logo

މަހަރާޝްތްރާގެ ގަވަރުނަރު ރައީސް އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

profile

އައިޝަތު އިނާޝާ - 09 އޮކްޓޯބަރު 2024 - 10:20

މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެ ދިވެހި ވަފުދަށް މަރުޙަބާ ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދު މުމްބާއީއަށް ޒިޔާރަތްކުރެއްވީތީ، ގަވަރުނަރު ރާދަކްރިޝްނަން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން، އިންޑިއާ އާއި ރާއްޖޭގެ ބަދަހިގުޅުމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުންވެސް ގަވަރުނަރު ރާދަކްރިޝްނަން ވާހަކަފުޅުދެއްކެވިއެވެ. އަދި މި ދާއިރާތަކާއި އިތުރި ދައިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން ދެއްވި، ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި، ބައިވެރިވެވަޑައިގެންފައެވެ.

މި ފަރިއްކޮޅުގައި ރައީސުލްޖުމްޖޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި މަހާރާޝްތްރާ ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

https://wamco.com.mv/
tel:+9607331319