logo

ވާހަކަ: ބެސްޓް ފްރެންޑް (އެޕިސޯޑް 4)

profile

ޔަޝްފާ ޢަބްދުލްޣަނީ - 19 ޖެނުއަރީ 2023 - 13:00

ވާހަކަ: ބެސްޓް ފްރެންޑް

ވާހަކަ: ބެސްޓް ފްރެންޑް

(އެޕިސޯޑް 3 އަކާއި ގުޅޭ…)

https://wamco.com.mv/

ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ ހުސޭނެވެ. ހުސޭނުގެ ރުޅިވެރި މޫނު ފެނިފައި އަހަރެން ބިރުގަތެވެ. އަދި ފިރިހެނަކާއެކު ގެސްހައުސްގެ ކޮޓަރިއެއްގައި އަހަރެން ހުރުމުން ހުސޭނު ވިސްނާނެ ނުބައިގޮތް ހިތަށްއަރާފައި އިންތިހާއަށް ލަދުވެސް ގަނެއްޖެއެވެ. ބުނަންނޭނގޭ އިހުސާސްތަކެއް އަހަރެން ހާސްކުރުވަމުން ދިޔައެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ފަޅައިގެންގޮސް ބިންގަޑުގެ ދަށަށް ގަނބައިގަންނަނީ ބާވައެވެ؟

"ކަލޭގެ ހުރި ގޮތްކުޑަކަން ދެކިބަލަ. ކީއްވެތަ ބުރުގާ އަޅައިގެން އުޅެނީ؟ އެވެސް ނަގާ ހޫރާލަންވީނު." ހުސޭނު އައީ އަހަރެންނާ ދިމާއަށެވެ. އާކިފް ފަރުވާތެރިކަމާއިއެކު ހުސޭނަށް ބަލަމުން ދިޔައެވެ. އޭނާގެ މޫނުމަތީގައިވަނީ ހާސްކަމާއި ކަންބޮޑުވުމެވެ.

"ހުސެން. އަހަރެން... އަހަރެން މިތަނަށް އައީ ގަސް..ތުގަ..އެއް ނޫން." އަހަރެންނަށް ވާހަކަ ދައްކަން އުނދަގުލެވެ. އަޑުގައި ބިރުވެރިކަމުން ފުރިގެންވާ ތުރުތުރެއްވެއެވެ.

"މީހަކު ހައިރާނެއް ނުވާނެތަ؟ ކަލޭތީ ހޭބުއްދި ފިލާފައި ހުރި މޮޔައެއްކަމަށް ހެދެނީތަ؟ ނޫނީ އަހަންނަކީ މޮޔައެއް ކަމަށް ކަލޭ ގަބޫލު ކުރަނީތަ؟" އޭނާ އަހަރެންގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިއެވެ.

އަހަރެންގެ ކޯކަށިގަނޑު ހީވީ ބިންދައިގެން ދިޔަހެންނެވެ. ތުންފަތް ފަޅައިގެންގޮސް ތުންފަތުން ލޭ އަންނަންފެށިއެވެ. ވީ ތަދުން ތަދުވާ ތަނުގައި އަތް އަޅާލެވުނެވެ. އަދި ތުންފަތުން އަންނަމުންދިޔަ ލޭގައި އަތްޖައްސަލެވުނެވެ. ދެން އަތަށް ބަލާލެވުނެވެ. އެވަގުތު ހުސެން އަހަރެން އަޅައިގެން ހުރި ބުރުގާގެ ފަހަތުގައި ހިފާ ލުތްކެއް ޖެހިއެވެ. ކުއްލިއަކަށް ބުރުގާ ކަނދުރާމަތިން ފަހަތަށް ވެއްޓުނެވެ. ހަމަ އެނޭވައިގައި އޭނާ އަހަރެން ކޮށްޕާލިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން އަހަރެން އިސާހިތަކު ބިންމައްޗަށް ވެއްޓުނެވެ.

"މަންމާ! ސަލާމަތްކުރޭ!." އަހަންނަށް ހަޅޭއްލަވައިގަނެވުނީ ބޭ އިޚްތިޔާރުގައެވެ. އާކިފް ދުވެފައި އައިސް އަހަރެން ނެގިއެވެ. އަދި އޭނާގެ ފުރަގަހަށް އަހަރެންލާ ހުސޭނުގެ ތިންވަނަ އެތިފަހަރުން އަހަރެން ސަލާމަތްކޮށްދިނެވެ.

"ކަލޭތީ ކާކު މަށާ މަގޭ އަނބިމީހާ ދެމެދަށް ވަންނަން؟ މީ މިގޭ ޒާތީ މައްސަލައެއް." ހުސޭނު ހަޅޭއްލަވައިގަތެވެ. ހުސޭނު އެހާ ރުޅިއައިސްފައިވަނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެމެވެ.

"ކަލޭ އަނބިމީއަށް ވުމުގެ ކުރިން އޭނާއަކީ އަންހެނެއް. އެއްވެސް އަންހެނެއްގައިގާ ޖެހުމުގެ ހައްގެއް ކަލެއަކަށްވެސް ނޯންނާނެ." އާކިފް ހުސޭނު މަޅާލި އަތުގައި ހިފެހެއްޓިއެވެ.

"އޯ!. އަންހެނެއްވީމަ ދޯ ރޭގައި އޭނާއާއިއެކު ކަލޭ މަޖާކުރީ. ހުރި ގޮތްކުޑަކަން." ހުސޭނު ހަޅޭއްލަވައިގަތެވެ.

"ކަލޭ ރޭގައި އަރާމުކޮށް ނިދާފައި އޮތްއިރު އޭނާވީ ކޮންތާކުތޯވެސް ބަލާލީންތަ؟" އާކިފް ދުލެއް ނުކުރެއެވެ.

"ހުއްޓާލާ.." އަހަންނަކަށް އެމީހުންގެ ހަނގުރާމަ ބަލާކަށް ފަސޭހައެއް ނުވިއެވެ. ހުސޭނު އަހަރެންގެ އަތުގައި ހިފާ ދަމާފައިކަހަލަ ގޮތަކަށް އެގެސްޓް ހައުސުން ނިކުތެވެ.

އޭނާ ގެއާއި ހަމައަށް ދެވެންދެން މަގުގެ ދެފަރާތުގައި މީހުން ބަލަން ތިއްބެއެވެ. އަހަރެންގެ ބުރުގާ ރަނގަޅުކޮށްލާ އިސްތަށިގަނޑު ނިވާކޮށްލާނެ ފުރުސަތެއްވެސް އޭނާ ނުދިނެވެ. ގެއާއި ހިސާބަށް ދެވެންދެން އޭނާ އަހަންނަށް ބަވަމުން ދިޔައެވެ. ރޮއި ގިސްލުންފިޔަވާ އެއްވެސް ކަމެއް އަހަންނަކަށް ނުކުރެވުނެވެ. ލިބެމުންދިޔަ އަނިޔާއަށްވުރެ ގަތްލަދު އަހަރެންގެ ބޮޑެވެ. މިދުވަސް ފެނުމުގެ ކުރީން އަހަރެން މަރުވިނަމައޭ ހިތަށް އަރަމުން ދިޔައެވެ. އަހަރެންގެ ފަސްފަހަތުން އާކިފް އަންނަކަން އެއީ އަދި މާ ބޮޑު ލަދުވެތިކަމެކެވެ. މީހުން ހީކުރާނީ އެ ގެސްޓް ހައުސްގައި އަހަރެން އެ ފިރިހެންމީހާއާއިއެކު ނުބައި ގުޅުންތަކެއް ބޭއްވީ ކަމަށެވެ. އަހަރެންގެ ތަގުދީރުގައި މި ހުރިހާ މަންޒަރެއް ބަދަލު ކުރުވަމުންދަނީ ހާދަހާވާ ފާޑަކަށެވެ. މި ހިތްދަތި އަދި އެހާމެ ލަދުވެތި ހުރިހާކަމެއް އެއްފަހަރާހެން ކުރިމަތިވަމުންދަނީ އަހަރެންގެ މައުސޫމުކަމާއި ހަގީގަތާވެސް ދެކޮޅަށެވެ.

ގެއާއި ހަމައަށް ދެވުނުއިރު އަހަރެންގެ ފޮށި ހުރީ ގޭގެ ދޮރުމަތީގައެވެ. އޭރުވެސް މައިދައިތަ ހުރެގެން އަޑުގަދަކުރަމުން ދެއެވެ. އެއީ އެހެންޏާ ކެއްސާވަރުންނާއި ބަލިކަމުން އަޑުފަޅާ ވާހަކަ ދެއްކޭމީހެއްވެސް ނޫނެވެ. މިއަދު އޭނާގެ އަޑެކޭ މިސްކިތުގައި ހުރި ލައުޑް އިސްޕީކަރޭ އެއްވަރެވެ.

"ތިހާ ގޮތްކުޑަ މީހެއް އަދި ލަދުކުޑަ އަންހެނެއް ދުވަހަކުވެސް ނުދެކެން. އޭނާ މިގެއަށް ނުވައްދާތި!" މައިދައިތަ އަހަރެންގެ ފޮށީގައި ކޮޅުފައިން ޖަހާ މަގުމައްޗަށް އެއްލާލިއެވެ. މައިދައިތަ ފައިގާ މިއަދު ވަރަށް ވަރުވެސް އެބަހުއްޓެވެ. ޒިބުވެސް ނާޅުވާހުރި ފޮށީގައި ހުރި އަންނައުނުތައް ބިންމައްޗަށް ފޭބިއެވެ.

"އަހަރެން ކުށެއް ނުކުރަން. އެންމެން ކުރިމަތީ އަހަރެން ބޭޒާރު ނުކުރޭ." އަހަރެން ރޮމުން ދިޔައީމެވެ.

"ކަލޭ ބޭޒާރެއް ނުވާނެ މިތަނުން ދިޔައީމައެއް. ތިހުރީ ވަރިކޮށްފަ. ދެން ކަލެއަކާ އިންނާނެ އިސްލާމެއް ނުހުންނާނެ. ހަމަމިހާރު މިތަނުންވެސް ރައްކާވޭ." ހުސޭނު ގެއަށްވަދެ ޑަންލާފާ މޫނުމައްޗަށް ދޮރުލެއްޕިއެވެ.

"އޭނ. އަހަރެންގެ ކޮންކުށެއް އޮވެގެން. އަހަރެންނާ ވާހަކަ ދައްކަބަލަ." އަހަރެން ދޮރުގައި ތަޅަމުން ރޮމުން ދިޔައީމެވެ.

"މިރަށަކުން މިހާ ލަދުހަޔާތްކުޑަ އަންހެނެއް އަދި ނުދެކެން." އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ.

"ކަލޭމެންނަކަށް ނޭނގޭނެ. މީހުންގެ ދިރިއުޅުމާ ނުބެހޭ." އަހަރެން ރޮމުން ހަޅޭއްލަވަމުން ދިޔައީމެވެ.

"ދައްތާ ނުރޮއި." ސްކޫލުގެ ގްރޭޑް 5 ގައި އުޅޭ ޝާބިން އައިސް އަހަރެންގެ އަތުގައި ހިފާ ހިނގައިގަތެވެ. އަދި އަތުގައި ހިފާ ބިންމަތީގައި އޮތް ފޮށި ކައިރިއަށް ދިޔައެވެ. ދެން އެއްޗިހިތައް ނަގަން ފެށިއެވެ.

ގޭދޮށަށް އެއްވެފައިތިބި މީހުން އަހަންނަށް ކުދިކިޔާ މަލާމާތް ކުރަމުން ދިޔައެވެ. ކުޑަކުޑަ ޝާބިންގެ އިޝާރާތުން އެކަމާ އަޅާނުލުމަށް ބުންޏެވެ. އެ ކުޑަކުއްޖާ އަހަރެންނަށް ދިން ހިތްވަރަކީ އަހަރެންނަށް ބަޔާންކުރަން ދަތިވި އިހުސާސެއް ކުރެވުނު ވަގުތުކޮޅެކެވެ. އަހަރެން އަންނައުނުތައް ބިންމަތިންނަގާ ފޮށްޓަށް އަޅަމުން ދިޔައީމެވެ. އެވަގުތު އާކިފް އައިސް އަހަރެންގެ ބައެއް އަންނައުނު ނަގަން އެހީވިއެވެ.

"ދުރަށްދޭ. މީ ހުސް ކަލެއާއިހެދި ވީގޮތް." އަހަރެން ހަޅޭއްލަވައިގަތީމެވެ.

"ނޫން. ތިއީ ރޫމާގެ ފިރިމީހާގެ ހިތުގައި ލޯތްބާއި ރަހުމް ނެތީމާ ވީގޮތެއް. މަށާއެކު އާދޭ. ރޫމާ ހާލަކު ނުޖެހޭނެ." އާކިފް ބުންޏެވެ.

"ދުރަށްދޭ. ކަލެއާއިހެދި ލިބުނު އަނިޔާ ކުޑައެއް ނޫން." އަހަރެން ފޮށީގެ ޒިބު އަޅުވާލާފައި މަންމަމެން ގެޔަށްދާން ހިނގައިގަތީމެވެ.

"ރޫމާ.. އަހަރެންނާއެކު އާދޭ. ތި ލިބުނު ނުހައްގު އަނިޔާގެ ބަދަލު ހޯދަން އަހަރެން އެހީވާނަން." އާކިފް އަނެއްކާވެސް ބުންޏެވެ.

"ކިހާދެރަކަމެއް. މަގޭ ފެންނަހިސާބަށްވެސް ކަލޭ އައިސްގެން ނުވާނެ. ކަލެއާއިހެދި މަގޭ ދިރިއުޅުން ފުނޑުފުނޑުވެއްޖެ." އަހަރެންނަށް ކުރިއަށްވުރެވެސް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އަދި މީހުންގެ މަލާމާތުގެ ނަޒަރުން ސަލާމަތްވޭތޯ ބާރު ބާރަށް ހިނގާފައި ދިޔައީމެވެ. ވަކި ހިސާބަކަށް ގޮސްފައި އާކިފް ފެނޭތޯ ފަހަތް ބަލާލީމެވެ. އޭނާ އަހަރެން ދާތަން ބަލަން ހުއްޓެވެ. އަހަރެން މޫނު ކުނިކޮށްލާ އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ.

ގެއާ ހަމައަށް ދެވުނުއިރު އަހަރެންގެ ހިތް ބާރުބާރަށް ތެޅެއެވެ. މައިންބަފައިން އަހަރެންގެ ބަސް ގަބޫލުކުރާނެބާވައެވެ؟ ގޭގެ ގޭޓު ހުޅުވާލާ މަޑުމަޑުން އެތެރެއަށް ވަނީމެވެ. ގޭތެރޭގައި ހީވަނީ މީހަކު މަރުވެގެން އުޅޭހެންނެވެ. އެކަކު އަނެކަކު ހާސްވެގެން ކޮޅުކޮޅަށް ދުވަނީއެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. ދެލޮލުގައި ވަނީ ކަރުނައެވެ.

"އެންބިއުލޭންސް އަދިވެސް ނާދޭތަ؟" ގޭތެރެއިން ކޮއްކޮ ގޮވާލިއަޑު އިވުނެވެ.

"އެންބިއުލޭންސް އަންނަންދެން މަޑުކޮށްފިނަމަ ލަސްވެދާނެ. ބައްޕަ ސައިކަލަށް ލައިގެން ގެންދަން ހިނގާ." ބޭބެ ބުނި އަޑު އިވުނެވެ.

އަހަރެންގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. ބައްޕައަށް އަނެއްކާ ކިހިނެއް ވީބާވައެވެ؟ އަހަރެން ފޮށި ބަހައްޓާފައި ގޭތެރެއަށް ދުއްވައިގަތީމެވެ.

"ނުވަންނާތި!" މަންމަގެ ހަރުކަށި އަޑުއިވުނެވެ.

ކުއްލިއަކަށް އަހަރެންނަށް ހުއްޓެވުނެވެ. ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އެޅެވުނެވެ. ބައްޕައަށް ވީގޮތެއް ބެލުމަށްޓަކައި ކެތްމަދުވިޔަސް މަންމަގެ ހަރުކަށި އަޑު އަހަރެން ހުއްޓުވިއެވެ.

"ޑިގުރީއާ ހިސާބަށް ކިޔަވައިދީ ރީތި ދިރިއުޅުމަކަށް ތަރުބިއްޔަތު ކުރީމާ ދޭން އެނގުނު އިނާމަކީ ތިއީތަ؟ ކަލެއާއިހެދި ލަދުން ބޭރަށް ނިކުންނަންވެސް ނުކެރޭނެ." މަންމަ އަނެއްކާވެސް ބުންޏެވެ.

އެމްބިއުލެންސްގެ އަޑުއިވުމާއެކުހެން އެންމެން ބައްޕަގެ ކޮޓަރިއަށް ދިޔައެވެ. ބައްޕައަށް ވީގޮތެއް ބެލުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑުވީކަމުގައިވިޔަސް އެތެރެއަށް ވަންނަން އަހަރެން ޖެހިލުންވިއެވެ. މުޅި ރަށުގައި ދެކެވޭ ހަގީގަތެއްނެތް ވާހަކަ މަންމަމެންނާ ހިސާބަށްވެސް އައީކަން ޔަގީން ކުރެވުނީ ދެނެވެ. ރަނގަޅަށްވިއްޔާ އެކަމުގެ ސަބަބުން ބައްޕައަށް ގޮތެއް ވީއެވެ. މިއީ ކިހާބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟

އެންބިއުލޭންސުން މީހުން ފޭބި ދެމީހުން ގޭތެރެއަށް ވަނީ އެނދުވެސް ހިފައިގެންނެވެ. އެމީހުންގެ ފަހަތުގައި މަންމައާއި ކޮއްކޮ އާއި ބޭބެވެސް އަވަސްއަވަހަށް ހަރަކާތްތެރިވަމުން ދިޔައެވެ. ހީވަނީ ބައްޕައަށް ވަރަށް ބޮޑުކަމެއް ވީހެންނެވެ. އިރުކޮޅަކުން ފެނުނީ ބައްޕަ އެނދަށް ލައިގެން ގެންދާތަނެވެ. ބައްޕަގެ މުޅިގައިވަނީ ހުދުފޮތިގަނޑަކުން ނިވާކޮށްފައެވެ. ކޮއްކޮއާއި ބޭބެ ބާރަށް ރޮމުން ދިޔައެވެ. މަންމަ ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. އަހަރެންގެ ނޭވާ ހުއްޓުނީހެންވެސް ހީވެއެވެ.

"ކިހިނެއްވީ؟" ބައްޕަ ގޮވައިގެން އެންބިއުލޭންސަށް ލަމުންދިޔަ މީހާއާއި އަހަރެން ސުވާލު ކުރީމެވެ.

"ހިތްވަރުކުރޭ. ބައްޕަ ވަނީ އަހަރެމެން އައިއިރުވެސް ނިޔާވެފަ." އެތަނުގައި ހުރި މެދުއުމުރެއްގެ މީހާ ބުންޏެވެ.

އަހަރެންގެ ހިތް ހީވީ ކުދިކުދިވީހެންނެވެ. އަހަރެންނަށް ކުރިމަތިވަމުން މިދަނީ ކޮންފަދަ ބޮޑު އިމްތިހާނުތަކެއް ހެއްޔެވެ؟ އެއްކަމަކުން ސަލާމަތް ނުވެގެން އުޅޭއިރު އަނެއްކަމެކެވެ. މި ހުރިހާކަމަކާއި އަހަރެން ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟ ހެނދުނު ބުއި ކުރުނބާ ފެން ފިޔަވާ އިތުރު އެއްޗެއް އަރުތެރެއިން ގޮސްފައި ނުވުމުގެ ސަބަބުންނާއި ސިކުނޑީގައި ހިނގާ ޚިޔާލުތަކުގެ ސަބަބުން އަހަރެން ބޯ އަނބުރާހެންވެސް ހީވެއެވެ. ކޮޅަށް ހުންނަން ދަތިވެގެން އަހަރެންނަށް ހުރިދިމާގައި އިށީނދެވުނެވެ. އެނބިއުލޭންސް ނައްޓާލީ އެވަގުތެވެ. އަވައްޓެރިން އަހަރެންނަށް ބަލަމުން ދިޔައެވެ. އެއިން އެއްވެސް މީހެއްގެ ހިތުގައި އަހަރެންނާމެދު ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. ކޮންމެ މީހަކުވެސް ބައްޕަގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އަޅުވަމުން ދިޔަކަހަލައެވެ. (ނުނިމޭ)

https://etukuri.mv/
tel:+9607331319