logo
ތ. ވިލުފުށީ މިސްކިތް

ތ. ވިލުފުށީ މިސްކިތް

ފާޙިޝް ކަންކަން ފަތުރާ މީހުންނަށް ދެ ދުނިޔޭގައި ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރި: ޚުތުބާ

profile

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 10:16

މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝު ކަންތައްތައް ފަތުރަން ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރިކަން ކީރިތި ޤުރުއާނުން ސާބިތުވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށެވެ. އަދި ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އެފަދަ އެންމެހައި ޢަމަލުތައް މާތް ﷲ ވަނީ ޙަރާމްކުރައްވާފައެވެ.

ފާޙިޝު ޢަމަލުތަކުގެ ތެރެއިން ފާފަވެރިކަން އެންމެ ބޮޑު ކަންކަމުގެ ގޮތުގައި ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާޠާއި ސިޙާޤު ފަދަ ނުބައި ޢަމަލުތައް ޚުތުބާގައި ފާހަގަކުރިއެވެ. މީގެ އިތުރުން، ލިވާޠުކުރުމުގެ ނުބައި އާދައިގެ ސަބަބުން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވި ގަދަފަދަ ޢަޛާބުން މިއަދުގެ މުސްލިމުން ޢިބުރަތް ލިބިގަންނަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މުޖުތަމަޢުގައި މިފަދަ ކަންކަން ފެތުރުމުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރިގެންދާ ކަމެއް ކަމަށެވެ. އެގޮތުން މިއަދު ދުނިޔޭގައި އެޗް.އައި.ވީ ވައިރަހާއި އެއިޑްސް ބައްޔާއި، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ފާޙިޝު ޢަމަލުތައް ހިންގާ މީހުންގެ މެދުގައިކަން ވަނީ ހަނދާންކޮށްދީފައެވެ.

ޒަމާނަށް އައި ބަދަލާއެކު ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގުން މުޖުތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރަމުން، މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށް މައިންބަފައިންނާއި، މުދައްރިސުންނާއި، ކަމާބެހޭ މުއައްސަސާތަކުގެ މަސްއޫލުވެރިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެހެން ނޫންނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ޚުތުބާ ނިންމާލަމުން ވަނީ، އިންސާނާގެ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ކާވެނީގެ ޝަރުޢީ މަގު އިޚުތިޔާރުކުރުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ކާވެނިކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ ޒުވާނުން ރޯދަހިފައިގެން ނަފްސު ދިފާޢުކުރުމަށާއި، ދުނިޔޭގެ ވަގުތީ އުފަލަށްޓަކައި ﷲ ޙަރާމްކުރެއްވި ކަންކަމާ ދުރުހެލިވެ، ކީރިތި ޤުރުއާނާއި ކައު ރަސޫލާގެ ސުންނަތުގައި ސާބިތުވެ ތިބުމަށް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

https://wamco.com.mv/
tel:+9607331319