
ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު / ފޮޓޯ: ބީއެމްއެލް
އެފޯޑެބަލް ހައުސިންގ ޔުނިޓްތައް 2028 ވަނަ އަހަރު ހަވާލްކުރެވޭނެ: ބީއެމްއެލް

މުޙައްމަދު ފަޟްލޫން - 01 ފެބްރުއަރީ 2026 - 07:55
2028 ވަނަ އަހަރުގެ މެދުތެރޭގައި ބީއެމްއެލްގެ އެފޯޑެބަލް ހައުސިންގ ޔުނިޓްތައް ނިންމައި އޭގެ ހައްގުވެރިންނާއި ހަވާލްކުރެވޭނެ ކަމަށް އެބޭންކުން ބުނެފިއެވެ.
ދ ކުޑަހުވަދޫ ބްރާންޗް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ބީއެމްއެލް އިން އަޅާ އެފޯޑެބަލް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރު ނިންމައި ފްލެޓްތަކުގެ ހައްގުވެރިންނާއި ހަވާލްކުރާނެ ކަަމަށެވެ.
ބީއެމްއެލް އިން އެފޯޑެބަލް ހައުސިންގ މަޝްރޫއު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޗައިނާގެ ކުންފުންޏަކާއި ދިވެހި ތިން ކުންފުންޏަކާއި ހަވާލްކޮށްގެން ތަރައްގީ ކުރާ މި ހައުސިންގ ޔުނިޓްތައް ގާއިމްކުރަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިތުރުން ވިލިމާލޭގައެވެ. އެގޮތުން ހުޅުމާލޭގައި 2700 ޔުނިޓް އަދި ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ނެޝަނަލް ހައުސިން އެފޯޑިބިލިޓީ އެންޑް އެކްސެސަބިލިޓީ ޕްރޮޖެކްޓްގެ ދަށުން އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާބެހޭ ގަވާއިދުގެ ދަށުން 3،000އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ.
މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ.






