logo

އިސްރާއީލު ޕާސްޕޯޓާ ގުޅޭ ކުއްލި މައްސަލަ ޝަރުތު ހަމަނުވާތީ ބަލައިނުގަތް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޮކްޓޯބަރު 2024 - 12:15

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.

އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރަށް އެންމެ ފުރަތަމަ ހުށަހެޅި ބިލެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. އެ ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

އެ ބިލުގެ މަސައްކަތް ލަސްވަމުންދާތީ ސަރުކާރަށް ފާޑުވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމްއެވެ. އެ މައްސަލައިގައި މެމްބަރު ގޮވާލައްވާފައިވަނީ އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރުމަށެވެ.

މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ކުއްލި މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރިޔާސަތުން ވިދާޅުވީ، އެ މައްސަލައިގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ އެ މައްސަލަ ހުށަހެޅެން ނެތް ވާހަކަ އިއްޒަތްތެރި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން." އަބްދުއްރަހީމް

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ލަސްކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީން ވެސް ވަނީ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319