ވާހަކަ: ބެސްޓް ފްރެންޑް (އެޕިސޯޑް 1)
ޔަޝްފާ ޢަބްދުލްޣަނީ - 05 ޖެނުއަރީ 2023 - 12:08
ވާހަކަ: ބެސްޓް ފްރެންޑް / ޔަޝްފާ އަބްދުލްޣަނީ
(އެޕިސޯޑް 1)
މެންދަމުގެ އެންމެ ހިމޭންވަގުތުގައި އެންމެން މަޑުތަންމަތީގައި ނިދަންއޮތްއިރު އަހަރެންނަކަށް ނުނިދެއެވެ. އޭސީގެ ފިނިހޫނުމިން އެންމެ ދަށްކޮށްފައި އޮތަސް އަހަރެން ދާހިތްލަނީއެވެ. ދޫނިފަތުގެ ތަންމަތީގައި އަރާމު މިލަފޭލި އަޅައިގެން ފުރޮޅި ފުރޮޅި އޮތީ ހަޔާތުގެ ބައްތެލި ޣަރަގުވަމުންދާ ކަނޑުން މިންޖުކުރުމުގެ ތަދުބީރުގައެވެ. ވަށައިގެން އުފުލެމުންދާ ބިޔަރާޅުތަކުން އެބައްތެލި ސަލާމަތްކުރާނެ ގޮތްނުހޯދިއްޖެނަމަ އެ ބައްތެލި ޣަރަގުވުމުގެ ކުރިން އަހަރެން ކަނޑަށް ފުންމާލަން ޖެހިދާނެކަން އިހުސާސްވަމުން ދިޔައެވެ.
"ނުނިދިގެންތަ؟" ހަމަހިމޭން ކޮޓަރީގެ އަޑުކަނޑުވާލީ ފޯނަށް އައި ވައިބަރ މެސެޖުންނެވެ.
މެސެޖް ބަލާލާފައި ފޯނު އެނދުމައްޗަށް އެއްލާލީމެވެ. ކަންފަތުގައި އަތްއަޅާ ބާރަށް ހަޅޭއްލަވައި ގަތީމެވެ. ގޮތްހުސްވެ އެނދުމަތީގައި އެތައްއިރެއްވަންދެން ރޯންއޮންނަން ބޭނުންވިއެވެ.
"މަށަށް ފިލައިގެން އުޅެވޭނެ ކަމަށް ހީކުރީތަ؟ ފޯނަށް ޖަވާބު ނުދިނީމަ ވާނެގޮތްވެސް އެނގެއެއްނު." އަނެއްކާވެސް ވައިބަރ މެސެޖެކެވެ.
ފޯނު ނަގަން ދިޔައިރު ފުލުފުލުން ވައިބަރ މެސެޖްތައް އަންނަމުން ދެއެވެ. ފޯނުނަގާ ބަލާލީމެވެ. މުޅިންވެސް ހުރީ ފޮޓޯތަކެކެވެ. މަޑުއޮރެންޖު ކުލައިގެ އަލީގެ ތެރޭގައި ފެންނަންހުރި ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ އަތުގައިވާ ޝެމްޕޭން ތައްޓާއި ގާތުގައި އިން ކުލައަލި ފިރިހެންމީހާއެވެ. ފުރާންސްގެ ޕައިލެޓް ލުވިސްއެވެ. ވެލިފޮތިން ޖަރީކޮށްފައިވާ އެއްމުށްފޮތީގެ ހެދުމުން ހަށިގަނޑުގެ ބޮޑުބައެއް ނިވާނުވާ ރީތި ދިވެހި އަންހެން ކުއްޖެކެވެ. ރަތްކުލައިގެ ތުންފަތާއި ހާވާލައިފައިވާ އިސްތަށިގަނޑުން ޒުވާންކަމުގެ ފަރިކަން ފުރިހަމަޔަށް ލިބިފައިވާ ޖިންސުއްލަތީފެކެވެ.
"އިތުރަށް ބަލަން ބޭނުންތަ؟ ކަލޭ ހީކުރީ ރަށަށް އައުމުން ހުރިހާކަމެއް ނިމުނީކަމަށްތަ؟" އަނެއްކާވެސް އާ މެސެޖެކެވެ.
"އަހަރެން ކޮންކަމެއް ކޮށްގެން ނަފާ ތިހެން ތިހަދަނީ. ނަފާއަށް އަހަރެން ނުދެނީ ކޮންއެއްޗެއް." އަހަރެން ޖަވާބު ފޮނުވީމެވެ.
"ކަލެއަށް އަހަރެން ބޭނުންވަނީ ކޮންއެއްޗެއްކަން ނޭނގޭތީ އަހަރެން ހައިރާން ވެއްޖައިން. ބެސްޓްފުރެންޑުންނަކީ އެކަކު އަނެކަކުގެ އިހުސާސްތައް އެނގެންޖެހޭނެ ބައެއް. އަހަރެންގެ ބޭނުންތައް ކަލެއަށް ނޭނގުނީތީ ކަންބޮޑެއް ނުވޭ. ކަލޭތީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް." ވައިބަރއަށް އަނެއްކާވެސް ޖަވާބު އައެވެ.
"ނަފާ ބޭނުންވަނީ ކިހާވަރެއް. ބުނި އަދަދަކަށް ފައިސާދޭނަން. ތި ފޮޓޯތައް ޑިލީޓް ކޮށްލާ." އަހަރެން އެންމެ ފަހުގެ ހަތިޔާރު ބެހެއްޓީމެވެ.
"އަހަރެން ބޭނުންވަނީ ފައިސާއެއް ނޫން." އެކޮޅުން ޖަވާބުއައެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖެހީ އެވަގުތުއެވެ. ސިއްސައިގެން ގޮސްފައި ފޯނު އަތުން ދޫވެއްޖެއެވެ. އަވަހަށް ފޯނު ނަގާ ނިއްވާލީމެވެ. އަދި އަލަމާރިއަށްލާ ފޮރުވީމެވެ.
"މިރޭ ހާދަ އަވަހަކަށް." ހާސްވެފައި ހުރިވަރުން އަހަރެންނަށް ބުނެވުނެވެ. ކުރިމަތީގައި ހުރީ މީގެ ފަސް މަސްކުރިން އަހަރެންގެ އަލަތު ފިރިމީހާއަށްވި ހުސެންއެވެ. އަހަރެންގެ ހާސްކަން ފެނިފައި ހުސެންއަށް ނުބައި އެއްޗެއް ވިސްނުނީކަންނޭނގެއެވެ.
"އަހަރެންނަށް ނުގަޑިއެއްގައި އާދެވުނީތަ؟ " ހުސެން ޝައްކުގެ ނަޒަރުން ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އަހަރެންގެ ކޮޓަރިއަށް ވަށައިގެން ބަލާލިއެވެ.
"ނޫން. އެހެންޏާ ޑިއުޓީ ނިމެނީ ހެނދުނުވިއްޔަ؟ އެހެންވެ ހައިރާންވީ."
"އާނ. މިއަދު ނުބައި އެއްޗެއް ކެވުނީ ކަންނޭނގެ. ދެތިން ފަހަރަކު ހޮޑުލެވުނީ. ބަނޑުގައިވެސް ރިއްސާތީ މިއައީ." ހުސެން އެއްޗިހި ބަދަލުކުރަމުން ބުންޏެވެ. އަހަރެން ހުސެންއަށް ލުނބޯފަނިތައްޓެއް ގެނެސްދިނީމެވެ. ހުސެންއަށް ވަރަށް ފަސޭހައިން ނިދުނެވެ. އެކަމަކު އަހަރެންނަކަށް ނުނިދުނެވެ.
