
ކުރީގެ ރައީސުން އޮފީސް ހިންގުމުގެ ފައިސާ އުނިކޮށް ނައިބުންނަށް އެލަވަންސް ދެނީ

މުޙައްމަދު ފަޟްލޫން - 27 ނޮވެމްބަރު 2025 - 06:35
ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭން ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހްގައި ވަނީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދަށް ދަޢުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000 ރުފިޔާގެ އިނާޔަތާއި، އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލުމަށެވެ.
ކުރީގެ ރައީސުން ދަޢުލަތުގެ އިތުރު މަޤާމެއް އަދާކުރައްވާ ނަމަ އަދި ރިޔާސީ ދެވަނަ ދަޢުރަކަށް އިންތިޚާބު ވެއްޖެނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ވާގޮތުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށް އެ ބޭފުޅުން ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރުފިޔާއާ ހަމައަށް ދަޢުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެވެ. ނަމަވެސް މިހާރު ހުށަހެޅި އިސްލާހުގައި އެ މާއްދާވަނީ އުވާލާފައެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނުގައި ކުރީގެ ރައީސުންގެ ނައިބުންނަށް އެއްވެސް އިނާޔަތެއް ދިނުމަށް ހިމަނާފައެއް ނުވެއެވެ. ނަމަވެސް އެ ބޭފުޅުންނަށް ދަޢުލަތުން ކޮންމެ މަހަކު 25،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް މި ފަހަރު ހުށަހެޅި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ރާއްޖެއިންނާއި، ރާއްޖެ އިން ބޭރުން ސިއްހީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާހުގައި ހިމަނާފައި ވެއެވެ.
މީގެ އިތުރުން ޤަޢުމަށް ދިމާވާ އިޤްތިޞާދީ ތަދުމަޑުކަމަކާ ގުޅިގެން ދަޢުލަތުގެ ޚަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް ބިލްގައި ބަޔާންކޮށްފައިވެއެވެ.



.webp&w=3840&q=75)


