ހުޅަނގުމޫސުމުގެ ބާރުގަދަވެފައިވާ މިދަނޑިވަޅުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށާއި، ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުތައް ގަދަވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެއީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީއެވެ.
އެ އިދާރާއިން ބުނީ،، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ބާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރަށްވުރެ މިއަދު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެނުކާއި ހުޅަނގުން 10 މޭލާއި 20 މޭލުގެ ބާރު މިނުގައި ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ މޫސުން ލަފާކުރެވޭ ގޮތުން ގޯސްވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ވައި ބާރުވެ ކަނޑު ގަދަވި ނަމަވެސް ވާރޭ ވެހޭ މިންވަރު މިއަދުން ފެށިގެން މަދުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ފަސްކޮށްލުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ.