
އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު / ފޮޓޯ: ރައީސް އޮފީސް
399 ފަރާތަކާއި ފްލެޓްގެ ތަޅުދަނޑި ވަނީ ހަވާލްކުރެވިފައި: ވަޒީރު މުއްތަލިބު

މުޙައްމަދު ފަޟްލޫން - 28 ޑިސެމްބަރު 2025 - 09:45
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 399 ފަރާތަކާއި ފްލެޓްގެ ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ 3879 ފަރާތަކާއި ފްލެޓް އެއްބަސްވުން ހެދިފައިވާ ކަަމަށެވެ. ވަޒީރު ވިދާޅުވީ އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާއި އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށެވެ.
ފްލެޓް ހަވާލުކުރުން ކޮންމެވެސް ވަރަަކަށް ލަސްވެގެންްދިޔައީ އިމާރާތްކުރުމުގެ އެއްބަސްވުމުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުން ހިމެނިފައިނުވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެމަަސައްކަތް އެމްޑަބްލިޔު އެސްސީ އަދި ސްޓެލްކޯ މެދުވެރިކޮށް މިސަރުކާރުން ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ލޭންޑް ސްކޭޕިންގ މަސައްކަތްތައް ކުރަން ޖެހުމަކީ ފްލެޓް ހަވާލްކުރުން ލަސްވެގެންދިޔަ އެއް ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލްވި އިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4000 ފްލެޓްގެ މަސައްކަތް ނިމިފައިވަނީ 32 ޕަސެންޓް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބާކީ ހުރި 68 އިންސައްތަ މަސައްކަތް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފެނާއި ނަރުދަމާ އާއި ކަރަންޓް ފްލެޓްތަކަށް ގުޅުމާއި ލޭންޑް ސްކޭޕިންގ ގެ މަސައްކަތް ކުރުމަށްފަހު ފްލެޓްތައް ލިބޭ ފަރާތްތަކާއި ހަވާލްކުރެވިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ވަނަ ފިޔަވަހިން 709 ގޯތި ދެވިފައިވާ އިރު 699 ގޯތި ހަވާލްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3 އިން 698 ގޯތި ލިބޭ ފަރާތެއް ކަނޑައެޅިފައިވާއިރު ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ އަލުން ގުރުއަތު ނެގުން މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފޭސް 3 ގެ ބިން ހިއްކުން ބާރު ސްޕީޑްގައި ކުރިއަށް ދާއިރު ހިއްކަންޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.






