
ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން

އާމިނަތު ޝަޒްލާ - 08 ސެޕްޓެމްބަރު 2026 - 12:22
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިފަދަ ފަރާތްތަކުން މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި އެހެން މީހުންގެ އެޕާޓްމަންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން، އަދި ނުއަގުގައި ކުއްޔަށްދޭކަމަށް ދައްކައިގެން "ހުޅުމާލެ ޑެއިލީ ރެންޓް އެޕާރޓްމެންޓް" ފަދަ ފޭކް ޓިކްޓޮކް އެކައުންޓްތަކާއި 7217905 ނަންބަރު މެދުވެރިކޮށް ދަނީ މުއާމަލާތް ކުރަމުންނެވެ. އަދި އިތުބާރު ހޯދުމަށް ސައްހަނޫން ލިޔެކިޔުމާއި ވަގަށް ނަގާފައިވާ އައިޑީ ކާޑު ބޭނުންކޮށް، އެޕާޓްމަންޓް ހޯދަން އެހެން މީހުންވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައިގެން، އެޑްވާންސް ފައިސާގެ ގޮތުގައި 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދެއް އެކައުންޓްތަކަށް ޖަމާކުރުވަ އެވެ.
ނަމަވެސް ފައިސާ ޖަމާކުރި ސްލިޕް ފޮނުވުމާއެކު އެ ފަރާތްތަކުން މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް ފައިސާވެސް އަނބުރާ ނުދެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފައިސާ ޓްރާންސްފަރ ކުރެވޭ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މި ޖަރީމާތަކުގައި ނޯންނަކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ.
އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އަދި ތަނުގެ މިލްކުވެރިކަމުގެ ސައްހަ ލިޔެކިޔުންތައް ކަށަވަރުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުދެއްކުމަށް ފުލުހުން ނަސޭހަތްތެރިވެއެވެ.
މީގެ އިތުރުން، ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައްޔާއި، ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 އަށް ފައިސާ ފޮނުވި ސްލިޕް ހިއްސާކޮށްފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް ޝައްކުކުރެވޭ އަމަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
3 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
4 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން

ރާއްޖެއިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ސެޝަނުގައި ބައިވެރިވެއްޖެ
4 ގަޑިއިރު ކުރިން


