ޖޭޕީގެ ލީޑަރ އަދި އެ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމްގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަންއިން ބަލައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ގާސިމް އިބްރާހިމްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އެއީ ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އެކޮމިޝަނުން ޤަބޫލު ކޮށްފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ނިންމީ ޖޭޕީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އަދި ޖޭޕީއާ އެކުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ މަޝްވަރާ ކުރުމަށް ވެސް ކައުންސިލުން ފާސްކުރިއެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވި މިއީ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ރިޔާސީ ޓިކެޓު ދިނީ ގާސިމަށެވެ. އެ ދެ އިންތިހާބުގައި ވެސް ގާސިމަށް ދެވަނަ ބުރަށް ދެވޭ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.
ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ދިވެހި ރައްޔިތުން އޭނާ ބަލައިގަނެ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ, ޤައުމު މިހާރު އޮތް ހާލަތުގެ ވާހަކަ މިއަދު ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތްތާނގައި ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް ޤާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.
ފާއިތުވީ ދުވަސްތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރު ނެތް. ކުރިޔަށް އޮތްތާނގައި އަޅުގަނޑާއެކީ ދިވެހި ރައްޔިތުން ނުކުމެ ޤައުމުގެ ހާލަތު ބަދަލުކުރަން ފުރުސަތު ދޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަޅުގަނޑު ޤަބޫލުކުރައްވާ ގޮތުގައި ދިވެހި ރައްޔިތުން އެއްބުރުން އަޅުގަނޑު ހޮވާނެ." ގާސިމް ވިދާޅުވިއެވެ.
މ. ކުނޫޒުން ގާސިމް އާއި އޭނާގެ ޓީމާއެކު ދަތުރު ފެށީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ދަރުބާރު ގެއަށް ހިންގަވާފައެވެ. ވަރަށް ފޯރީގައި ގާސިމް އާއި ޓީމް އެކުގައި ވަޑައިގެންނެވިއިރު، ގިނަބަޔަކު ތިބީ ޖޭޕީގެ ތޮފި އަޅައިގެން، ގައުމީ ދިދަވެސް ހިފައިގެންނެވެ. އަދި އެންމެން އެއްކޮށް އިންތިހާބީ މަރުކަޒަށް ވަޑައިގެންނެވިއިރު، ގިނަބަޔަކު ދިޔައީ ގާސިމް އަށް ބާރަށް ގޮވަމުންނެވެ.