
ދިވެހީންގެ ބިން ދިވެހީންނަށް ނަމުގައި ބޭއްވި އެއްވުމުގެ ތެރެއިން،، ފޮޓޯ: ސޯޝަލް މީޑިއާ
"ދިވެހި ބިމުގެ ދިފާޢުގައި" ބިޔަ އެއްވުމެއް ބާއްވަނީ

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 11:38
ރަސްމާލެ މަޝްރޫޢާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިން ދޫކުރުމަށް ނިންމާފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، "ދިވެހި ބިމުގެ ދިފާޢުގައި" ގެ ނަމުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.
މި އެއްވުމާ ގުޅޭގޮތުން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފަސްގަނޑާއި ބިމުގެ މިލްކުވެރިކަން ދިފާޢުކުރުމަށްޓަކައި ބާއްވާ މި ބިޔަ އެއްވުން އޮންނާނީ 3 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ގައި މާލޭގެ އާޓިފިޝަލް ބީޗުގައި ކަމަށެވެ. އަދި މި ތާރީޚު ކަލަންޑަރުގައި ފާހަގަކުރައްވައި، ވީހާވެސް ގިނަ ރައްޔިތުން މި އެއްވުމަށް ތައްޔާރުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މަލީހް ހާމަކުރެއްވި ގޮތުގައި، މި އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ދިވެހި ޤައުމީ ދިދައިގެ ކުލަތައް ކަމަށްވާ ރަތް، ހުދު އަދި ފެހި ކުލައިގެ ހެދުމެއް އެޅުމަށް ވަނީ އެދިވަޑައިގެންފައެވެ. މިއީ ޤައުމީ ޖޯޝާއި ދިވެހިންގެ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ކަނޑައެޅި ކުލަތަކެއް ކަމަށް ޕީއެންއެފުން ފާހަގަކުރެއެވެ.
މި އެއްވުން އިންތިޒާމު ކުރުމުގެ މައިގަނޑު ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ހިއްކުމުގެ އަގުގެ ގޮތުގައި، ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް އެ ސަރަޙައްދުން ބޮޑު ސަރަހައްދެއް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމާއި ދެކޮޅަށް އަޑު އުފުލުމަށެވެ.
ރަސްމާލެ މަޝްރޫޢަކީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ނަމަވެސް، މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަރުޙަލާގައި ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިވެހި ބިން މިލްކުވާ ގޮތަށް ނުވަތަ ބޭނުންކުރެވޭ ގޮތަށް ދޫކޮށްލުމަކީ ޤައުމުގެ ސިޔާދަތަށާއި އިޤްތިޞާދަށް ގެއްލުންހުރި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ސިފަކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކުވެއިތަށް ދިން ހަމަލާއަކީ ހަނގުރާމަ ފުޅާކުރަން ބަޔަކު ރޭވި އޮޅުވާލުމެއް: އީރާން
16 ގަޑިއިރު ކުރިން

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
17 ގަޑިއިރު ކުރިން

މިފްކޯގެ މަސްފިހާރައެއް އައްޑޫ ހުޅުދޫގައި ހުޅުވައިފި
17 ގަޑިއިރު ކުރިން

ފާޙިޝް ކަންކަން ފަތުރާ މީހުންނަށް ދެ ދުނިޔޭގައި ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރި: ޚުތުބާ
17 ގަޑިއިރު ކުރިން


