މިދިޔަ ބުދަ ދުވަހު ސްވިޑެންގައި މުޞްޙަފެއް އެންދި މައްސަލަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުށްވެރިކުރައްވައިފިއެވެ.
"މިއީ އަޅުގަނޑުމެންގެ ދުނިޔޭގައި ނަގަހައްޓަން ޖެހޭ ގަދަރާއި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން ދިރިއުޅުމުގެ އުސޫލުތަކާ މުޅިން ޚިލާފު އަމަލުތަކެއް،" ގާސިމްގެ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ގާސިމް ރޭ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ އީދު ދުވަހުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ސްވިޑެންގައި މީހަކު މުޞްޙަފެއް އެންދުން އޭނާ އާއި ޖޭޕީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެގައުމުގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ވެސް މިދިޔަ ޖެނުއަރީ މަހު މުޞްޙަފެއްގައި ރޯކުރިކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ތަކުރާރު ކުރަމުން ދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ސްވިޑިންގެ ރައްޔިތެއް ކަމަށްވާ ސަލްވަން މޮމިކާ ކީރިތި ޤުރުއާން އެންދުން އެއީ އަޟްހާ އީދު ދުވަހު ހިންގި މުސްލިމުންގެ އިހްސާސްތަކާއި ކުޅެފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސަލްވަން މޮމިކާގެ އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. "އޭނާގެ އެއަމަލަކީ މުޅި ދުނިޔޭގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިހްސާސްތަކާއި ކުޅޭ، އިހްތިރާމް ކުޑަ ކުރުމުގެ އަމަލެކެވެ. އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ވާހަކަ ދެއްކުމުގެ މިނިވަންކަމުގެ ތެރެއަށް އެއްވެސް ގޮތަކަށް ފެތޭނެ ކަމެއް ނޫނެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އިސްލާމްދީނާއި ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ހުއްޓާލަން ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށްވާ ސަލްވަން މޮމިކާ އަކީ އިރާގުން ސްވިޑެން އަށް ހިޖުރަ ކޮށްފައިވާ މީހެކެވެ. އޭނާ ބުނާ ގޮތުގައި އޭނާ ޤުރުއާން އަދަން ބޭނުން ވަނީ ޤުރުއާން ނައްތާލަން ވެގެންނެވެ.
ސަލްވަން މޮމިކާ އީދު ދުވަހު ޤުރުއާން އެންދިއިރު ސްވިޑެންގެ ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވެ.