logo

"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" ގައުމީ ކެމްޕެއިން ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 08 ނޮވެމްބަރު 2025 - 13:57

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރުވުމުގެ މަޤްސަދުގައި ހިންގޭ ޤައުމީ ކެމްޕެއިން ކަމަށްވާ "ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން" ފެއްޓުމުގެ ރަސްމިއްޔާތު ކ. ގުރައިދުގައި ބާއްވައިފިއެވެ.

https://wamco.com.mv/

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދަ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމްގެ އިތުރުން އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވެނީ ގުރައިދޫ ކައުންސިލާއި ރަށުގައި ގާއިމުވެފައިވާ މުއައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.

މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ އާދަތަކާއި ކެއިންބުއިމުގެ ވައްޓަފާޅިއާ ގުޅިގެން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް ހޭލުންތެރިކުރުންކަމަށް ހެލްތް މިނިސްޓްރީއިން ބުންޏެވެ.

"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" މި ޝިއާރުގެ ދަށުން ހިންގޭ މި ކެމްޕެއިންގައި ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ތެރެއިން އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމަށް މަސައްކަތްކުރާނެއެވެ.

އެ މިނިސްޓްރީއިން ބުނި ގޮތުގައި ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން ހިންގުމަށް ހަމަޖެހިފައިވަނީ އެކި އިދާރާތަކާ ގުޅިގެންނެވެ. ރަށު ފެންވަރުގައި އާއްމު ޞިއްޙަތާ ގުޅޭ ޙަރަކާތްތައް ކާމިޔާބުކަމާއެކު ރޭވުމާއި ތަންފިޒުކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ފަރާތްތައް މި މަސައްކަތުގައި ބައިވެރިވާނެއެވެ. މި ކެމްޕެއިންގައި މައިގަނޑު ގޮތެއްގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ޞިއްޙީ ވުޒާރާ، ރަށުގެ ޞިއްޙީ މަރުކަޒުތައް/ހޮސްޕިޓަލްތައް، ތަޢުލީމީ ދާއިރާ (ސްކޫލް، ކޮލެޖު، ޔުނިވަރސިޓީ)، ރަށު ކައުންސިލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކާއި ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ ބައިވެރިވުން ވެސް ކަށަވަރުކުރެވިފައިވެއެވެ.

ކެމްޕެއިންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހިންގޭ ހަރާކާތްތައް ގަވައިދުން މޮނިޓަކޮށް ވަޒަންކުރުމުގެ ނިޒާމެއް ގާއިމުކުރެވޭނެއެވެ. އަދި އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް އަގުވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށްޓަކައި، ކޮންމެ އަހަރަކު ދިނުމަށް ތިން އެވޯޑެއް ވަނީ ތަޢާރަފްކުރެވިފައެވެ. އެއީ: ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑް، ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ސްކޫލު އެވޯޑް، އަދި ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ޖަމިއްޔާ އެވޯޑް އެވެ. މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ފަރާތްތަކަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay