ވާހަކަ: ބެސްޓް ފްރެންޑް - އެޕިސޯޑް 2
ޔަޝްފާ އަބްދުލްޣަނީ - 09 ޖެނުއަރީ 2023 - 13:05
ވާހަކަ: ބެސްޓް ފްރެންޑް
(އެޕިސޯޑް 1 އާ ގުޅޭ…)
"މަރާލިޔަސް ފާފައެއް ނުވާނެ." އަހަރެންނަށް ބުނެވުނެވެ. ޕްލާސްޓިކް މާތަކެއްޖަހާފައިހުރި ވާސް ނެގީމެވެ. މާތައް އުކާލާ ވާސް އަތަށް ހެޔޮވަރު ކޮށްލީމެވެ. މާގިނައިރަކު ވިސްނާކަށް ނުހަދަމެވެ. މީހަކަށް އެގެންވާއިރަށްމިކަންތައްގަނޑުން އަހަރެން ސަލާމަތްވާން ބޭނުމެވެ. އަހަރެން އެވާސް ބިންމައްޗަށް ވައްޓާލާ ތަޅާލީމެވެ. އެއަޑަށް ނަފާ ފުންމައިގެން ތެދުވިއެވެ. ކުއްލިއަކަށް އަހަރެން ފެނުމުން އޭނާ ވީ އުފަލެވެ.
"ކަލެއަށް ތިހިރީ ކިހިނެއްވެފަތަ؟. މަށަށް ޖެއްސުންކޮށްފައި ނިދަން އޮވެވޭތަ؟" އަހަރެން ނަފާގެ މޫނުމަތީގައި ޖެހީމެވެ. އަދި އިތުރަށް މޫނުގައި ދެތިންފަހަރު ޖަހާ ރުޅިގަނޑު ބާލާލީމެވެ. މީހަކު މަރާލުމަކީ ފާފައެއް ނޫންނަމަ އަހަރެންނަށް އެކަންވެސް ކުރެވުނީހެވެ. އަހަރެން ހުރީ އެހާމެ ދެރަވެ އަދި ރުޅިވެސް އައިސްފައެވެ.
"ކަލޭހީކުރީ ކަލެއަށް އެކަނިކަމަށްތަ މީހުންގެ ދިރިއުޅުމާއި ކުޅެން ކެރޭނީ؟އަހަރެންނަށްވެސް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި." އަހަރެން ހަޅޭއްލަވައިގަތީމެވެ.
"ނޫން. އަހަރެންނަށް އެނގޭ ކަލެއަށް ކުރެވޭނެ މާބޮޑު ކަމެއްނެތްކަން. ހުސެންއަށް ތި ފޮޓޯތައް ފެނިއްޖެއްޔާ އޭނާ ކަލޭ ވަރިކުރާނެ. ކަލޭގެ ވަޒީފާ ގެއްލޭނެ. އެކިގައުމުތަކަށް ދަތުރުދާއިރު ނުވިސްނަންދޯ ގޮތަކަށް އުޅެވޭއިރު ކޮންމެވެސް ދުވަހަކުން އެ ފާފަތައް ކަލޭފަހަތުން ނުދުވާނެކަމަށް." ނަފާ ހިނިގަނޑެއް ޖަހާލިއެއެވެ.
"އެރޭ ކަލޭވެސް ދިޔަ. ހީވާގޮތުން ކަލޭ އުޅުނީ މާނުބައިކޮށް." އަހަރެން އަނެއްކާވެސް ހަޅޭއްލަވައިގަތީމެވެ.
"އޭގެ އެއްވެސް ހެއްކެއްނެތް. އަހަރެން އަތުގައި ކަލޭގެ ކިތަންމެ ފޮޓޯއެއް އެބަހުރި. ދައްކަންވީތަ." ނަފާ ފޯނުނަގާ ފޮޓޯތައް ދައްކަމުން ދިޔައެވެ. އޭގައި އަހަރެމެން މަޖަލަށް ކުރި ކަންކަންވެސް އެބަހުއްޓެވެ. ކުދިކުދި އެއްޗިހިކޮޅުލައިގެން މޮޑެލް ކުރި ފޮޓޯތައްވެސް އެބަހުއްޓެވެ. އެއީ އަހަރެމެން މަޖަލަށް ކުރި ކަންކަމެވެ. އެއީ މީގެ ދެތިން އަހަރުކުރީގެ އެއްޗިއްސެވެ.
"މިހުރިހާ ފޮޓޯތަކެއް މިހާރު އަޕްލޯޑްވަނީ. ދެން ސިކުންތެއްވެސް ނުނަގާނެ."ނަފާ ހޭންފެށިއެވެ.
"ކޯންޗަކަށް. ތިހެން ނުހަދާ. ކަލޭ ބޭނުންވަނީ ކޯންޗެއް." އަހަރެން ކަންބޮޑުވެފައި ބުނީމެވެ.
"ސޯޝަލް މީޑިޔާއަށް. ދެން ވަގުތު ފާއިތުވީ. މިހާރުވެސް ތިންޝެއާ ވެއްޖެ. އަހަރެން ބޭނުންވީ ކަލޭ ބޭޒާރުވާން. އަހަރެންގެ ކުރިމަތީގައި ތިގޮތަށް ތެޅެން. ގޮތްހުސްވެ އާދޭސް ކުރަން." ނަފާ ހެމުން ދިޔައެވެ.
"ނަފާ އެހާނުބައިވީ ކީއްވެ؟ އަހަރެން ކަލެއަށް ނުކޮށްދެނީ ކޮންކަމެއް." އަހަރެންގެ މޫނުމަށްޗަށް އެނބުރުން އަރައިގެން ދިޔައެވެ.
"ކަލޭ އަހަރެންގެ ލޯބިވެރިޔާ ޖަހައިގަތީ. އެ ހުރިހާ ދުވަހު އަހަރެން ލޯބިވަނީ ހުސެންކަން ކަލެއަށް އެނގިހުރެވެސް އޭނާޔާ ކައިވެނިކުރީ. އެނގިއްޖެތަ؟ ނޭންގެންޏާ އަޑުއަހާ. ހުސެން ފުރަތަމަ އަހަރެމެންނާ ބައްދަލުވީވެސް އަހަރެންގެ ދަޢުވަތަކަށް. އޭނާގެ ކޮންމެ ހަރަކާތެއް ކޮންމެ އަދާއެއް އަހަރެން ހިތްފަތަހަކުރި. އޭނާގެ ސަމާސާ މިޒާޖު ގުޅެނީ އަހަންނާ. ކަލޭ އޭނާގެ ފަހަތުން އަޅުވާލީ އަހަރެން އޭނާދެކެ ލޯބިވާކަން އެނގިހުރެ. ކަލޭ ހުސެންގެ އަންބަކަށްވީދުވަހަކީ އަހަރެންގެ ހަޔާތުން ދިރިއުޅުމުގެ ހުރިހާ އުފަލެއް ޖަހައިގެން ދުވަސް." ނަފާ ހަޅޭއްލަވައިގަތެވެ.
"ހަމަތެދެއް މިބުނީ. އަހަރެންނަކަށް އެއްވެސް ވަރަކަށް ނޭނގޭ ނަފާ ހުސެންދެކެ ލޯބިވާކަމެއް." އަހަރެން ރޮމުން ދިޔައީމެވެ.
"ދެން އަޅާނުލާ. އެދުވަސްވެސް އެދިޔައީ. ދެން އޮތީ ކަލޭގެ ހަޔާތުން އުފާވެރިކަން ގެއްލޭތަން ބަލަން އަހަރެން ހެވިފައި ހުރުން. ނިކުމޭ މިގެއިން."ނަފާ ހަޅޭއްލަވައިގަތެވެ.
"ނުދާނަން. ތި އެއްޗިހި ނުދެނީހެއް ނުދާނަން." އަހަރެން އެނދުގައި އިށީނީމެވެ.
ނަފާ ކޮޓަރިން ނިކުތެވެ. އޭނާ ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އޭނާ އަންނަންދެން އަހަރެން އިންނާނަމެވެ. މިކަންތައް ހައްލުނުކޮށެއް މިރޭ އަހަރެން ގެއަކަށް ނުދާނަމެވެ. ރޭގަނޑުވެއްޖެއެވެ. ނަފާއެއް ނާދެއެވެ. ހުސެން މިހާރު އުޅޭނީ އަހަރެން ނުފެނިގެންނެވެ. އެކަމަކުވެސް ނަފާގެ ނުބައިކަމުން އަހަރެން ސަލާމަތް ވާން އެބަޖެހެއެވެ.
ނަފާ އައީ 11 ވެސް ޖެހިފަހުންނެވެ. އޭރު އަހަރެން ހުރީ ލިބިފައިވާ ހާސްކަމުގެ އިތުރަށް ވަރަށް ބަނޑުހައިވެސް ވެފައެވެ. އަހަރެންގެ ހާލުފެނުމުން ނަފާގާތަށް ހުރީ ނުބައި ހިންޏެއް އައިސްފައެވެ. އެކަމާ އަހަރެންގާތަށް އައީ ނުލަފާރުޅިއެކެވެ.
"އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން." އެދިޔަގޮތަށްގޮސް ނަފާ ކޮށްޕާލީމެވެ. އޭނާގޮސް އެނދުމައްޗަށް ވެއްޓުނެވެ.
"ކަލޭ ހީކުރީ މިގޭގައި މަގޭ ކޮޓަރީގައި ހުރެގެން މަށް އިންޒާރު ދެވޭނެކަމަށްތަ؟ ކަލޭދެންޖެހޭނީ އަބަދުވެސް ތިހާލުގައި ގަނަތެޅެން." ނަފާ ތެދުވިއެވެ.
"އެ ފޮޓޯތައް ޑިލީޓް ކުރޭ." އަހަރެންނަށް ރޮވެން ފެށުނެވެ.
"ދެން އަވަހަށް ގެއަށްދޭ. ހުސެން ހުންނާނެ ކަލޭގެ ފޮށި ތައްޔާރުކޮށްފައި." އަހަރެންގެ މި ނިކަމެތިކަން ފެނިފައި އޭނާ ފެށީ ހޭށެވެ.
"ކަލޭ އޭނާއާއި ބައްދަލުކުރީތަ؟" އަހަރެން އޭނާގެ ގައިގާ ޖަހަން އަތް މަޅާލީމެވެ.
"ނޫން. ކަލެއަކަށް އަހަރެންގެ ގަޔަކު ދެނެއް ނުޖެހޭނެ. ޖަހަންވީ އެތިފަހަރު އެއޮތީ އަހަރެން ޖަހާފަ. ދެން މިގެއިން ނިކުމޭ. ރައްކާވޭ." ނަފާ އަހަރެން އެކޮޓަރިން ބޭރަށް ކޮށްޕާލިއެވެ. އަދި އަތުގައި ހިފާ ގެއިން ނެރެ މަގުމައްޗަށްވެސް ކޮށްޕާލިއެވެ.
އެއީ ދަންވަރުގެ ހިމޭން ވަގުތެވެ. އަހަރެންނަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. ހަޔާތުގެ ކޮންމެ ދުވަހެއްގައި ދެން ކުރިމަތިލާން ޖެހޭނީ މީހުންގެ މަލާމާތާ ފުރައްސާރަޔާކަން އިހުސާސްވުމުން އަހަރެންނަށް ނޭވާލާންވެސް ދަތިވި ކަހަލައެވެ. އަދި ފިރިމީހާ އަހަރެން ދޫކޮށްލައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އަހަރެން ވަންނާނީ ކޮންތާކަށްހެއްޔެވެ؟ މީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
"ނަފާ ހުސޭނުދެކެ ލޯބިވާކަން މަށަށް ނޭނގުނީ ކީއްވެ؟" އަހަރެންނަށް އެއީ ވިސްނަންވެސް އުނދަގޫ މައުލޫއެކެވެ.
އަނދިރި މަގުތަކުގައި އަހަރެން ފަހަރަކު ފިޔަވަޅެއް އަޅަމުން ދިޔައީމެވެ. ގޮތްހުސްވުމާއި ކަންބޮޑުވުމުގެ ސަބަބުން އަހަރެންނަށް އެ ނާމާން މަގުން ދާން ކެރުނީތީވެސް ހައިރާން ވިއެވެ. ކަރުހިއްކާފައިވުމުން ހީވަނީ ކުޑަދޫ ނިކުމެދާނެހެންނެވެ. އަނދިރި ގޯޅިއަކަކަށް ވަދެވުނީ އަހަރެން ހިޔާލުގެ ދުނިޔެއަށް ގެއްލިފައި ވަނިކޮންނެވެ. ކުރިއަށްދާންވި މިސްރާބު ގެއްލި މަގުވެސް އޮޅުނީއެވެ. ވަގުތުކޮޅަކަށް އަހަރެންގެ ސިކުނޑިން އެއްވެސް އެއްޗެއް އެނގޭކަމަށް ނުހެދީ ކަންނޭންގެއެވެ. އެންމެ ފަހުން ހުރިދިމާ ބިންމަތީގައި އަހަރެން އިށީނީމެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނެ ހިތްވަރު ނެތިގެންނެވެ.
"ރޫމާ..." ކުއްލިއަކަށް އަހަރެންގެ ނަމުން މީހަކު މުހާތަބު ކުރިއެވެ. އެއީ ދަންނަ އަޑެއްހެންވެސް ހީވިއެވެ. މޫނުމައްޗަށް އަނދިރިވީ އެވަގުތުއެވެ. އަހަރެން އަނބުރައިގަތީއެވެ. ދެންވީގޮތެއް ނޭނގުނެވެ.
ފަތިހުގެ ރިހިއަލިން ދުނިޔެ އަލިކުރަމުން ދިޔައިރު އަހަރެންއޮތީ ނުދަންނަ ގެއެއްގެ ކޮޓަރިއެއްގައެވެ. ލޯ ހުޅުވާ ފަރާތްފަރާތަށް ބަލާލެވުނެވެ. ގެސްޓް ހައުސްއެއްގެ ރީތި ކޮޓަރިއެކެވެ. އަނެއްކާ އަނެއްކަންތަކެވެ.
"މިތަނަށް އަހަރެންނަށް އާދެވުނީ ކިހިނެތް؟" އަހަރެން ތެދުވީމެވެ.
މީގެ އިރުކޮޅެއްކުރިން ހަޔާތުގައި ޖެހުނު ލައްގަނޑުގެ ސަބަބުން އަދި މިއުޅެނީ ހަމައަށް ނޭވާ ނުލެވިގެންނެވެ. އަހަރެން ގެސްޓު ހައުސްއެއްގައި އޮތްކަން ހުސެންއަށް އެނގިއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން މިތަނަށް ގެނައީ ކާކުބާވައެވެ؟ އަވަސްއަވަހަށް އަހަރެން ތެދުވީމެވެ. ކޮޓަރިން ނިކުންނަން ދޮރުގައި ހިފާލީމެވެ. ދޮރުހުރީ ތަޅުލާފައެވެ. ބިރުން ހުރިވަރުން އަހަރެންގެ ހިތްތެޅެމުންދާއަޑު އަހަންނަށްވެސް އިވެމުން ދާކަހަލައެވެ.
"ހުޅުވާ." އަހަރެން ދޮރުގައި ބާރަށް ޓަކިޖަހަމުން ގޮވަމުން ދިޔައީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވެއެވެ. އަހަރެންގެ އަޑު އަނބުރާ އައިސް އަހަރެންގެ ކަންފަތުގައި ޖެހުން ފިޔަވާ އިތުރު އެއްވެސް ހިލަމެއް ނެތެވެ.
"ދޮރު ހުޅުވާ. މީހެކޭ. ކާކުތަ އަހަރެން މިތަނަށް ގެނައީ.؟" އަހަރެންނަށް ގޮތްހުސްވެގެން ރޮވެން ފެށުނެވެ. އަދި ވަރަށް ބާރަށް ރޮއިގަތީމެވެ. ހަށިގަނޑުގައި އުފެދިފައިވާ ވަރުބަލިކަމާއި ސިނކުޑިއަށް އުފުލަން ޖެހިފައިވާ ތަކުލީފުގެ އިތުރަށް ގޮތްނޭނގޭ ގެސްޓް ހައުސްއެއްގައި ގައިދުވުމުން އަހަރެންގެ ފުރާނާ ހީވަނީ ނިކުމެދާން އުޅޭހެންނެވެ. އަހަރެންގެ ހަޔާތާއި ތަގްދީރު ކުޅެމުން މިދަނީ ހާދަހާވާ ފާޑަކަށެވެ.
"ބިރުނުގަނޭ! އަހަރެން މީ މީހަކަށް ގެއްލުމެއް ދޭނެ މީހެއް ނޫން." ކުއްލިއަކަށް ދޮރު ހުޅުވާލާފައިވަނީ ޒުވާން ފިރިހެނެކެވެ. ހުދު ޓީޝާޓެއްލައިގެން ހުރި އެމީހަކީ އިސްކޮޅުންދިގު ރީތި މީހެކެވެ.
"ތީ ކާކު؟ އަހަރެން މިތަނަށް ގެނައީ ކީއްވެ؟" އަހަރެން ބިރުންހުރެ އެހީމެވެ. އަހަރެން ބިރުންހުރި ވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
"ރޫމާ. ކަންބޮޑު ނުވޭ." އެޒުވާނާ އަހަރެންގެ ގާތަށް އަންނަމުން ދިޔައެވެ. އިއްޔެއިން ފަށައިގެން އެއްޗެއް ނުކައިހުރުމާއި ބިރުން ހުރިވަރުން ކަންނޭންގެއެވެ. އަހަރެންގެ ބޮލަށް އެނބުރުން އަރަމުންދެއެވެ. މޫނުމަތީގައި ކޮކާ ބުރަމުންދެއެވެ. މަޑުމަޑުން އަހަރެން ހުރިދިމާއަށް ވެއްޓެން އުޅޭކަން އިހުސާސްވިއެވެ. ކުއްލިއަކަށް އެޒުވާނާ އަހަރެން ހިފެހެއްޓިއެވެ. އަދި އަތްދަނޑިމަށްޗަށް ލާ އެނދުގައި ބޭއްވިއެވެ.
މި ނުދަންނަ މީހާއަށް އަހަރެންގެ ނަންއެނގުނީ ކިހިނެއްހެއްޔެވެ؟ މީނާ މިއުޅެނީ އަނެއްކާ ކީއްކުރަން ބާވައެވެ؟ އަނެއްކާ ނަފާއެއުޅެނީ އަހަރެން އެހެން މަޅިއެއްގައި ޖައްސަންބާވައެވެ؟ ނަފާއާއި މިޒުވާނާއާއި ގުޅިގެން އަހަރެންގެ ދިރިއުޅުން ބަރުބާރުބާދުކޮށްލަން ގޭމެއް ކުޅެނީކީ ނޫންބާވައެވެ؟
"ދޫކުރޭ. އަހަރެން ދިޔަދީ." އަހަރެންނަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ. އަހަރެން ތެދުވެވޭތޯ ބެލީމެވެ. އެކަމަކު ގައިގާ ތެދުވާނެ ހަކަތައެއް ނެތެވެ.
"ރޫމާ... އެހަށް ހަމަޖެހިލަބަލަ." އެމީހާގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އިރުކޮޅަކަށް އޭނާގެ ބަސް ގަބޫލުކުރެވުނެވެ. ހަގީގަތުގައިވެސް އެއީ އޯގާތެރިވަނީ ކަމުގައި ހީވިއެވެ. ނަމަވެސް ކުއްލިއަކަށް ޚިޔާލުބަދަލުވިއެވެ. މިއީ ރޭވުމެކެވެ. އޭނާ އެއުޅެނީ ނަފާއާއިގުޅިގެން އަހަރެން ބަދުނާމު ކޮށްލާށެވެ. ނޫނީ އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަންނާށެވެ.
"ކަލޭ ތިއުޅެނީ ކީއްކުރަން. އަހަންނަށް ނުތެދުވެވެނީ ކީއްވެ؟" އަހަރެންނަށް މިހެން ބުނެވުނީ ވަރަށް މަޑުމަޑުންނެވެ.
މި ފިރިހެންމީހާ އަނެއްކާ އަހަންނަށް އެއްޗެއް ބޯންދިނީ ބާވައެވެ؟ އަހަރެންގެ ގައިގާ އެއްވެސްވަރަކަށް ހަކަތަ ނެތީ ކީއްވެބާއެވެ؟ ދެ ދުވަހަކު އެއްޗެއް ނުކައިހުއްޓަސް މިވަރުވެދާނެ ބާވައެވެ؟ މާތްކަލާކޯއެވެ. އަހަންނަށް މިޖެހުނީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ؟ އަހަރެންގެ ލޯ މެރެމުންދިޔައެވެ. މޫނުމަތީގައި ކޮކާ ބުރަމުން ދިޔައެވެ. އޭނާ އަހަރެންނާ ކައިރިވާހެން ހީވިއެވެ. އަހަރެންގެ އަތުން އޭނާ ދުރުކޮށްލެވޭތޯ ބެލީމެވެ. ނަމަވެސް އަހަރެންގެ އަތެއް ހަރަކާތެއް ނުކުރެއެވެ.
(ނުނިމޭ)