logo

މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތް: ނައިބު ރައީސް

profile

އައިޝަތު އިނާޝާ - 26 ޖުލައި 2024 - 14:46

ފޮޓޯ:ރައީސް އޮފީސް

ފޮޓޯ:ރައީސް އޮފީސް

މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާ ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރެއްވުމަށާ، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

https://int.etukuri.mv/
tel:+9607331319