
ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެ

ޝުރުފާ މުހައްމަދު - 18 އޭޕްރީލު 2025 - 10:51
މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެ އެވެ.
ސޯޝަލް މީޑިއާގައި މި މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، އެމީހާ ވެއްޓިފައި އޮތީ ޓިނު ފުރާޅެއްގެ މައްޗަށެވެ. އަދި ޖެހި ޖެހިގެން އުސް އިމާރާތްތައް ހުރި މަންޒަރު ފެނެ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ވެއްޓިފައި އޮއްވާ ފެނުނީ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ބުނެފައިވެ އެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއާ ގުޅިގެން މިހާރު އެމީހާ އެތަނުން ނަގައި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެމީހާ އަށް ލިބިފައިވާ އަނިޔާއެއްގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.