށް ތާއީދުކުރާކަން ހާމަކުރުމަކީ އާކަމެއް ނޫނެވެ. އެގޮތުން 2025/2026 ވަނަ އަހަރުގެ 'ލަ ލީގާ' ޗެމްޕިޔަންކަން ބާސެލޯނާއިން ހޯދުމުން، އެ ކުލަބުގެ ޒުވާން ތަރި އުމުރުން 19 އަހަރުގެ ލަމީން ޔަމާލް ވެސް ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން އުފާފާޅުކޮށްފައެވެ. މިކަމުގެ ސަބަބުން ޔަހޫދީންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ޔަމާލްގެ އެ ހިތްވަރުގަދަ ޢަމަލުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުގައި އޭނާއަށް ވަނީ ޚާއްޞަ ލޯތްބެއް އުފެދިފައެވެ.

ސްޕެއިންގެ މި ފުޓުބޯޅަ ކާމިޔާބީ ވެގެން ގޮސްފައިވަނީ ހަމައެކަނި ކުޅިވަރުގެ ކާމިޔާބީއަކަށް ނޫނެވެ. އެއީ ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލާ ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މީހުންގެ އެއްބައިވަންތަކަން ރަމްޒުކޮށްދިން މުނާސަބަތަކަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk