
ރާއްޖެއިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ސެޝަނުގައި ބައިވެރިވެއްޖެ

އާމިނަތު ޝަޒްލާ - 08 ސެޕްޓެމްބަރު 2026 - 12:09
ސްވިޒަލޭންޑުގެ ޖެނީވާގައި އިއްޔެ ފެށުނު އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ (ހިއުމަން ރައިޓްސް ކައުންސިލް) 63 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ސެޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެޝަން ފެށުމުގެ ގޮތުން އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ވަނީ ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ މިހާރުގެ ޙާލަތާއި، އެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރިޕޯޓެއް ހުށަހަޅުއްވާފައެވެ.
މި ސެޝަންގެ އެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ ދާއިރާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ ބަޔާންތައް ދިނުމަށް ރާއްޖޭގެ ވަފުދުން ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަރައްޤީއަށް އޮތް ޙައްޤާ ބެހޭ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ މަޝްވަރާތަކާއި، މިޔަންމާއާ ގުޅޭ އިންޑިޕެންޑެންޓް އިންވެސްޓިގޭޓިވް މެކޭނިޒަމްގެ އިތުރުން، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އިންސާނީ ކާރިސާއާ ގުޅޭގޮތުން ރާއްޖެއިން ބަޔާން އިއްވުން ހިމެނެއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޢަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓުގެ މައްޗަށް ބާއްވާ ބައްދަލުވުމުގައި ވެސް ރާއްޖެއިން ވާހަކަދައްކާނެއެވެ.
ހަމައެއާއެކު، ރާއްޖެ މެންބަރުކަން ދަރުވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ކަމަށްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)، އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ޖެނީވާގައި ހުންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިންފޯމަލް ގްރޫޕުން ނެރޭ ގުޅިފައިވާ ބަޔާންތަކުގައި ރާއްޖޭގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މި ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސްވެރިއަކީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ކައުންސެލަރ އާދަމް ޙާމިދާއި، އާމިނަތު ޝިފާޔާ އިބްރާހީމާއި، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސަޢީދެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
4 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
4 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
4 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން


