
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ރައީސް ޑރ މުހައްމަދު މުއިއްޒު
ކައުންސިލް އިންތިހާބާއެކު ވައުދުތަކުގެ މަތިން ހަނދާންވޭ!

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 05:10
މިދުވަސްވަރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފޯރީގައި ކުރިއަށްގެންދާ ދުވަސްވަރެވެ.
ވައުދުތަކާއި އަހުދުތައް ވަމުންދަނީ ވާދަވެރިކަމާއެކުގައެވެ.
އެއްބަޔަކަށް ވުރެ ކުރިން އަނެއް ބަޔަކު ވައުދުވެ ރައްޔިތުންނަށް ކޮށްދިން ކަންކަމާއި ކޮށްދޭން ހުރިކަންކަމުގެ ވާހަކަތައް ދައްކަމުންދަނީ ފޯރިއާއި އެކުގައެވެ.
ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކަށް އިންތިހާބުވާ ފަރާތްތަކުން ހަވާލުވާ ޒިންމާތަކުގެ ވާހަކައަކީ ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ކެންޑިޑޭޓުން ދައްކަމުންގެންދާ މައިގަނޑު އެއް ވާހަކައެވެ.
ސިޔާސީ މަގާމްތަކަށް އަންނަންވާނީ ގާބިލް އަދި ތަޖުރިބާ ހުރި ކަންކުރެވޭނެ ނަތީޖާ ނެރެދެވޭނެ ބަޔަކު ހޮވަން ޖެހޭ ކަމަށް ބުނެ އެކަމަށް ދެއްކެން ހުރި ހުރިހާ ހުއްޖަތްތަކެއް ދައްކަމުންނެވެ. ނަމަވެސް އިންތިހާބުވާ ހިސާބުން އެމަންޒަރު މަޑުމަޑުން ބަދަލުވާތަން ފެންނަމުންދާ ކަމަށް އާއްމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.
ކެމްޕޭން ކުރަނީ ދާދި އެއްގޮތަކަށެވެ.
ދޮރުން ދޮރަށް ގޭގެއަށް ހިނގައި ރައްޔިތުންނަށް ވައުދުތައް ވިއްކައިގެންނެވެ.
ކުރުގޮތަކަށް ބުނާނަމަ ސިޔާސަތުތައް ރައްޔިތުންނަށް ފަހުމުވާފަދަ ގޮތަކަށް ބުނެދީގެންނެވެ.
ސަރުކާރު ހިންގާ ޕާޓީ އިން މިފަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްގެންދާއިރު އިދިކޮޅު ޕާޓީތަކުންވެސް ފޯރީގައި ކެމްޕޭން ކުރަނީ އެވެ.
އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންވެސް އެމީހުންގެ ކެމްޕޭން ފޯރީގައި މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކުރަމުން ގެންދަނީއެވެ.
ކައުންސިލެއްގެ ޒިންމާތަކާއި ކައުންސިލަށް ހޮވޭ ބައެއްގެ ޒިންމާތަކާއި އެބަޔަކު ރައްޔިތުން ބޭނުންވާފަދަ ހިދުމަތެއް ކޮށްދެވޭނެފަދަ ގޮތަކަށް މަސައްކަތްކުރަން ވިސްނުމަކީ ނުހަނު ބޭނުންތެރިކަމެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމާ ކޮންމެ ދިވެހިރައްޔިތަކަށްވެސް އިންތިހާބުގައި ވާދަކުރުމުގެ ހައްގުވަނީ ލިބިދީފައެވެ.
އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއްގެވެސް އަޒުމަކީ އިންތިހާބު ކާމިޔާބު ކުރުމެވެ.
މިފަހަރުގެ އިންތިހާބުގައި އަތޮޅު ކައުންސިލް ވޯޓެއް ނުހިމެނެނޭނެއެވެ. އޭގެ ބަދަލުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ވޯޓް ހިމެނެއެވެ.
ރަށު ކައުންސިލް ރައީސްގެ ވޯޓް ވަކިން ލާއިރު މިފަހަރުގެ އިންތިހާބުގައި ސިޓީތަކުގެ މޭޔަރުންނަށްވެސް އެހެންފަހަރުތައް ފަދައިން ވޯޓްލާންޖެހޭނީ ވަކިންނެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޯޓްލުމުގެ ހައްގު މިފަހަރު 2 ލައްކަ 97 ހާހެއްހާ މީހުންނަށް ލިބިގެންވެއެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 621 ވޯޓް ފޮށި މާލެ އާއި އަތޮޅުތެރޭގެ އިތުރުން ރާއްޖެއިން ބޭރުގައި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އިންތިހާބު އެތައް ގޮތަކުން ފޯރިގަދަވެ ވާދަވެރިވެގެންދާ މައިގަނޑު ސަބަބަކީ މޭޔަރުންގެ ގޮނޑިތަކެވެ. ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ ގޮތުގައި އެމްޑީޕީ އިން ތިބި ތިބުމަކީ ވެރިކަން ކުރާ ޕީއެންސީ އިން ބަދަލުކުރަން ބޭނުންވާ ކަމެކެވެ.
ޕީއެންސީގެ ފަރާތުން މޭޔަރުންގެ ގޮތުގައި ނެރެފައިތިބީ ނަތީޖާ ނެރެދެވޭނެ އަދި ސިޓީތަކުގެ ހާލަތާއި ފެންވަރު ސަރުކާރާއި ގުޅިގެން ބޮޑުތަނުން ރަނގަޅުކޮށް ރައްޔިތުންނަށް މާއުފާވެރި މާދަމާއެއް ގެނެސްދެވޭނެ ކެންޑިޑޭޓުން ކަމަށް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކެމްޕޭންގެ އަދާހަމައަށް ބަލާއިރު ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މާފަންނު ކެމްޕޭން ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ދޮރުން ދޮރަށް މާލޭގެ މާފަންނާއި ހެންވޭރުގައި ދޮރުން ދޮރަށް ވަނީ ހިންގަވާފައެވެ.
އިދިކޮޅު އެމްޑީޕީގެ ކެމްޕޭނަށް ބަލާއިރު ރަށްރަށުގައި ކެމްޕޭން ކޮށް އަދި މާލޭގައިވެސް ދަނީ ދޮރުން ދޮރަށް ހިނގަމުންނެވެ.
ކެމްޕޭންގެ ފޯރިގަދަ ވަމުންދާ ވަރަކަށް އެއް ބަޔަކު އަނެއް ބަޔަކަށް ބަދަލުކޮށްލާ ބަހުގެ ހަމަލާތައްވެސް އެހާ ވަރުގަދައެވެ. އެންމެ ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކުރަނީ ކުރީގެ މޭޔަރާއި މިހާރުގެ މާލެ ސިޓީގެ މޭޔަރެވެ. މިހާރު މާލެސިޓީގެ ކަންކަން މޭޔަރު އާދަމް އާޒިމް ހުންނަވައި ނުވާ ވާހަކަ އާއި ލަސްވާ ވާހަކައެވެ. ނަމަވެސް ކުރީގެ މޭޔަރ އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގެ ދުވަސްވަރުގައި މާލެ ތަރައްގީ ކުރެއްވި ގޮތުގެ ފުރިހަމަ ވާހަކަ ޕީޢެންސީ އިން ދައްކަނީ ފަހުރުވެރިކަމާއެކުގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މާލެ ސިޓީ އަށް ރައީސް މުއިއްޒު ތަރައްގީ ގެންނަވައި ޕާކްތައް ބިނާކުރައްވައި މާލޭގެ މަލަމަތި ރީތިކުރުމަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ހަމައެފަދައިން އަދުގެ މޭޔަރު އާދަމް އާޒިމްވެސް މާލޭގެ ހަމަޖެހުމަށް ޕާކުތައް ހައްދަވައި ބައެއް މަގުތައް މަރާމާތުކުރައްވައި މަގުގެ ކާނުތައް ސާފުކުރުން ފަދަ ކަންކަން ކުރެއްވިއެވެ.
އާޒިމް ކުރެއްވި އަދި ކުރައްވަމުންގެންދަވާ ކަންކަމަކީ ކުރިންވެސް ޕްލޭން ކުރެވިގެން ކުރަމުންދާ ކަންތައްތަކެއް ކަމަށް ކުރިން މާލެ ސިޓީގައި މަސައްކަތް ކުރައްވާފައިވާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ދަނީ ބުނަމުންނެވެ. އޭގެ ރައްދުގައި އާޒިމް ވިދާޅުވެފައިވަނީ އޭނާ އެކަންކަން ކޮށްފައިވަނީ ކުރީ ސަރުކާރަށް އެކަން ނުވުމުން ކަމަށެވެ. ކޮންމެ އަކަސް ކުރީ ސަރުކާރާއި އަދުގެ ސަރުކާރުންވެސް ކުރަން އޮތީ އެންމެ ކަމެކެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ފަރާތްތަކާއި މީހުން ހަމަނުވާ ފޮށިތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި
6 ގަޑިއިރު ކުރިން

ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ރޯދަ ވީއްލުމެއް
6 ގަޑިއިރު ކުރިން

ރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުއްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)