ހުސެންއަކީ ބ.އޭދަފުށީގެ ފެނަކައިގާ މަސައްކަތް ކުރާ ހަރުދަނާ މީހެކެވެ. އިތުރު ގަޑިތަކުގައި އަމިއްލަ ވިޔަފާރިއެއް ހިންގާ ހުސެންއަކީ އޭނާގެ ގިނަވަގުތު ވިޔަފާރީގައި ހޭދަކުރާ މުރާލި މީހެކެވެ. ހުސެންއަކީ ހެޔޮމީހެކެވެ. ނަމަވެސް ކަންކަމުގައި ގޮތްދޫނުކުރުމާއި ހަރުކަށިކަން އިސްކުރުމުގެ ސަބަބުން ހުސެންދެކެ އަހަރެން ބައެއްފަހަރު ވަރަށް ޖެހިލުން ވެއެވެ. ނަފާ ބުނާ ކޮންމެ އެއްޗެއް ހުސެން ގަބޫލު ކުރާނެކަން އަހަރެންނަށް ޔަގީނެވެ.
"ދެން ހަދާނީ ކިހިނެއް.؟ މި ނުބައި މަޅިން ސަލާމަތްވާނީވެސް ކިހނެއް؟" ވިސްނާވިސްނާވެސް އަހަރެންނަށް ހަދާނެގޮތެއް ސިކުނޑިއަކަށް ނައެވެ.
ނަފާ އެހާ ނުބައިވާން ޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ. ގްރޭޑް އެގާރައިން ފެށިގެން އަހަރެމެން ދެމީހުންނަކީ އެންމެގާތް ދެ އެކުވެރިންނެވެ. ދެމީހުން ކޯސްހެދީވެސް އެއްކޮންނެވެ. ދެމީހުން އެއްއޮފީހަކަށް ވަނުމަކީވެސް އަހަރެމެން ދެމީހުންގެ ވަރަށް ބޮޑު އުންމީދެކެވެ. ނަފާއަށް ރަށު ސްކޫލުގެ އެޑްމިން އޮފީހުން ވަޒީފާ ލިބުނީއްސުރެ އަހަރެން އެތަނަށް ގެންދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެންމެފަހުން މިދިޔައަހަރު އަހަރެމެންގެ އުންމީދު ހާސިލްވިއެވެ.
ދެމީހުން އެއް ސްކޫލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ނަފާގެވެސް ވަރަށް ބުރަ މަސައްކަތުންނެވެ. އަހަރެމެން ދެމީހުން އެކުގައި ކޮފީއަށް ދަމެވެ. ކަމެއް ނެތިއްޔާ ފިހާރަތައް ބަލަން ނިކުންނަމެވެ. ނަފާ އާއިލާއަށް ޚަރަދު ކުރަންޖެހޭތީ އޭނާއަށް ދަތިވާ ކޮންމެފަހަރަކު ފައިސާގެ އެހީދެމެވެ. އެއިން އެންމެ ފަހަރަކުވެސް އަނބުރާ ދިނުމުން އެފައިސާއަކު އަހަރެން ނުހިފަމެވެ.
އެކުގައި އުޅުނުއިރު ތަފާތު މަޖާ ކަންތައް ކުރީމެވެ. މަގުމަތީގައި ސަކަރާތް ޖަހަމެވެ. ގޭގައި ފާޑުފާޑުގެ ހެދުން އަޅައިގެން މޮޑެލްކުރަމެވެ. ބާރަށް މިއުޒިކް ޖަހައިގެން ނަށަމެވެ. ވާރޭއާއި ތެމެންދަމެވެ. މޫދަށްދަމެވެ. އެއްފަރަކު ލަންކާއަށްވެސް ދިޔައީމެވެ. މި ކޮންމެކަމެއްގެ ފޮޓޯތައް އަހަރެމެންގެ ފޯނުގައި ހުންނާނެއެވެ. މި ރަހްމަތްތެރިކަމަކީ ދުވަހަކުވެސް ނިމިދާނެކަމެއްކަމަށް ގަބޫލެއް ނުކުރަމެވެ.
"ނަފާ އަހަރެންގެ ފިރިމީހާދެކެ ލޯބިވީއޭ! އަހަންނަށް ނޭނގުނީ ކީއްވެ؟ ކައިވެނީގައިވެސް އޭނާ އެހާ އެހީތެރިވި." އަހަރެންގެ ސިކުނޑިއަށް ޖަވާބު ނުހޯދޭ ބައިވަރު ސުވާލުތައް އަންނަމުންދެއެވެ.
ފަތިސްނަމާދަށް ބަންގިގޮވީ އަހަރެން ހޭލާއޮއްވައެވެ. ވުޟޫކޮށްލައިގެން ނަމާދަށް އެރީމެވެ. ނަމާދުގައި ކިޔާއެއްޗިހި އަހަރެން ހަނދާނެއް ނެތެވެ. ނަމާދު ނުކުރާތާ ވަރަށްގިނަ ޒަމާންވެފައި ވާތީއެވެ. އަހަރެންނަށް ރޮވެން ފަށައިފިއެވެ.
"އެކަމަކު އޭނާ އަހަރެން ނުކުރާ ކަމަކަށް އަދި ނޭނގޭ ކަމަކަށް އެހާބޮޑު އަދަބެއް އެ ދިނީ ކީއްވެ؟ މި ފޮޓޯތައް ލީކުކޮށްލުމުން އަހަރެން ރަށުތެރެއަށް ނިކުންނާނީވެސް ކިހިނެއް؟" އަހަރެން ކަރުނަ ފޮހެލީމެވެ. އަހަރެންގެ އަމިއްލަ ހަޔާތް ބޭކާރު ކުރެވިފައިވާ މިންވަރު ހަނދާންވުމުން ގިސްލެވެންވެސް ފަށައިފިއެވެ. އެންމެ ގާތް އެކުވެރިޔާ ކެހިވެރިޔަކަށް ވީތީ ލިބެމުންދާ ހާސްކަމުން ސިކުނޑި ގޮވާފާނެހެންވެސް ހީވަނީއެވެ. އޭނާ ފޮނުވާލާނެ އެންމެ ފޮޓޯއަކުން އަހަރެންގެ ދިރިއުޅުން ވެއްޔާމޮޑެވޭނެއެވެ. އެންމެން އަހަރެން ދޫކޮށްލާފައި ހިނގައިދާނެއެވެ. އަހަރެންނަށް ކެތްކުރަން ދަތިވެއްޖެއެވެ. އެހެންކަމުން ސްކޫލަކަށްވެސް ނުދަމެވެ. ނަފާއާއި ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އެދުވަހު އަހަރެން އުޅުނީ ގޭގައެވެ. ހުސެންވެސް އަހަރެންނާއެކު ގިނަވަގުތު ހޭދަކުރިއެވެ.
"އޮފީހަށް ނުދިޔައީ ކީއްވެ؟" އަހަރެން ނުތެދުވެ އޮންނާތީ ހުސެން އެހިއެވެ.
"ބޮލުގައި ރިއްސަނީ." ހުސެންއަށް ދިމާވެގެން އުޅޭ މައްސަލަ ކިޔައިދޭނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ.
"ފޯނަށް ވަރަށް ގުޅިން. ހިތަށްއެރީ ޕިއްޒާ ހިފައިގެންނޭ އަންނާނީ. އޮފް ކޮށްލާފަ އޮތީ." ހުސެން ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.
"އާނ. ނިދާންލަންވެގެން ނިއްވާލީ." އަހަރެން ދޮގުހެދީމެވެ. މިއަދު ހަތަރުދަމު އަހަރެން ފޯނެއް ނުހުޅުވަމެވެ.
ނަފާގެ އުނދަގޫތަކުން އިތުރަށް ހާސްވާކަށް ބޭނުމެއް ނޫނެވެ. ސްކޫލަށް ނުދިޔުމުން އަހަރެން ސްކޫލަށް ނައީ ކީއްވެތޯ ބަލަން ނަފާ ގުޅީ ހުސެންގެ ފޯނަށެވެ. އެވެސް ރޭގަނޑު ދަންވަރެވެ. އެއީވެސް ނަފާގެ ކުޅަދާނަކަން ދައްކާލަން ނުވަތަ އޭނާގެ އިންޒާރުގެ ވަރުގަދަކަން އަންގާލަން ޖެހި މަޅިއެކެވެ. ނަފާގެ ކޯލަށް ވާހަކަދެއްކުމަށްޓަކައި ހުސެންގެ ފޯނު އަހަރެންނަށް ދިނެވެ.
"ކަލޭހީކުރީ ކަލޭ ފޯނު ނިއްވާލައިގެން އުޅުނީމާ އަހަރެންނާ ފިލައިގެން އުޅެވޭނެކަމަށްތަ؟" ނަފާ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައިވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ.
"އާނ. ބަލިކޮށް މިއުޅެނީ. ނަފާ ބޭންވަނީ ކޮންއެއްޗެއްތަ؟" އަހަރެން ހުސެންނަށް އެއްޗެއް ނޭނގޭނެ ކަހަލަ ގޮތަށް ވާހަކަ ދެއްކީމެވެ. ނަފާ ފޯނު ކަނޑާލިއެވެ. އޭނާ ހުސެންގެ ފޯނަށް ފޮޓޯ ފޮނުވައިފިއެވެ. އަހަރެން އަވަހަށް އެ ފޮޓޯތައް ޑިލީޓްކޮށްލީމެވެ.
"މީނާއަށް މިހުރީ ކިހިނެއްވެފަބާ؟" އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަންހެން ހީވިއެވެ.
ހުސެންނަށް ފޮޓޯތައް ނުފެނުނުކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ އަހަރެންގެ ކައިވެނީގެ ގޮށް މުހާލާ ވަޒީފާއިން ވަކިވެ މަންމަގެޔަށް ދާންޖެހޭނެކަން ޔަޤީނެވެ. އެގެއަށްދިޔަޔަސް އަހަރެން ވަންނާނެތަނެއް މިހާރަކު ނެތެވެ. އަހަރެން އުޅުނު ކޮޓަރި މަންމަވަނީ އެހެންބަޔަކަށް ކުއްޔަށް ދީފައެވެ. ބައްޕަ ބަލިވީފަހުން މަންމަ ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓުމަށް އާމްދަނީއެއް ހޯދާ ހަމައެކަނި ވަސީލަތަކީ އެއީއެވެ.
"ބޮލުގައި ރިއްސުން ރަނގަޅެއް ނުވޭ. ހީވަނީ ހުންވައްތަރުވެސް ވެފަހުރިހެން." ހުސެން އޮފީހަށް ދާން ނިކުންނަނިކޮށް އަހަރެން ބުނީމެވެ.
"މާ ގޯސްވަންޏާ ގުޅާތި؟" ހުސެން ނިކުތެވެ.
އަހަރެން ޑޮކްޓަރަށް ދައްކަން ދަނީކަމަށްބުނެ ނަފާމެން ގެޔަށް ދިޔައީމެވެ. ނަފާއާއި ކުރިމަތިނުލާ މިކަމުން ސަލާމަތް ނުވާނެކަން އެނގޭތީއެވެ. ނަފާއޮތީ ފުންނިންޖެއްގައި ނިދާފައެވެ. އޭނާ ނިދާފާ އޮންނައިރު ކިހާ މައުސޫމުހެއްޔެވެ؟ މީހަކަށް އަހަރެންނަށް މިދިންކަހަލަ އަނިޔާއެއް ދީފާނެކަހަލަ މީހެއްހެން ހީވެސް ނުވެއެވެ.
"މަރާލިޔަސް ފާފައެއް ނުވާނެ." އަހަރެންނަށް ބުނެވުނެވެ. ޕްލާސްޓިކް މާތަކެއް ޖަހާފައިހުރި ވާސް ނެގީމެވެ. މާތައް އުކާލާ ވާސް އަތަށް ހެޔޮވަރު ކޮށްލީމެވެ. މާގިނައިރަކު ވިސްނާކަށް ނުހަދަމެވެ. މީހަކަށް އެގެންވާއިރަށް މިކަންތައްގަނޑުން އަހަރެން ސަލާމަތްވާން ބޭނުމެވެ.
(ނުނިމޭ)