logo

ޔުނިފޯމް އެޅި މުއައްސަސާތައް ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ: އިހުސާން

profile

އާމިނަތު ޝަފާ - 27 އޯގަސްޓު 2024 - 19:04

ވަޒީރު އިހުސާން ރައީސާއި ނައިބުރައީސްއާއެކު

ވަޒީރު އިހުސާން ރައީސާއި ނައިބުރައީސްއާއެކު

ޔުނިފޯމް އެޅި މުއައްސަސާތަކުން ޤާނޫނާ ޚިލާފްވުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިރުޝާދުދެއްވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިމިވަނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ވަގުތެއްގައެވެ.

ޤާނޫނު ތަންފީޒު ކުރައްވަން ތިއްބަވާ ބޭފުޅުން މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު ރިސްކެއްގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޔުނިފޯމް އެޅި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުން ޤާނޫނާ ޚިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ރައީސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ.

މިކަން ކުރާނެ މަގު ޤާނޫނުން އެބައޮތްކަން ފެނިފަ. ވިލްޕަވަރ ކުރިން ނެތީ. މައުލޫމާތުވެސް ނެތީއެއްނޫން. މިކަން ކުރަންވެސް ނޭނގެނީއެއްނޫން. މިއަދުގެ ރައީސް އެ ޑިޒިޝަން ނެންގެވުމުން މިކަމަށް ހުއްޓުމެއް އަންނަން ޖެހޭ ކަމާއި މިކަމަށް ފިޔަވަޅު އަޅަން ޖެހޭކަން އަޅުގަނޑުމެންނަށް އަންގާ އިދާރާތަކުން އަޅަން ފެށި ފިޔަވަޅުތަކުން އަޅުގަނޑަށް ހީވަނީ ސަރުކާރަކުން ނެގި ވަރަށް ސްޓްރޯންގް ސްޓޭންޑެއް ހެން. ވަޒީރު އަލީ އިޙްސާން

މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ހުރިހާ މުއައްސަސާތަކެއްގައި ކުރިއަށްގެންދަވާނެ ކަމަށެވެ.

ކަރެކްޝަންސްގެ 13 އޮފިސަރެއް ޙައްޔަރުކޮށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ފޮނުވުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވަނީ ފުލުހުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އުފައްދާފައިވާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވިދާނެކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވައިފި ކަމަށެވެ.

ޤަވާއިދާ ޚިލާފަށް މާފުށީ ޖަލަށް ތަކެތި ވައްދާކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ހައްޔަރުކުރީ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ.

މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމްގެ ނަމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤުގެ މައްޗަށެވެ.

މީގެ ތެރެއިން ޖިނާޙް ޢަބްދުއްރަޙީމް އަދި ޢަލީ ހިޝާމް ގެ މައްޗަށް އުފުލާފައި ވަނީ އެއް ދައުވާ ތަކެކެވެ. އެއީ

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ
  • މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ
  • ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ

ޢަލީ އަސްފާޤް، މުޙައްމަދު ފަތޫޙު ފަތުޙުﷲ އަދި ޢަލީ ނާޡިމް ގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެއް ނުވެއެވެ. އެ ދެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވި ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކަނި ވެސް މިކަމުގައި ޝާމިލްވި 18 އޮފިސަރެއްގެ އެކައުންޓަށް ޖުމްލަ 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ވަދެފައެވެ.

tel:+9607331319