
މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ނުކުރަން މިފްކޯއިން ނިންމައިފި

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 15:39
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯއިން) ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނައިކަން އިއްޔެ ވާނީ އިޢުލާންކޮށްފައެވެ. ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖަޢާކޮށް، ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި ބަދަލާއެކު، 5 މާރިޗު 2026 ގައި މިފްކޯއިން އިޢުލާންކުރި އަގުތައް ދެމިއޮންނާނެއެވެ. މިގޮތުން މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މީގެ އިތުރަށް ކުރިއެކޭވެސް އެއްގޮތަށް، މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުންނެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މި ބަދަލަކީ މިދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު ފިޔަވަޅެކެވެ.






.gif&w=3840&q=75)