ޞާލިޙު ކޮންމެ ޢަމަލަކީ اللهގެ ޝަޢީރާ: ހުކުރު ޚުޠުބާ
ޒިދާން މުޙައްމަދު - 20 ޑިސެމްބަރު 2024 - 14:10
ޞާލިޙު ކޮންމެ ޢަމަލަކީ اللهގެ ޝަޢީރާ ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ "ޣައިރުދީންތަކުގެ ޝިޢާރުތައް ފާޅުކުރުން" މިމައުޟޫއުގެ މައްޗަށެވެ.
ޚުޠުބާގައި ބުނީ، ޝަޢީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތް الله އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތަކެއް ކަމަށާއި މާތް اللهގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ މި ޝަޢީރާތަކަށް އަހުރެމެންގެ ހިތްތަކުގައި މަތިވެރި މަޤާމު ދިނުން ކަމަށެވެ.
ޚުޠުބާގައި ބުނީ، މި ކަންތައްތައް ޝައުޤުވެރިކަމާއި ލޯތްބާ އެކު ކުރުމަަކި ލާޒިމް ކަމެއް ކަމަށެވެ. އިސްލާމްދީނުގެ ޝަޢީރާތަކުގެ ތެރޭގައި ވަކި މޫސުމަކާ ގުޅިފައިވާ ޝަޢީރާތައް ވާކަން ފާހަގަކޮށް މިސާލެއްގެ ގޮތުން ދެ ކަމެއް ފާހަގަކުރިއެވެ. އެއީ ރަމަޟާން މަހުގެ ރޯދައަކީ ރަމަޟާން މަހާ ގުޅިފައިވާ ކަމެއް ކަމާއި ޙައްޖަކީ، ޙައްޖު މޫސުމާ ގުޅިފައިވާ ކަމެއް ކަމެވެ.
ޞާލިޙު ކޮންމެ ޢަމަލަކީ اللهގެ ޝަޢީރާއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މާތް الله އެކަލާނގެ ޝަޢީރާތައް މާތްކުރައްވައިފައިވާތީ އަހުރެމެން މުސްލިމުން ވެސް އެ ޝަޢީރާތައް މަތިވެރިކުރާން ޖެހޭނެ ކަމަށެވެ. މާތް الله ވަނީ އެކަލާނގެ ކަލާމްފުޅު، ކީރިތި ޤުރްއާން، މަތިވެރިކުރައްވައިފައެވެ. އެހެންކަމުން ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ކުރެވޭ ކޮންމެ ޢަމަލަކާ އަހުރެމެން ދެކޮޅުހަދާން ޖެހޭނެއެވެ.
ޚުޠުބާގައި ބުނި ގޮތުގައި، މާތް اللهގެ ޝަޢީރާތަކުގެ ތެރޭގައި މިސްކިތްތައް ވެއެވެ. އެއީ ބިންމަތީގައި ހުރި އެކަލާނގެ ގެކޮޅުތަކެވެ. މިސްކިތްތަކަށް ވަދެ އެ ތަންތަން ނުތާހިރުކުރުމަކީ މި ޝަޢީރާއަށް އިހާނެތިކޮށް ހިތުމެވެ. އަހުރެމެން މި ކަންކަން ހުއްޓުވާން ޖެހޭނެއެވެ. މިސްކިތްތައް ސާފުތާހިރުކޮށް ބެހެލެއްޓުމަކީ އެތަންތަނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެއެވެ. އެއީ ޢަޤީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަޚުލާޤުގެ ކަމެއް ކަމުގައި ވިޔަސް މެއެވެ. އެ މީހުންގެ ޚާއްޞަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައި ވިޔަސް އަދި އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައި ވިޔަސް، އަހުރެމެން މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އިސްލާމްދީން މި ކަންކަމާ ދެކޮޅުހަދައިފައިވާ މިންވަރުގެ ބޮޑުކަމުން ޔަހޫދީން ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ދެކެ ރުޅިއައިސްގެން ބުންޏެވެ.
(مَا يُرِيْدُ هَذَا الرَّجُلُ أَنْ يَدَعَ مِنْ أَمْرِنَا شَيْئًا إِلَّا خَالَفَنَا فِيْهِ)
މާނައީ: "އަހުރެމެންގެ ކަންތައްތަކުގެ ތެރެއިން މި ކަލޭގެފާނު އަހުރެމެންނާ ޚިލާފުވެވަޑައިނުގަންނަވާ އެއްވެސް ކަމެއް ނުވެއެވެ."
އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެކެވެ. މި ކަމަށް އިންޒާރުކުރައްވައި މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
( لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوْا فِيْ جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ)
މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން އުޅުނު ގޮތްތަކަށް ތިޔަބައިމީހުން ތަބަޢަވާނޭކަން ކަށަވަރެވެ. އެހާމެ ފަތިގަނޑު ހަމަކުރާ ނެއެވެ. އެމީހުން ކައިވަތް އަޅައިގެން ކަމެއް ކުރިކަމުގައި ވިޔަސް ހަމަ އެ ފަދައިން ތިޔަބައިމީހުން ވެސް އެކަމެއް ހަމަ އެ ގޮތަށް ކުރާނެއެވެ. އަދި އެ މީހުން މުށް އަޅައިގެން ކަމެއް ކުރިކަމުގައި ވިޔަސް ހަމަ އެ ކަމެއް އެ ފަދައިން ތިޔަބައިމީހުން ކުރާނެއެވެ. އެގޮތުން އެ މީހުން ގޮސް ضَبُّ ގެ ހޮރަކަށް ވަން ކަމުގައި ވިޔަސް، ތިޔަބައިމީހުން އެ ކަމުގައި އެ މީހުންނަށް ތަބަޢަވާނެތެވެ."
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުސްލިމުން ޣައިރުމުސްލިމުންގެ ދީނީ ޝިޢާރުތަކަށް ތަބަޢަވުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެއިގެ ތެރޭގައި އެ މީހުންގެ ޢީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުން ހިމެނެއެވެ.
މިހެންވެ ރަޙްމާނުވަންތަ ރަސްކަލާނގެ އަޅުން ސިފަކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. މާނައީ: "އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ." އިބްނު ޢައްބާސްގެ އަރިހުން ބޮޑެތި މުފައްސިރުން ރިވާކުރައްވާ ގޮތުގައި މި އާޔަތުގައި ވާރިދުވެގެންވާ "اَلزُّوْرُ" މި ބަސްފުޅުގެ މާނައަކީ، މުޝްރިކުންގެ ޢީދުތަކެވެ. އެބަހީ: މުސްލިމުންނަކީ ޣައިރުމުސްލިމުންގެ ޢީދުތަކަށް ހާޒިރުވާނެ ބައެއް ނޫނެވެ.
އެއީ، މި ފަދަ އިޙުތިފާލުތަކުގައި الله ނޫން ފަރާތްތައް މަތިވެރިކޮށް މާތްކޮށް ހަދާތީއެވެ.
މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނެއެވެ. ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
(مَن تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)
މާނައީ: "ބަޔަކާ އެއް ގޮތަށް އުޅޭ މީހާ ފަހެ އެ މީހަކީ އެބަޔެއްގެ ތެރެއިން ވާ މީހެކެވެ."
މި ހުރިހައި ބަސްފުޅުތަކަކުން ވެސް އެނގެނީ ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއްކަމެވެ. ޚާއްޞަ ކޮށް މިފަދަ ޢަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމަޢުތައް ސަލާމަތްވާންޖެހޭނެއެވެ. އަލްއިމާމުއްޛަހަބީ ވިދާޅުވެފައި ވެއެވެ.
"اللهއަށާއި އާޚިރަތް ދުވަހަށް އީމާންވާ ކޮންމެ މުސްލިމަކު ޣައިރުމުސްލިމުންގެ ޢީދުތަކާ ދުރުހެލިވެ، އޭނާގެ ނަފްސާއި އަނބިދަރީން މި ފަދަ ކަންކަމުން ރައްކާތެރިކުރާން ޖެހޭނެއެވެ."
ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ ޢަޤީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރެއެވެ. އެ މީހުންނަށް ތަބަޢަވެއްޖައުމަށް ދާންދެން އެ މީހުން މި މަސައްކަތް ހުއްޓައިނުލާނެކަން މާތް ﷲ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.
"އަދި ޔަހޫދީން ވެސް ނަޞާރާއިން ވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެ ވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ."
ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެންނެވެ. އިސްލާމީ ޢަޤީދާއާއި އަޚުލާޤުގެ މަތީގައި ޢާއިލާ ބިނާކުރެވިގެންނެވެ. އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާއެވެ. ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއްނޫނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން