
ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

އާމިނަތު ޝަޒްލާ - 08 ސެޕްޓެމްބަރު 2026 - 12:15
ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ 100 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިއްޖެއެވެ.
މި މަޝްރޫޢަކީ އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެ ކުންފުނިން މިހާރު ކުރިއަށްގެންދަނީ އިމާރާތްތަކުގެ ފަހުގެ ފިނިޝިން މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން ގަމުގައި ބިނާކުރަނީ 1000 އަކަފޫޓުގެ، ވަކިވަކިން ހުންނަ އެއްބުރީގެ 100 ހައުސިން ޔުނިޓެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ކޮންމެ ހައުސިން ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާހަނަ، ސިޓިންގ ރޫމް، ބަދިގެ އަދި ކާގެ، ލޯންޑްރީ އާއި ސްޓޯރޫމް ހިމެނެއެވެ.
މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ހިތްފަސޭހަ އަދި އަމާން މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ގިނަ ވަސީލަތްތަކެއް އެ ސަރަހައްދުގައި އެކުލެވިގެންވެއެވެ. އެގޮތުން، މުޅި ސަރަހައްދު ވަށައިގެން މަގުބައްތި ޖަހައި އަލިކުރުމާއި، ކުޑަކުދިންނާއި އާއިލާތަކަށް ހިތްހަމަޖައްސާލެވޭނެ ފަދަ ޕާކެއްގެ އިތުރުން ވެހިކަލް ޕާކުކުރާނެ ޚާއްޞަ ޒޯނެއްވެސް އެ ސަރަހައްދުގައި ތަރައްޤީކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ އަދި ލަސްވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ގަމުގައި ކުރިއަށްދާ މި މަޝްރޫޢު އެއްކޮށް ނިމުމުން އެ ރަށުގެ ގިނަ އާއިލާތަކަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދައްޗަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމައިލެވޭނެ ކަމަށް ލަފާކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
14 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
14 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
14 ގަޑިއިރު ކުރިން


