
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 20 ޖުލައި 2026 - 11:42
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުވަމުން ނުދާތީ، އެކަމުގެ ކަންބޮޑުވުންތަކާއެކު ކަމާބެހޭ އިދާރާތަކާ ސުވާލުކޮށް މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެންބަރު ފޮނުއްވި ސިޓީގައި ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި ފާހަގަކުރެވޭ މުހިންމު ބައެއް އުނިކަންކަން ބަޔާންކުރައްވާފައިވެއެވެ.
އެގޮތުން، ގާނޫނުގައިވާ މިންގަނޑުތަކާ އެއްގޮތަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް ބޭނުންވާ ރިހެބިލިޓޭޝަން މަރުކަޒުތައް މިހާތަނަށް ގާއިމުވެފައި ނެތްކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ކުދިން ބައިތިއްބާނެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ނެތްކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ކުށްކުރާ ކުދިން ޝަރީއަތުގެ މަރުހަލާއަށް ގެންދިއުމުގެ ބަދަލުގައި، މުޖުތަމައަށް އަހުލުވެރިކުރުވުމަށް ހިންގަންޖެހޭ 'ޑައިވާޝަން ޕްރޮގްރާމް' ތައް މުޅި ރާއްޖެއަށް ފުޅާވެފައި ނުވާކަންވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނުކުރުން ލަސްވުމާއި، ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުންގެ ދަތިކަމުގެ ސަބަބުން ކުދިން މޮނިޓާކުރުމަށް ހުރި ހުރަސްތަކަށްވެސް މެންބަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، ގާނޫނުގައި ކުޑަކުދިން ބަންދުކުރުމަކީ އެންމެ ފަހުގެ މަރުހަލާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެކުދިންނަށް ބޭނުންވާ އިސްލާހީ ފަރުވާ ފޯރުކޮށްދޭނެ މަރުކަޒުތައް ގާއިމުވެފައި ނެތުމުގެ ސަބަބުން، ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކުދިން ދިގު މުއްދަތަކަށް ބަންދުގައި ބޭއްތިބުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމާ ގުޅިގެން، އެއަށްވުރެ ހަގު އުމުރުފުރާގެ ކުދިން ކުރާ ކުށްތަކާ ގުޅިގެން އެޅޭނެ އިސްލާހީ ފިޔަވަޅުތަކުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރިކަން މެމްބަރު ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި މަސައްކަތްތައް ވިލަރެސްކުރުމުގައި ހުރި ލަސްތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މައިގަނޑު ސަބަބަކީ އެކުދިންގެ ނާޖައިޒު ފައިދާ ނަގާ ބޮޑެތި މީހުން ކަމަށްވާއިރު، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު ނޭޅޭ ނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޖުވެނައިލް ކޯޓު އުފައްދާފައިވީ ނަމަވެސް، އެ މުއައްސަސާތަކަށް ބޭނުންވާ އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ފޯރުކޮށްދީފައި ނުވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ދެމެދު ހުރި ފުށުއެރުންތައް ނައްތާލައި، ގާނޫނީ އޮނިގަނޑު ހަރުދަނާކުރަން ޖެހިފައިވާކަން ވެސް ކުޑޫގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށްޓަކައި، ހޯމް މިނިސްޓްރީ އާއި ، ހެލްތު މިނިސްޓްރީގެ އިތުރުން ކަމާބެހޭ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީއާ ގަމު ކައުންސިލް ގުޅިގެން މަސައްކަތްކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް!
14 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަނީ
14 ގަޑިއިރު ކުރިން

ވޯލްޑް ކަޕް ފައިނަލުގައި މޮޅުވުމުން ޔަމާލް އެންމެ ފުރަތަމަވެސް ޖެހީ ޝުކުރުގެ ސަޖިދައެއް!
14 ގަޑިއިރު ކުރިން

ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)