
ސީ-ޓު-އެއަރ ކާގޯ/ ފޮޓޯ: އެމްއޭސީއެލް
ސީ ޓު އެއާ ކާގޯ ހިދުމަތުން މިދިޔަ މަހު 20 ގައުމަކަށް 433 ޓަނުގެ މުދާ ފޮނުވި

އައިޝަތު އިބްރާހިމް - 08 އޮކްޓޯބަރު 2025 - 07:45
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ސީ ޓު އެއާ ކާގޯ ހިދުމަތުން މިދިޔަ ސެޕްޓެމްބަރު މަހު 433 ޓަނަށް ވުރެ ގިނަ މުދާ އުފުލާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ކަނޑާއި ވައިގެ ދަތުރުފަތުރު އެއްކޮށްލައިގެން ދެވޭ ހިދުމަތެއްގެ ގޮތުގައި މިދިޔަ އަހަރު ފެށުނު މި ހިދުމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ.
އެގޮތުން ފާއިތުވީ 6 މަސް ދުވަސްތެރޭގައި 9 އެއާލައިނެއް މެދުވެރިކޮށް 20 ގައުމެއްގެ ތަފާތު މަންޒިލަކަށް ކާގޯ ފޯރުކޮށްދީފައިވާ ކަމަށް އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 111 ޓީއީޔޫސް (ޓްވެންޓީ ފޫޓް އިކުއިވެލެންޓް ޔުނިޓް)އެވެ.
އެ ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު އިތުރުވެ، އިގްތިސާދީ ގޮތުން ވެސް ފައިދާތަކެއް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ދާއިރާ ތަރައްގީކޮށް، ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީން ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެއެވެ.
އެ ހިދުމަތުން ލިބެމުންދާ ކުރިއެރުމަކީ ރާއްޖޭގެ ބައިނަލްއަގްވާމީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގެ މަގާމު ވަރުގަދަވަމުންދާކަމުގެ ހެއްކެކެވެ. ސީ ޓު އެއާ ކާގޯ ހިދުމަތަކީ ކަނޑު މަގުންނާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް އެއްކޮށްލައިގެން ދެވޭ ހިދުމަތެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްގީކޮށްފައިވާ އައު ކާގޯ ޓާރމިނަލް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެ ޓާރމިނަލާއެކު އަހަރަކު ޖުމުލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް ދެވޭނެ ގާބިލުކަން އެމްޕީއެލްއަށް ލިބިގެންވެއެވެ.
އެ ޓާރމިނަލް ބޭނުންކުރަން ފެށި ފަހުން ކާގޯ އުފުލާ މިންވަރު ވަނީ އިތުރުވެފައިކަމަށް އެމްޕީއެލުން ބުނެއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެން ތަޢާރަފްކުރީ 15 މެއި 2024 ގައެވެ. މި ޚިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ. އެހެން ނަމަވެސް މިހާރު މި ޚިދުމަތާ ގުޅިފައިވާ އެއަރލައިންތަކުގެ އަދަދަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން