logo

ޕާކިން ބިލްޑިންގ އެޅުމަށް ސަރުކާރުން ހުރަސް އަޅާ - މުޢިއްޒު

profile

އަހުމަދު ޒަލީފު - 11 ޖޫން 2023 - 22:18

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު

މާލޭގައި ޕާކިން ބިލްޑިން އެޅުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގައި ޕާކް ކުރާނެ ޖާގަ ނެތި، އެކަމުގެ ތަކްލީފް އެތައް ބަޔަކަށް ކޮންމެ ދުވަހަކުވެސް ކުރިމަތިވަމުން އަންނައިރު، މިކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.

ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާ އެކުގައި ވެސް ނަތީޖާ ނެރެވޭ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މީގެ ކުރިން މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް މާލެ ސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކައުންސިލުން އިތުރު ގޮތްތައް ހޯދައިގެން އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ކައުންސިލަށް ލިބެމުންދާ ކަމަށާއި، ޚިދުމަތް ދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ނުބައްލަވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

"ޚިދުމަތް ދިނުމުގަ އަޅުގަނޑުމެން ނުބަލަން ވަކި ސިޔާސީ ޕާޓީއަކަށް. ހުރިހާ ރައްޔިތުންގެ ޚިޔާލުވެސް ހޯދަން. ރައްޔިތުންނާ ބައްދަލުކުރަން." މޭޔަރު ވިދާޅުވިއެވެ.

މާލެސިޓީގެ ރައްޔިތުންއެދޭ ކުދިކުދި ކަންތައްތައް ކޮށްދެމުންދާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުން އެދޭ ބޮޑެތި ކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެ ސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ރައްޔިތުން އެދޭ ކުދިކުދި ކަންތައްތައް ހައްލުކޮށްދެން. އެހެންނަމަވެސް ރައްޔިތުންއެދޭ ބޮޑެތި ބައެއް ކަންކަން ކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެ ސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް." މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދިންކަމަށް ވިޔަސް ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ދެމުންދާކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލެއް ކަމުން ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.


tel:+9607331319