
ޑރ ޒާހިރު ހުސައިންއަށް ރައީސް ޝުކުރު އަދާކުރައްވައިފި

މުޙައްމަދު ފަޟްލޫން - 01 ފެބްރުއަރީ 2026 - 08:47
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކާއި، އަސާސީ ތަޢުލީމާއި އަތޮޅުތަކުގެ މަދަރުސާތައް ތަރައްޤީކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި ތަޢުރީފުކުރެއްވިއެވެ.
ޑޮކްޓަރ ޒާހިރުގެ ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތްކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރަން ސަރުކާރުން ކުރާ މަސައްކަތްތައް ބަލައިގަންނަކަން ހާމަކުރެއްވިއެވެ.
ރައީސް ވަނީ ޑޮކްޓަރ ޒާހިރުގެ މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ފާޙަގަކުރައްވައި ސިޓީފުޅެއް އަރުވާފައިވެއެވެ.
މިސިޓީފުޅުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތަޢުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަގާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުގައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފައި ވެއެވެ.
ޑރ މުޙައްމަދު ޒާހިރު ޙުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ.
އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.






